ކައިވެންޏަށްފަހު ކުރިމަތިވާނެ މައްސަލައެއް ވެއެވެ. އެއީ ކައިވެނީގެ ކުރިން ލޯތްބާއިމެދު ވިސްނުނު ގޮތް ތަފާތުވުމެވެ. އެކަން އެގޮތަށްވަނީވެސް ސަބަބެއް ނެތިއެއް ނޫނެވެ.
ފުރަތަމަ ކަމަކީ އެއީ ހެޔޮލަފާ މީހަކުނަމަ ކައިވެނީގެ ކުރިން އަނެކާގެ ކިބައިން ކަންކަމަށް ނުއެދޭނެއެވެ. އަދި އެއްވެސް ކަމެއް ކޮށްދޭނެ ކަމަށް އިންތިޒާރެއްވެސް ނުކުރާނެއެވެ. ވީމާ އެއްވެސް ކަމެއް ކޮށްނުދިންކަމުގެ ކަންބޮޑުވުމެއް ނުއޮންނާނެއެވެ.
ނަމަވެސް ކައިވެންޏަށްފަހު ކޮންމެ މީހަކުވެސް އަނެކާގެ ކިބައިން ކަންތައްތަކަކަށް އެދެވޭނެއެވެ. އެކަންކަން ވުމަށް އިންތިޒާރުވެސް ކުރެވޭނެއެވެ. އެކަންކަން ނުފުދޭނަމަ ފާހިވެވެން ފަށާނެއެވެ.
ކައިވެނީގެ ކުރިން ލޯބިވުން އޮތީ 1 ވަނައިގައި ނަމަވެސް ކައިވެނިކުރުމަށްފަހު ލޯބިވުން ފަހަތަށް ޖެހޭނެއެވެ. ކުރިއަށް ޖެހޭނީ އަނެކާގެ ކިބައިން ލިބެން ބޭނުންވާ ކަންތައްތަކެވެ. މިހެން ބުނީމާ މިދައްކަނީ އެއްޗެތިތަކެއްގެ ވާހަކަ ކަމަށް މާނަނުކުރާށެވެ. ރަނގަޅުމާނައަކީ އުފާވެރިކަމެވެ. ބޭނުންވާ ތަކެތިވެސް އަންނާނީ އުފާވެރިކަމުގެ ފަހަތުންނެވެ.
ވީމާ ތަރުތީބުކުރަން ޖެހޭނީ މިގޮތަށެވެ. (1) އަނެކާއަށް ބޭނުންވާ އުފާވެރިކަން ފޯރުކޮށްދިނުން (2) އަނެކާއަށް ބޭނުންވާ ކަންކަން ކޮށްދިނުން. ލޯބި އަންނާނީ މި ދެކަންތައް ފުރިހަމަވާ ވަރެއްގެ ފަހަތުން 3 ވަނަ އަށެވެ.
ދެން މިބުނަނީ މިހުރިހާ ކަންކަން ކިޔައިދިން ސަބަބެވެ. ކައިވެންޏަށްފަހު ބައިވެރިޔާ އެއިގެ ކުރިން ލޯބިވި ވަރަށް ލޯބިނުވާ ކަމުގެ ޝަކުވާ އާއި ކުރިން ދިންވަރަށް ލޯތްބާއި ސަމާލުކަން ނުދޭކަމުގެ ޝަކުވާއަކީ އަބަދުހެން ލިބޭ ޝަކުވާއެކެވެ.
އެކަން އެގޮތަށްވުމާ ސަބަބު ކަމަށް އެންމެ ބޮޑަށް ފާހަގަކުރެވޭ ސަބަބުތައް މިކިޔައިދިނީއެވެ. ވީމާ ފުރަތަމަ ކަމަކަށް އަނެކާއަށް ލޯބިދިނުން އިތުރުކުރާށެވެ. ދެވަނަ ކަމަކަށް އެކަކު އަނެކަކަށް ކޮސްދޭންޖެހޭ ކަންކަން ކޮށްދިނުމަށް ސަމާލުކަންދޭށެވެ. އެއިރުން އަނެކާގެ ކިބައިން ލޯބިލިބުން އަންނާނީ އިތުރުވަމުންނެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން