ދައްޖާލުގެ ވާހަކަ ދެއްކުމުން އެއީ ޚިޔާލީއެއް ވާހަކައެއް ކަމަށް ޤަބޫލުކުރެވޭ ބައަކުވެސް އެބަ އުޅެއެވެ. އެމީހުންނަށް ވިސްނެނީ މީސްތަކުންގެ ލޯތަކަށް ފެންނާނެ ދުވަހެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ނުބައި ވިސްނުމެކެވެ. ކުދި ދައްޖާލުތައް ފަޅުވަމުން ގޮސް ބޮޑު ދައްޖާލު ފައުޅުވާނެކަން އެއީ މުސްލިމުން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ.
ކުދި ދައްޖާލުތައް ފައޫލުވަމުން އައިސް އެންމެފަހުން ފައުޅުވާނެ ބޮޑުދައްޖާލު މީސްތަކުންނަކަށް އަދި ނުފެނެއެވެ. ދައްޖާލު ފައުޅު ވުމުގެ ކުރިން ފައުޅުވާނެ ޢަލާމާތްތަކުގެ ތެރެއިން ބައެއް ޢަލާމާތްތައް ފައުޅުވެ އަދި ނުނިމެއެވެ. ނަމަވެސް އެކަންކަން ހިނގުމަށް ދެން މާގިނަ ދުވަހެއް ނެތްކަން އެނގޭވަރަށް ޢަލާމާތްތައް މިހާރުވެސް ފައުޅުވެ ގިނަވެއްޖެއެވެ.
އެހެންކަމުން ބުނަންޖެހެނީ ދައްޖާލު ފައުޅުވުމުގެ ވަގުތު ކުޑަތަން ވެއްޖެ ކަމަށެވެ. ދުނިޔޭގެ މިހާރުގެ ޙާލަތަށް ވިސްނައި އަވަހަށް އަމަލުކުރަންފަށާށެވެ! ޢަމަލުކުރަން ކުރަންއޮތް ކަމަކީ ކޮންމެ މީހަކުވެސް އެމީހެއްގެ އަމަލުތައް އިޞްލާޙް ކުރުމެވެ. ތައުބާވުމެވެ.
ޤިޔާމަތް ކައިރިވަމުން އަންނަ ކަމުގެ ޢަލާމާތްތައް މިދަނީ ފެންނަމުންނެވެ. ދެން ދާނީ އިތުރު ޢަލާމާތްތައް ފެނުން އަވަސްވަމުންނެވެ. އެކަން ރަސޫލް (ﷺ) ސިފަ ކުރައްވަވާފައި ވަނީ ކުޅަނދުރު ހަތައެއް ތަޅައިލުމުން ކުޅަނދުރުތައް ނުކުންނަ ފަދަ ގޮތަކަށް ޢަލާމާތްތައް ފެންނަމުން ދާނެ ކަމަށެވެ. ވީއިރު ތިއަ އިންތިޒާރުކުރަނީ އިތުރަށް ކޮން ކަމެއް ފެންނަންދެން ހެއްޔެވެ؟
ރަގަޅަށް ވިސްނާށެވެ! ދައްޖާލް ފައުޅުވާނީ އޭނާއަށް މަރްޙަބާ ކިޔަން ދުނިޔެ ތައްޔާރުވުމުންނެވެ. ދައްޖާލަށް މަރުޙަބާ ކިޔަން ދުނިޔެ ތައްޔާރުވާނެ ކަމަށް ބުނުމުން މިއަދު ބައަކަށް ސިހުން ލިބިދާނެއެވެ. ދައްޖާލަށް އެއްވެސް ބައަކު މަރުޙަބާ ކިޔާނެ ކަމާއިމެދު ބައެއްގެ ހިތުގައި ސުވާލުވެސް އުފެދިދާނެއެވެ.
މީސްތަކުންނޭވެ! ދުނިޔެ މިހާރުވެސް ދަތުރުކުރަމުން މިދަނީ އެ މިސްރާބަށެވެ. ދައްޖާލަށް މަރްޙަބާ ކިޔަން ތައްޔާރުވުމުގެ މިސްރާބަށެވެ. ގިނަ ބައެއްގެ ކުރިމަތީގައި އެއްވެސް ދީނަކީ އޮތް އެއްޗެއް ނޫނެވެ. ﷲ ތަޢާލާ ވޮޑިގެންވާ ކަމަށް ޤަބޫލުކުރަން މިއަދު މިދަނީ ބަހަނާ ދައްކަމުންނެވެ. އެކަމަށް ފައުޅުގައި އިންކާރުކުރާ އެތައް ސަތޭކަ މިލިއަން ބައަކު މިހާރުވެސް އެބައުޅެއެވެ.
މީސްތަކުން މިގޮތަށް ޣާފިލުވަމުން ގޮސް އާޚިރަތް މަތިން މުޅިން ހަނދާން ނައްތައިލާނެއެވެ. ހުރިހާވެސް ތަނަކީ ދުނިޔެ ކަމަށް ޤަބޫލުކުރާނެއެވެ. މަރުވުމުން ދެން ކަންތައްތައް ވާނެ ގޮތާއިމެދު ވިސްނައި ފިކުރުކުރުން ހުއްޓައިލާނެއެވެ.
އިސްލާމް ދީނަކީ ހިމާޔަތެކެވެ. ތިބާ ނަރަކައިން ސަލާމަތް ކޮށްދޭ ހިމާޔަތެވެ. ނަމަވެސް މިހާރުވެސް ގިނަ ބައަކު އެކަން ޤަބޫލެއް ނުކުރެއެވެ. އެމީހުން ދެކެނީ އިސްލާމް ދީނަކީ އެމީހުންގެ އުފާތަކަށް އޮތް ބޮޑު ހުރަހެއް ކަމަށެވެ.
ދައްޖާލު ފައުޅުވާނީ އެ ހާލަތުގައި ދުނިޔެ ވަނިކޮށެވެ. ދައްޖާލު ފައުޅުވެއްޖެ ކަމަށް ބުނުމުން އެދުވަހު ކަންބޮޑުވާން އެނގޭނީ ވެސް މަދު މީހަކަށެވެ. މާތް ﷲ ވަނީ ދައްޖާލަށް ބާރުތަކެއް ދެއްވަވައިފައެވެ. ވާރޭވެސް ވެއްސުވާނެއެވެ. ބެނުން ނަމަ ބިންތައް ހަނަފަސްވެސް ކުރުވާނެއެވެ.
ދައްޖާލު ފައުޅުވުމާއިއެކު އޭނާއަކީ ޢީސާގެފާނު ކަމަށް ދައުވާ ކުރާނެއެވެ. ނަމަވެސް ދައްޖާލަކީ ކަނޑައެޅިގެން ހުރި ދޮގުވެރިއެކެވެ. އޭނާގެ ނިތްކުރީގައި "ކާފިރު" ލިޔެވިފައިވާނެއެވެ. ނަމަވެސް ކިޔަން އެނގޭނީ ހަމައެކަނި މުސްލިމުންނަށެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން