އިބިލީސް ޝައިޠޯނަކަށްބަދަލުވީ އޭތީގެ ނަމަކަށް އިބްލީސް ކިޔާތީއެއް ނޫނެވެ. ކުރި ނުބައި ޢަމަލުންނެވެ. ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމުންނެވެ. ތައުބާނުވުމުންނެވެ. ވީމާ ޝައިޠޯނާގެ މަގު އިޚްތިޔާރުކުރެވޭނަމަ އަހުރެމެންނަށް އެވެވެނީ ހަމަ ޝައިޠޯނުންނަށެވެ. މިއީ ވަރަށް ބިރުހުރި ކަމެކެވެ.
ކޮންމެ މުސްލިމަކުވެސް ބުނާނީ ނަރަކައަށް ބިރުގަންނަކަމަށެވެ. އެކަމަށް އަހަރެމެންގެ ތެރެއިން އެއްވެސް މީހަކު އެއްވެސް ވަރަކަށް ދެކޮޅެއްވެސް ނުހަދައެވެ. ނުވެސްހަދާނެއެވެ. މައްސަލައަކީ ނަރަކައަށް ބިރުގަންނަކަމަށް ބުނަމުން ނަރަކައަށް ދާންޖެހޭ އަމަލުތައް ކުރެވޭ ކަމެވެ. ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރަން ބިރުނުގަނެވޭކަމެވެ.
ހަމައެފަދައިން ސުވަރުގެ ލިބެން ބޭނުން ކަމަށްވެސް އެބަ ބުނަމުއެވެ. ނަމަވެސް ސުވަރުގެ ވަދެވޭނެ އެއްވެސް މަސައްކަތެއް ނުކުރެވެއެވެ. ވީއިރު ނިކަން ބުނެބަލާށެވެ! ކިޔޭ އެއްޗަކާއި ކުރެވޭ އަމަލާއި އެބަ ދިމާވޭ ހެއްޔެވެ؟ ނަރަކައަށް ވަންނަން ޖެހިދާނެތީ ބިރުގަންނަކަމަށް ބުނަމުން ނައރަކައިން ސަލާމަތް ވުމަށް މަސައްކަތް ނުކުރާނަމަ، އަދި ދާން ބޭނުމީ ސުވަރުގެ ކަމަށް ބުނަމުން ސުވަރުގެދާން މަސައްކަތް ނުކުރާނަމަ އެމީހަކަށްވުރެ ބޮޑު މޮޔައަކީ ކާކުހެއްޔެވެ؟ ނަރަކައިން ސަލާމަތްވެވޭނީވެސް އަދި ސުވަރުގެ ވަދެވޭނީ ވެސް އެކަމަށް ގަދައަޅައި މަސައްކަތްކުރުމުންކަން އެނގޭ ހާލުގައިވެސްމެއެވެ.
ހަމަ އެއާއިއެކު ﷲ ތަޢާލާގެ އެއްކަވަންތަކަން ޤަބޫލުކުރާ ކަމަށާއި ތިމާ މިހިރީ ﷲ ތަޢާލާއަށް އީމާންވެގެން ކަމަށް ބުނަމުން ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަމަށް އަރައިގަންނަމުންދާ މީހުން އެބައުޅެއެވެ. މިބުނަނީ ﷲ ތަޢާލާގެ އެއްކަވަންތަކަން ޤަބޫލުކުރާ ކަމަށާއި ތިމާ މިހިރީ ﷲ ތަޢާލާއަށް އީމާންވެގެން ކަމަށް ބުނަމުން ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވެ ޢަމަލު ނުކުރާ މީހުންގެ ވާހަކައެވެ.
އަހަރެންގެ ކުރިމަތީގައި އެފަދަ މީހުންނާއި އިބިލީހާއި ހުރި އެއްވެސް ތަފާތެއް ވެސް ނެތެވެ. އިބިލީސް ވެސް ހުރިހާ ނުބައި ކަމެއް ކުރަނީ ހަމަ ﷲ ތަޢާލާގެ އެއްކަވަންތަކަމާއި ކުޅަދުންވަންތަކަން ޤަބޫލުކުރާ ހާލުގައި ކަމަށްވާތީއެވެ. ދުނިޔެ ނިމާނެ ކަމާއި އާޚިރަތް ދުވަހު ހިސާބު ބައްލަވާނެ ކަމާއި ﷲ ތަޢާލާ އަންގަވާފަދައިން އަމަލު ނުކުރުމުން ދާންޖެހޭނީ ނަރަކައަށްކަންވެސް އެނގިހުރެއެވެ.
އަހަރެމެން ﷲ އަކްބަރު މިކިޔަނީ އެންމެ މަތިވެރި ފަރާތަކީ ﷲ ތަޢާލާ ކަމަށް ޤަބޫލުކޮށްގެންނެވެ. އަދި ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަމަންވާން ޖެހޭނެ ކަންވެސް ޤަބޫލުކޮށްގެންނެވެ. ވީމާ އެ ކިޔަމަންތެރިކަން އަދާ ނުކުރާނަމަ އެމީހަކު އެބުނަނީ ތިމަން ﷲ ތަޢާލާއަށްވުރެ މާމަތިވެރިކަމަށް ނޫން ހެއްޔެވެ؟
--އިސްލާމީ ތިލަފަތުގެ ދަރުސަކުން