ދަމުނަމާދާ ވިތުރި ކުރުމުގެ އެންމެ ފަހު ވަޤުތު-

ކިޔުމަށް ހޭދަވާނީ 1މ 45ސ
ދަމުނަމާދާ ވިތުރި ކުރުމުގެ އެންމެ ފަހު ވަޤުތު-

ދަމުނަމާދުކުރެވޭނެ އެންމެ ފަހުވަޤުތާއި ބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރެއެވެ. އެގޮތުން ކުރާ ސުވާލުތަކުގެ ތެރޭގައި "ފަތިސް ނަމާދަށް ބަންގި ގޮވަން ކައިރިކޮށް ތެދުވެ ދަމުނަމާދާއި ވިތުރި ކުރުމުން ރަނގަޅުވާނެތޯ؟ ނޫނީ ކުރަން ޖެހޭނީ އެއަށްވުރެ ކުރިއަށް ހޭލައިގެންތޯ؟" ފަދަ ސުވާލުތައް ހިމެނެއެވެ. 

މިފަދަ ސުވާލުތަކަށް ޢިލްމްވެރިން ޖަވާބަކީ "ދަމުނަމާދާއި ވިތުރި ފަތިސް ނަމާދާއި ކައިރިކޮށް ކުރެވޭނެއެވެ. އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެންމެ ފަހު ރަކްޢަތް ނިމޭތަނުން ބަންގިގޮވި ނަމަވެސް އެއޮތީ ފުދިފައެވެ."  

އެހެންކަމާއިއެކުވެސް ދަމު ނަމާދަށްފަހު ކީރިތި ޤްރްއާން ކިޔަވައި ދުޢާކޮށް ހެދުމުގެ މުހިންމުކަން ޢިލްމުވެރިން ފާހަގަކުރައްވައެވެ. ވީމާ އެމީހަކަށް ވެވުނު އަވަހަކަށް ތެދުވެ ދަމުނަމާދު ކުރުމަކީ ވަރަށް ރަނގަޅު، ފައިދާހުރި ކަމެކެވެ. ނަމަވެސް ފަތިސް ނަމާދަށް ބަންގި ގޮވުމުގެ ކުރިން ދަމުނަމާދާއި ވިތުރުކުރުމުން ރަނގަޅުވާނެއެވެ.  

ބަންގި ގޮވުމުގެ ސަބަބުން ވިތުރީގައި އެކަހެރިކޮށްކުރާ ފަހު ރަކްޢަތް ނުކުރެވިއްޖެނަމަ ޟުޙާނަމާދުކުރާއިރު 2 ރަކްޢަތް އިތުރުކޮށްލަންވެސް ބައެއް ޢިލްމްވެރިން އިރުޝާދު ދެއްވައެވެ.  

އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ތަފާތު ސަބަބުތަކާއިހުރެ ވަރަށް ލަހުން ނިދާބައެކެވެ. ގިނަ ބައަކު ލަހުން ނިދަނީ ވަގުތުތައް ބޭކާރު ގޮތުގައި ހޭދަކުރުމަށްފަހުގައެވެ. ނަމަވެސް އަނެއް ބައަކަށް ލަހުން ނިދަން މަޖުބޫރުވަނީ ދިރިއުޅެން މަސައްކަތްކުރުމުގެ ވަގުތު ހަމަޖެހިފައި އޮންނަގޮތުން މަޖުބޫރުވެގެންނެވެ. ޚާއްޞަކޮށް ރޭގަނޑު ވަޒީފާ އަދާކުރަންޖެހޭ މީހުން ފާހަގަކުރެވެއެވެ.  

އެފަދަ މީހުންނަށް ރޭގަނޑުގެ ފަހު ބައަށް އެޅުމުން ހޭލުން އޮންނަނީ ވަރަށް ދަތި އުނދަގޫ ކަމަކަށްވެފައެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ ފަތިސް ނަމާދަށް ބަންގި ގޮވުމުގެ އިރުކޮޅެއް ކުރިން، ދަމުނަމާދާއި ވިތުރުކޮށްލާނެ ވަގުތުލައި ހޭލުމެވެ. މިސާލަކަށް ފަތިސް ނަމާދަށް ބަންގި ގޮވުމުގެ 45 މިނިޓްކުރިން ހޭލާށެވެ. 15 މިނިޓުން ފެންވަރާލައި ވުޟޫކޮށްލާށެވެ! ފިރިހެނަކު ނަމަ ދަމުނަމާދާއި ވިތުރި ގޭގައި ކޮށްލައިގެން މިސްކިތުގެ ޖަމާޢަތަށް ނަމާދަށް ދާށެވެ. ސުންނަތް ނަމާދުތައް ކުރުން އެންމެ ރަނގަޅީ ގޭގައިކަމަށްވާތީއެވެ. އަންހެނަކު ނަމަ ދަމުނަމާދާއި އިތުރިކޮށްގެން ފަތިސް ނަމާދަށް އިންތިޒާރުކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން