الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين. أما بعد:
ޙަރާމު ގޮތުގައި ބޭނުންކުރާ ކޮންމެ އެއްޗެއް ނުވަތަ ޙަރާމު ގޮތުގައި މީހުން ބޭނުންކުރާނެކަމަށް ބޮޑަށް ބެލެވޭ ކޮންމެ އެއްޗެއް އުފެއްދުމާއި، އެފަދަ ތަކެތި އިމްޕޯޓުކުރުމާއި، ވިއްކުމާ އަދި މުސްލިމުންގެ މެދުގައި އެފަދަ ތަކެތި ފެތުރުން ހުއްދަވެގެން ނުވެއެވެ.
މިހާރަކަށް އައިސް ވަރަށް ގިނަ އަންހެނުން ލައިއުޅޭފަދަ ތުނި، ގަޔަށް ބާރު، ކުރު ހެދުން އޭގެ ތެރޭގައި ހިމެނެއެވެ. - ﷲ އެބައިމީހުން ހިދާޔަތު ދައްކަވާށިއެވެ! – އެފަދަ ހެދުންލުން ހިމެނޭނީ ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަންހެނުންގެ ޒީނަތާއި ވަނާތައް ފާޅުކުރުމުގެ ތެރެއިންނެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައި ވެއެވެ. ފާފައިގެ ތެރޭގައި ހިމެނޭ ކަމެއްގައި ބޭނުންކުރާ ނުވަތަ އެފަދައިން ބޭނުންކުރާނެކަމަށް ބޮޑަށް ހީވާ ކޮންމެ ހެދުމެއް އެފަދަ މީހަކަށް ވިއްކުން ނުވަތަ ފަހައިދިނުން ހުއްދަވެގެން ނުވެއެވެ. ފާފަކުރުމުގައި ބޭނުންކުރާނެކަން ކަނޑައެޅިގެން އެނގޭނަމަ، އޭގެ އަޞްލުގައި މުބާޙު ކޮންމެ އެއްޗެއްވެސް ވާނީ އެފަދައިންނެވެ. [فتاوى اللجنة الدائمة، المجموعة الأولى (13 / 109 - 110) رقم الفتوى: (19852)]
އެނޫން ގޮތަކަށް، މިސާލަކަށް ގޭތެރޭގައި ލުމަށް ނުވަތަ އެނޫންވެސް ހުއްދަ ގޮތެއްގައި ބޭނުންކޮށްފާނެހެން ހީވަންޏާ އެފަދަ ހެދުންތައް ފެހުމަކީ މައްސަލައެއް ނޫނެވެ.
- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ / މިއަދުނޫހަށް
(ޝައިޚްގެ މިބަސްފުޅުން އެނގެނީ އަންހެނަކު އެފަދަ ހެދުމެއް ފައްސަނީ ހިލޭ ފިރިހެނުންގެ ކުރިމައްޗަށް ނުކުތުމަށް ނޫންކަމަށްވާނަމަ، ފިރިމީހާއަށް ހިތްހަމަޖަހުން ހޯދައިދިނުމަށް ކަމަށްވާނަމަ ފަހައިދިނުމަކީ މައްސަލައެއް ނޫނެވެ. ދާދިފަހުން އިވެންޓަކުން ފެނުނު އަންހެނަކު ހެދުން ލައިގެން ހުރީ ކޮނޑުހުޅާ ހަމައިން ދެއަތް ލާފައި ހުރި ފޮތީގެ ސަބަބުން އެއްވެސް ނިވާކަމެއް ނެތި، ކިހިލިފަތްދޮށާއިވެސް އެކު ފެންނަ ގޮތަށެވެ. އެފަދަ ހެދުން ފަހައިދިނުން ހުއްދަ ނޫން ކަމެވެ.)