މިގޮތަށް ވިސްނައިލާށެވެ! މީޒާނުގައި ތިބާގެ ޢަމަލުތައް ކިރައިލެވޭ ވަޤުތެވެ! ކުރެވުނު ހެޔޮ ޢަމަލުތައް ތަންކޮޅެއް މަދުވީއެވެ. ސުވަރުގެ ލިބުމުގެ ފުރުޞަތު ގެއްލުނީއެވެ. އެކަމަށް ތިބާ ކަންބޮޑުވާނެ މިންވަރު ހިތަށް ގެންނާށެވެ!
އެވަޤުތު ކުއްލިއަކަށް މީޒާން ތިބާގެ ކޮޅަށް ބުރަވެގެން ހިނގައްޖެނަމަ ލިބޭނެ އުފާވެރިކަން ހިތަށް ގެންނާށެވެ. މިކިޔައިދެނީ އެކަން މެދުވެރިވެދާނެ ސަބަބެވެ.
ބުނަންހެއްޔެވެ؟ ތިބާއަށް މީހުން ކުރި ފުރައްސާރައާ ކުރި ފަޟީހަތާ ތިބާއާއިމެދު ދެއްކި ދޮގު ވާހަކަތަކާ ދިން ދެރައިގެ ބަދަލު އެމީހުންގެ ކިބައިން ނަންގަވައި ދެއްވަވައި ތިބާއަށް ކުރެވިފައިވާ ފާފަތަކުން ނަންނަގަވައި ދެއްވަވައި އެމީހުންގެ ކޮނޑުގައި އެޅުއްވެވުމުން މީޒާނުގައި ތިބާގެ ފާފަތައް މަދުވެ ހެޔޮކަމުގެ ކޮޅަށް ބުރަވެގެން ހިނގައިދާނެއެވެ. އެހިސާބުން ތިބާއަށް ސުވަރުގެ ވަދެވުނީއެވެ. އެވަޤުތު ތިބާއަށް ލިބޭނެ އުފާވެރިކަން ހިތަށް ގެންނާށެވެ! އެެހން މީހުން ތިބާ ފަޟީހަތްކުރަން ނުވަތަ ބަދުނާމުކުރަން އެކިއެކި ގޮތްގޮތަށް ކުރާ ކަންކަމަށް އަޅައިވެސް ނުލަންވީ އެހެންވެގެންނެވެ.
ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ ތިބާގެ ހިތަށެވެ! ތިބާގެ ގުނަވަންތަކުން ކުރާ ޢަމަލުތައް ގުޅިފައިވަނީ ހިތާއިއެވެ. ހިތް ޠޯހިރުކުރުމުން އެއޮތީ ހުރިހާ ކަމެއް ޙާޞިލުކުރެވިފައެވެ. އަދި ކީއްހެއްޔެވެ؟ ތިބާކުރާ ޢަމަލުތަކަށް މީސްތަކުން ފާރަވެރިވާތީ އެއްވެސް ވަރަކަށް ކަންބޮޑުވުމެއް ނެތެވެ! ބިރުގަންނަންވީ ކުރާ ހުރިހާ ޢަމަލުތަކެއް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާތީއެވެ! ތިބާކުރާ އެއްވެސް ކަމެއް ފަތުގައި ނުލިޔުއްވި ނުއޮންނާނެތީއެވެ!
ތިބާގެ ހިތް ﷲ ތަޢާލާ އާއި ގުޅިފައިވާނަމަ ބައެއްގެ ނަފްރަތު އަބަދުވެސް ދާނީ ލިބެމުންނެވެ. މަލާމާތާއި ފުރައްސާރަވެސް ކުރާނެއެވެ. ދޮގު އިލްޒާމްތައް އަޅުވައި ބަދުނާމްކޮށް ފަޟީޙަތްކުރަންވެސް މަސައްކަތްކުރާނެއެވެ. ކޮންމެވެސް ޒަމާނެއްގައި ކުށެއް ކުރެވިފައިވާނަމަ އެކަމުގެ ވާހަކަވެސް ދައްކާނެއެވެ.
ކަންބޮޑުނުވާށެވެ! ތައުބާވުމުން މާޒީއެވަނީ ފުހެވިފައެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ދިންނެވުން ލިބުމުން އެނިމުނީއެވެ. ފާފަތައް ފުއްސަވައި ދެއްވެވުމުން ދެން މީހުން ލިޔާ ލިޔުމަކުން ހާމަކުރާ ފޮޓޯއަކުން ވީޑިއޯއަކުން ދެވޭނެ އެއްވެސް ގެއްލުމެއް ނުއޮންނާނެއެވެ.
ﷲ ތަޢާލާ ޤިޔާމަތް ދުވަހު ހިސާބުބައްލަވަނީ މީސްތަކުން ދައްކާ ވާހަކައަށާއި ހާމަކުރާ ފޮޓޯ އާއި ވީޑިއޯއަށް ބައްލަވައިގެނެއް ނޫނެވެ. ތިބާ ކުޅަ އަމަލުތަކުގެ މައްޗަށެވެ. ތައުބާވުމުން ކުރިން ކުރެވިފައިވާ ފާފަތަކުން ލިބޭނެ އެއްވެސް ގެއްލުމެއް ނުވެއެވެ. ތިބާގެ އަމަލުތަކުގެ ފަތް ޠޯހިރުވުމުން ހުރިހާކަމެއް އެ ނިމުނީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން