ސުންނަތް ނަމާދުތައް ކުރުމުން ލިބެން އޮތް ފައިދާގެ ބޮޑުކަން އެނގޭނަމަ އެންމެ ސުންނަތް ނަމާދެއްވެސް ނުކޮށް ދޫކޮށް ނުލާނެ! ވީހާ ގިނަ ރަކްއަތްވެސް ކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 15ސ
ސުންނަތް ނަމާދުތައް ކުރުމުން ލިބެން އޮތް ފައިދާގެ ބޮޑުކަން އެނގޭނަމަ އެންމެ ސުންނަތް ނަމާދެއްވެސް ނުކޮށް ދޫކޮށް ނުލާނެ! ވީހާ ގިނަ ރަކްއަތްވެސް ކުރާނެ!

ފަރުޟޫނަމާދުތަކަށް ރައްކައުތެރިވާ ބައެއް މީހުންވެސް ސުންނަތް ނަމާދުތަކަށް އެހައި ބޮޑަކަށް ސަމާލުކަމެއް ނުދެއެވެ. ފަރުޟް އަދާކުރެވުމުން ނިމުނީ ކަމަށް ބަލައި ފުއްދައިލަނީއެވެ. އަހުރެން ބުނާނީ އެއީ ސުންނަތް ނަމާދުތައް ކުރުމުން ލިބެން އޮތް ފައިދާގެ ބޮޑުކަން ނުއެނގޭތީ ކަމަށެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ސުންނަތް ނަމާދުތައް ކުރުން ގިނަކުރާށެވެ! ކުރަންވީވެސް ވީހައި ގިނަ ރަކްޢަތެވެ. މިސާލަކަށް ސުންނަތް ނަމާދެއްގައި 8 ރަކްޢަތް ކުރަން ފުރުޞަތު އޮތް ނަމަ އެކުރެވެނީ 2 ރަކްޢަތުން 4 ނަމާދެވެ! 2 ރަކްޢަތަށް ކުރުކޮށްލުމުގެ ބަދަލުގައި 8 ރަކްޢަތް ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! އަދި 8 ރަކްޢަތް ނުކުރެވޭތީ ނުކޮށްވެސް ނުހުންނާށެވެ! 2 ރަކްޢަތް ނަމަވެސް ކުރަމުން ގެންދާށެވެ. އާޚިރަތް ދުވަހުގެ ހިސާބު ބެއްލެވުމަށް ބިރުވެތިވެ ނަރަކައިން ސަލާމަތްވާން މަސައްކަތްކުރުމަކީ އެއީއެވެ.  

ﷲ ތަޢާލާ ފަސް ނަމާދު ފަރުޟު ކުރައްވަވައި އެ ފަސް ނަމާދުގައި 17 ރަކްޢަތް ލައްވަވާފައިވަނީ ދުވާލުގެ ފަސްވަގުތުގައި ކުރުމަށެވެ. ތަރާވީޙް ނަމާދު ފަދައިން ގިނަ ރަކްޢަތްތަކެއްކޮށް އެއް ނަމާދަކުން ނިންމައިލެވޭގޮތަށް ބާވައިނުލެއްވެވީ ކީއްވެގެން ހެއްޔެވެ؟ އަދި އިތުރަށް ވިސްނާނަމަ އޮތީ 5 ނަމާދެއްވެސް ނޫނެވެ 6 ނަމާދެވެ. އެހެނީ ދަމުނަމާދަކީ ވެސް ދޫކޮށްލައިގެން ދެކޮޅު ޖެއްސެން އޮތް ނަމާދެއް ނޫނެވެ.  

ނަމާދުތައް ތަރްތީބުވެގެން އައިސްފައިވާ ކޮތަށްބަލާއިރު ފަތިހު ނިދީން ހޭލެވުމާއިއެކު ފަތިސް ނަމާދުކުރަން އެބަޖެހެއެވެ. މަސައްކަތްފަށައި މަސައްކަތް ނިންމުމުގެ ކުރިން މެންދުރު ނަމާދުކުރަން އެބަޖެހެއެވެ. މަސައްކަތް ނިންމައި އެއްބައަކު ޢަޞްރު ނަމާދުކުރާއިރު އަނެއް ބައަކަށް މަސައްކަތް ނިންމެނީ މަޣްރިބް ނަމާދަށެވެ. އެއަށްފަހު ނިދުމުގެކުރިން ޢިޝާނަމާދުކުރަން އެބަޖެހެއެވެ. ޢިޝާ ނަމާދުކޮށްގެން ނިދުމަށްފަހު ފަތިސްވަންދެން ނިދަން ނޯވެ މެންދަންވުމުން ނުވަތަ މެންދަމުން ފަސްވުމުން ހޭލައި ދަމުނަމާދުކުރަން އެބަޖެހެއެވެ.  

