ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ގެ ޙަޟްރަތުގަ އެންމެ ލޮބުވެތިކަން ބޮޑު ނަމާދަކީ ދަމުނަމާދުކަން އެނގޭ! ފަރުޟް ނަމާދުތަކުގެ ތެރެއިން ކޮން ނަމާދެއްތޮ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް އެދޭނެކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުން އެންމެ މަތިވެރި ދަރަޖަ ލިބުމެވެ. އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ އަޅުންގެތެރޭގައި ހިމެނުމެވެ. އެކަންކަން ބޭނުންވާއިރު އެކަލާނގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑު ނަމާދުކުރަނީ ހާދަމަދު މީހެކެވެ! އެއީ ދެކޮޅުޖެހޭނެ ގޮތެއްހެއްޔެވެ؟
ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑު ނަމާދު އެނގެން އެބައޮތެވެ. އަދި އެ ނަމާދަކީ ފަރުޟު ނަމާދުތަކުގެ ތެރޭގައި ހިމެނޭ ނަމާދަކަށްވާއިރު އެއީ ވެސް ހަމަ ކޮންމެހެން ކުރަންޖެހޭ ވެސް ނަމާދެކެވެ. ނަމަވެސް އެނަމާދާއިމެދު ގިނަބައަކު މިވަނީ ވަރަށް ބޮޑަށް ޣާފިލުވެފައެވެ.
عن ابْنَ عُمَرَ قَالَ قَالَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ أَفْضَلَ الصَّلَوَاتِ عِنْدَ اللَّهِ صَلاةُ الصُّبْحِ يَوْمَ الْجُمُعَةِ فِي جَمَاعَةٍ
2790 شعب الإيمان للبيهقي
1566 المحدث الألباني خلاصة حكم المحدث صحيح في السلسلة الصحيحة
Ibn Umar reported: The Messenger of Allah, peace and blessings be upon him, said, “Verily, the best of prayers to Allah is the dawn prayer in congregation on Friday.”
Source: Shu’ab al-Imān 2790
Grade: Sahih (authentic) according to Al-Albani
އިބްން ޢުމަރު ރިވާކުރައްވަވާފައިވާ މިޙަދީޘްފުޅުގެ މާނައީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު (އެންމެ މަތިވެރި) ނަމާދަކީ ޖަމާޢަތުގައި ކުރެވޭ ހުކުރު ދުވަހުގެ ފަތިސްނަމާދެވެ.
ފަތިސްނަމާދަށް ފަރުވާކުޑަކުރެވޭނަމަ މިރެއިން ފެށިގެން ފަތިސް ނަމާދަށް، ޚާއްޞަކޮށް ހުކުރު ދުވަހުގެ ފަތިސްނަމާދު ޖަމާޢަތުގައި ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެމާހެއްޔެވެ؟ މީގެ އިތުރުން މިފަދަ ކަންކަން އެކުުވެރިންނަށާއި ގާތްތިމާގެ މީހުންނަށް ޝެއާކޮށް އަންގައި ދިނުމަކީ އެކަމުން ތިބާއަށް ވެސް ނުހަނު މަތިވެރިކުރާނެ ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން