މޮރޮކޯގައި ތަޤުރީރު ކުރެއްވުމަށް މިނިސްޓަރ ޑރ ޝަހީމަށް ދަޢުވަތު ދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
މޮރޮކޯގައި ތަޤުރީރު ކުރެއްވުމަށް މިނިސްޓަރ ޑރ ޝަހީމަށް ދަޢުވަތު ދެއްވައިފި

މޮރޮކޯގެ ނަން ރެސިޑެންޓް އެމްބެސެޑަރ މުޙައްމަދު މަލިކީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި މިއަދު ބައްދަލުކުރައްވައި، ކުރިއަށް އޮތް ރަމަޟާން މަހު މޮރޮކޯގައި ދީނީ ތަޤުރީރެއް ދެއްވުމަށް އެ ޤައުމުގެ ސަރުކާރުން ފޮނުއްވި ދަޢުވަތު ޙަވާލު ކުރައްވާފައެވެ. 

މޮރޮކޯގައި ރަމަޟާންމަސް އިޙުޔާކޮށް ދިރުވުމުގެ ގޮތުން ކުރިއަށް ގެންދާ 'ހަސަނީ ފިލާވަޅު' މޮރޮކޯގެ ރަސްގެފާނު މުހައްމަދު ހަވަނަގެ ބެއްލެވުމުގެ ދަށުން ބާއްވާ މޮރޮކޯގައި އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ މަތީ އިސްލާމީ ހަރަކާތެވެ. މި ސެޝަންތަކަކީ އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިލްމުވެރިން ބައިވެރިވެ، ދީނީ އަދި ފިކުރީ މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާ، ސެޝަންތަކެއްކަން ފާހަގަކޮށްލެވެއެވެ.

މި ބައްދަލުކުރެއްްވުމުގައި ވަޒީރު ވަނީ މޮރޮކޯގެ އެމްބެސެޑަރ އެމަނިކުފާނާއި ބައްދަލުކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާ، ދިވެހިރާއްޖެއާއި މޮރޮކޯއާއި ގުޅިގެން ދީނީ ރޮނގުން ކުރިއަށް ގެންދެވިދާނެކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިމާމުން ތަމްރީން ކުރެއްވުމަށް ވުޒާރާއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު މޮރޮކޯގެ އެމްބެސެޑަރަށް ވަޒީރު ވަނީ އަރުއްވާފައެވެ. އަދި މޮރޮކޯއިން އިމާމުން ތަމްރީންކުރުމަށް ހުރި އެކި ފުރުސަތުތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

 

މިއަދު އޮންލައިން