މިބުނެވުނީ އެންމެ މަދުމިނެވެ. މިހައި ގިނަ ވަގުތުތަކުގައި ނަމާދުކުރަންޖެހޭ ގޮތަށް އޮތުމުން ޤަބޫލުކުރެވެނީ ގިނަގިނައިން ﷲ ތަޢާލާ ހަނދުމަކޮށް އެކަލާނގެއަށް ސަޖިދަކުރަން ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ މިންވަރެވެ. ތެދަށް ބުނާނަމަ އަދި އެވަރުންވެސް ފުދެނީއެއް ނޫނެވެ. ފަރުޟު ކޮންމެ ނަމާދަކާއި ސުންނަތް ނަމާދުތަކެއް ވަނީ ގުޅިފައެވެ. މިބުނަނީ ރަވާތިބު ސުންނަތްތަކުގެވާހަކައެވެ. އިތުރު ސަޖިދަތަކެއް ކުރަން މިވަނީ ފުރުޞަތުލިބިފައެވެ. 

ފަރުޟުވެގެންވަނީ 5 ނަމާދު ނަމަވެސް ސުންނަތް ނަމާދުތަކަށް އަދަދަދެއް ނެތެވެ. ﷲ އަށް 2 ރަކްއަތުގެ ނަމާދެއްކުރާކަމަށް ހިތުން ނިޔަތްގަނެގެން ހަމަކުރަމުން ގެންދަންވީއެވެ. އެމީހަކަށް ކުރެވުނުހައި ގިނައިން ކުރަންވީއެވެ. އެކަމަކަށް އެއްވެސް ހުރަހެއް ނެތެވެ.  

ސުންނަތް ނަމާދުތައް މިހައި ގިނަވެފައި މިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. ހަމަ އަހަރެމެންގެ ފައިދާއަށެވެ. ނަރަކައިން ސަލާމަތްވުމުގެ ފުރުޞަތެއްގެ ގޮތުންނެވެ. ސުންނަތް ނަމާދުތަކުގެ ފައިދާއެހައިބޮޑުވަނީ ސުންނަތް ނަމާދުތަކަކީ މީހާ ނަރަކައިން ސަލާމަތްކޮށްދޭނެ އެންމެ ބޮޑު ބާރެއްކަމުގައި ސުންނަތް ނަމާދުތައް ވެގެންދާތީއެވެ.  

ރަނގަޅަށް ވިސްނައިލާށެވެ! ފަރުޟު ނަމާދުކުރާއިރުވެސް މިއޮންނަނީ ޚުޝޫޢަތެރިނުވެވިފައެވެ. ކޮންމެ ދުވަހަކު 5 ނަމާދުކުރިނަމަވެސް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރުގައި ކުރެވެނީ ކިތައް ނަމާދުކަން އެނގެނީ ކާކަށް ހެއްޔެވެ؟ ކޮންމ ގޮތެއްވީނަމަވެސް ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބައްލަވާނީ ނަމާދުގެއެވެ. ނަމާދުތައްކޮށްފައިވީނަމަވެސް ފަރުވާކުޑަކުރެވުމުގެ ސަބަބުން ﷲ ތައާލާ ޤަބޫލުފުޅު ނުކުރައްވަވާ ނަމާދުތަކުގެ ސަބަބުން މަދުވާބައި ސުންނަތް ނަމާދުތަކުން ނަގައި ހަމަކުރުމުގެ ފުރުޞަތު ﷲ ތަޢާލާ އެކަމަށް އިރާދަކުރައްވަވާ އަޅުންނަށް ދެއްވަވާނެތެވެ. ވީމާ ގިނަ އަދަދަކަށް ސުންނަތް ނަމާދުކޮށްފައިވާ މީހާއަށް ސަލާމަތްކަން ލިބުމުގެ ފުރުޞަތު އެތައް ގުނައަކަށް އިތުރުވެގެންދެއެވެ.  

ކަންކަން އޮތީ މިފަދައިން ނަމަވެސް މިއަދު އެންމެ ގިނަ ބައަކު ޣާފިލުވެފައިމިވަނީ ސުންނަތް ނަމާދުތައްކުރުމަށެވެ. ފަރުޟު ނަމާދުކޮށްލުމަށްފަހު އަވަސްއަވަހަށް ފައިބައިގެންދަނީ އެއްވެސް ބިރެއް ނެތިއެވެ. ނަމާދުކުރެވުނު ގޮތާއި އެނަމާދުކުރެވުނު ފެންވާއި ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވައިފާނެކަމަށް ބިރެއް ނެތިއެވެ. އެބިރުވެރިކަން ހިތުގައި އޮންނަނަމަ ރަވާތިބު ސުންނަތް ވީހައި ގިނައިން ކުރާނެއެވެ. ތަޙިއްޔަތުގެ 2 ރަކްޢަތްވެސް ކުރާނެއެވެ. ދަމުނަމާދާއި އެހެން ސުންނަތް ނަމާދުތައްވެސް ކުރާނެއެވެ.

 

- އިސްލާމީ ތިލަފަތުގެދަރުސަކުން

މިއަދު އޮންލައިން