މިވެނި ފާފައަކީ ކުޑަ ފާފައެއް ކަމަށް ޤަބޫލުކުރުން ހުއްޓާލައިގެން ނޫނީ މީޒާން އެމީހެއްގެ ކޮޅަށް ބަރުކުރެވޭނެ ގޮތެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
މިވެނި ފާފައަކީ ކުޑަ ފާފައެއް ކަމަށް ޤަބޫލުކުރުން ހުއްޓާލައިގެން ނޫނީ މީޒާން އެމީހެއްގެ ކޮޅަށް ބަރުކުރެވޭނެ ގޮތެއް ނެތް!

ފުރަތަމަ ކަމަކަށް އޮތީ އެކަމަކީ ފާފަވެރިވެދާނެ ކަމަށް ވިސްނޭ އެއްވެސް ކަމެއް ނުކުރުމެވެ. އެފަދަ ކަންކަމާއި ދުރުހެލިވުމެވެ. ފަހަރެއްގައި އެފަދަ ަކމެއް ކުރެވުނަސް ތަކުރާރުނުކުރުމެވެ. ސަބަބުތައް ވަރަށް ގިނައެވެ.

ކިތަންމެ ކުޑަނަމަވެސް އެއީ ފާފައެއް ކަމަށް ދީނުގައި ބަޔާންވެގެންވާ ފާފައެއް ތަކުރާރުކޮށް ކުރާނަމަ އެކަމުގައި އޮތް އެންމެ ބޮޑު އެއް ނުރައްކަލަކީ އެކަމުގެ ސަބަބުން ބޮޑެތި ފާފަތަކަށް އަރައިގަންނަން ބިރުކެނޑިގެންދާކަމެވެ.

ވަރަށް ކުޑަކުޑަ މިސާލެއް ބުނެފާނަމެވެ. ފާހިޝް ޢަމަލުތަކުގެ ތެރެއިން އެންމެ ބޮޑު ފާފައަކީ ޒިނޭކުރުމާއި އެއްޖިންސުން ގުޅުންހިންގުން ފަދަ ފާފަތަކެވެ. ވީމާ އާދައިގެ ފާހިޝް ޢަމަލުތައް ގިނައިން ކުރެވޭ މީހާ އިސާހިތަކު މިބަޔާންކުރި ބޮޑެތި ފާފަތަކަށް ބިރުކެނޑި، ބޮޑެތި ފާފަތައް ކުރަން ޝައުޤުވެރިވެ ބޮޑެތި ފާފަތައް ކުރެވެން ފަށައެވެ.

ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ބަލަން ޝައުޤުވެރިވެ އެކަންކުރާ މީހުން ޒިނޭކުރަންފަށައެވެ. ދޮގުހެދުން އާދަވެއްޖެ މީހާ ވައްކަންކުރަން ފަށައެވެ. މަކަރާއިޙީލަތް ހަދަން ފަށައެވެ.

ކަންކަން ހިނގަމުންދަނީ މިފަދައިން ކަމަށްވުމުން ކިތަންމެ ކުޑަ ނަމަވެސް ފާފައަކަށް ޤަޞްދުގައި އަރައިނުގަންނާށެވެ! އަދި އޮޅުމަކުން އެފަދަ ފާފައެއް ކުރެވުނު ނަމަވެސް އެކަމަށް ކަންބޮޑުވެ ދެރަވެ ހިތާމަކޮށް ތައުބާވުމަށް އަވަސްވެގަންނާށެވެ!

އިސްލާމް ދީނުގައި ފާފަތައް ދަރަޖަކުރެވިފައިވުމުން ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ކުޑފާފައެއް ކުރެވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ބައެއް ޢިލްމުވެރިން ވިދާޅުވަނީ ކުދިފާފަތައް ގިނައިން ކުރުމަކީ ބޮޑުފާފައެއް ކަމަކަށެވެ. އެކަމުގެ ސަބަބުން މީހާ ހަލާކުގެ ތެރެއަށް ވެއްޓި ގެއްލެނިވެގެންވާ މީހަކު ކަމުގައިވެގެން ހިނގައިދާނެ ކަމަށެވެ.

ކިތަންމެ ކުޑަ ނަމަވެސް ފާފައަކީ ފާފައެކެވެ. ﷲ ތަޢާލާ ފުއްސަވައި ނުދެއްވަވައިފިނަމަ ޢަޛާބުލިބޭނެ ޢަމަލެކެވެ. ހަމައެއާއިއެކު ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ކުރަން ބިރުވެތިނުވާނަމަ އެމީހާގެ ހިތުގައި ﷲ ތަޢާލާޢަށް ބިރުވެތިކަމެއް ނުވެއެވެ. އެމީހާގެ އީމާންކަންވެސް ފުރިހަމައެއް ނުވެއެވެ. އެހެނީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް އީމާންވެގެން ހުންނަ ތަޤްވާވެރިއަކު ނަމަ ކިތަންމެ ކުޑަފާފައެއް ކުރަންވެސް ބިރުވެތިވާނެއެވެ.

އަދި ކިތަންމެ ކުޑަ ފާފައެއް ކުރެވުނު ނަމަވެސް ހިތަށް ބިރުވެރިކަން ވަންނާނެއެވެ. ދެރަވެ ހިތާމަކުރާނެއެވެ. ތައުބާވުމަށް އަވަސްވެގަންނާނެއެވެ. އަދި ކުރެވުނު ފާފަ އާއިމެދު ހިތާމަކޮށް އެއިގެ ބަދަލުގައި ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާނެއެވެ.

މީސްތަކުންނޭވެ! މީޒާން ތިމާގެ ކޮޅަށް ބުރަނުވެއްޖެނަމަ ކުރިމަތިވާނެ ޙާލަތަށް ބިރުވެތިވާށެވެ! ވީމާ ކިތަންމެ ކުޑަ ނަމަވެސް ނުވަތަ މިއީ ކުޑަކުޑަ ފާފައެއް ކަމަށް ބަލައިގެން އެއްވެސް ފާފައެއް ނުކުރާށެވެ! އެކުރެވުނު ފާފައިގެ ބުރަދަނުގެ ސަބަބުން ގެއްލިގެންދާނީ ކިހައި ގިނަ ޘަވާބުތަކެއްކަން އެނގޭނީ ހަމަ އެވަޤުތުގައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން