4 ފަޅުރަށެއް 3 ކައުންސިލަކާ ޙަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
4 ފަޅުރަށެއް 3 ކައުންސިލަކާ ޙަވާލުކޮށްފި

މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި، ފަޅުރަށްތައް ކައުންސިލްތަކާ ހަވާލުކުރެއްވުމުގެ އުސޫލުގެދަށުން 4 ފަޅުރަށެއް 3 ކައުންސިލަކާ ޙަވާލުކޮށްފިއެވެ.

މިކަމާގުޅިގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ މި ސިޔާސަތުގެ ދަށުން މިހާތަނަށް 28 ފަޅުރަށެއް ދޫކުރުމަށް ވަނީ އިޢުލާނުކޮށްފައެވެ.

ވަޒީރު އާދަމް ޝަރީފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިހާރުވެސް 24 ފަޅުރަށަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި މިހާތަނަށް 4 ފަޅުރަށެއް ކައުންސިލްތަކާ ޙަވާލުކުރުމަށް ވަނީ ނިންމާފައެވެ. މި ހަތަރު ރަށް ހޯދުމަށް ހުށަހެޅި ކައުންސިލްތަކަށް މާދަމާ އެ ރަށްތައް ޙަވާލުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާތަނަށް ފަޅުރަށް ހޯދުމަށް ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ތިން ކައުންސިލުންނެވެ. އެއީ:
1. ރ. އިނގުރައިދޫ ކައުންސިލް
2. ދ. އަތޮޅު ކައުންސިލް
3. ލ. މާވަށު ކައުންސިލް

މި ކައުންސިލްތަކަށް ދޫކުރުމަށް ނިންމާފައިވާ ރަށްތަކަކީ:
– ރ. ނެޔޮ
– ދ. މަނިމަސްގިލި
– ދ. ފެންފުށި
– ލ. ބޮޑުމާބުޅެލި

ކައުންސިލްތަކަށް ފަޅު ރަށްތައް ދޫކުރުމަށް ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ، ބިން ކުޑަ ރަށްތަކަށް އިޤްތިޞާދީ މަސައްކަތްތައް ކުރެވޭނެ މަގު ފަހިކޮށްދިނުމާއި ކައުންސިލްތައް ޒިންމާދާރުކުރުވައި މާލީ ގޮތުން ބާރުވެރި މަސައްކަތްތަކެއް ކުރާ ބަޔަކަށް ހެދުމަށް ގެންގުޅުއްވާ ވިސްނުންފުޅުގެތެރެއިންނެވެ.

މިއަދު އޮންލައިން