ޗައިނާ އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ގެއްލިގެން ހޯދަމުންދަނީ ޗައިނާ ރައްޔިތެއްކަމަށްވާ ސޫ ޒިއޯނިންގ (30އ) އެވެ.
ސޫ ޒިއޯނިންގ ރާއްޖެ އައިފަހުން އާއިލާއަށް ޚަބަރެއް ވެފައި ނުވާތީ، ވީނުވީއެއް ނޭނގި ގެއްލިގެން، ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ 2025 ޖަނަވަރީ 22 ވަނަ ދުވަހުއެވެ.
މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު އޭނާ ހޯދުމަށްޓަކައި ފުލުހުންގެ ކަމާގުޅުންހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކުރެވި، ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އޭނާ ޓްއަރިސްޓް ވިސާގައި ރާއްޖެ އައިސްފައިވަނީ 2024 އޮކްޓޫބަރު 13 ވަނަ ދުވަހުކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވެއެވެ. އަދި އޭނާ މާލޭގައި ހުރި ގެސްޓް ހައުސް އިން 2024 އޮކްޓޫބަރު 24 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ޗެކްއައުޓް ވެފައިވާކަމާއި އެއަށްފަހު އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައިނުވާކަން ތަހުގީގަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް އޭނާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވެއެވެ.
ވީމާ، ސޫ ޒިއޯނިންގ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަށް ލަސްނުކުރައްވައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމަވެ.