ޝަހާދަތުގެ ދެކަލިމައަކީ އިސްލާމްދީނުގެ ބިންގަލެވެ. ނަމާދަކީ ދީނުގެ ތަނބެވެ. ތަނބާއިނުލައި ޢިމާރާތެއް ބިނާނުކުރެވޭނެކަން ކޮންމެ މީހަކަށްވެސް ޤަބޫލުކުރެވޭނެއެވެ. ޢިމާރާތުގެ ވަރުގަދަކަން ބިނާވާނީ ތަނބުތަކުގެ ވަރުގަދަ ކަމަށެވެ. ތަނބުތައް ބަލިކަށިނަމަ ޢިމާރާތް ވެއްޓުން ދާދި ފަސޭހަވާނެއެވެ.
ހިތާމައާއިއެކުގައިވެސް ބުނަން ޖެހެނީ މުސްލިމުންގެ ތެރެއިން ގިނަ ބައަކަށް ފަރުޟު 5 ނަމާދުކުރުމަކީވެސް ބުރައަކަށްވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އެމީހާ ކުރަން ހުންނަ މަސައްކަތްތައް ނުކުރެވޭ ސަބަބަކަށްހަދައިގެން އުޅޭކަމީ ވަރަށް ހިތާމަހުރި ކަމެކެވެ.
މީސްތަކުންނޭވެ! އާޚިރަތް ދުވަހު ސުވަރުގެ ޙާޞިލުކުރެވޭ މީހުން ސުވަރުގެ ވެއްދެވުމުން ދުނިޔޭގެ ޙަޔާތުގައި އެމީހުންނަށް ކުރިމަތިވި އެއްވެސް ތަކްލީފެއްގެމަތިން ހަނދާންވެސް ނުވާނެއެވެ! އަދި ކީއްހެއްޔެވެ؟ ސުވަރުގޭގައި ކޮންމެ މީހަކުވެސް ހުންނާނީ އުފަލުން ހިތްފުރިގެންނެވެ. ބޭނުބންވެގެން ހިތަށް އަރުވައިލި ކޮންމެ ކަމެއް ވަޤުތުން ޙާޞިލުވާނެއެވެ. އެކަމަށް އެއްވެސް މަސައްކަތެއްވެސް ކުރާކަށް ނުޖެހޭނެއެވެ.
އެފަދަ މަތިވެރި ނިޢްމަތް ޙާޞިލުކުރަން ކުރެވޭ ކަންކަމަކީ ބުރައަކަށްވާންވީ ކީއްވެގެންހެއްޔެވެ؟ އެކަން ބުރައަކަށް ހަދައިފިނަމަ އާޚިރަތް ދުވަހު ކުރިމަތިލާންޖެހޭނެ ބުރައިގެ ބޮޑުކަން ހިތަށް ގެންނަ މީހާއަށް އިސްލާމް ދީނަށް ޢަމަލުކުރުުގައި އެއްވެސް ބުރަކަމެއް އިޙްޞާޞްވެސް ނުކުރެވޭނެއެވެ!
އިސްލާމް ދީނަށް އަމަލުކުރުމަކީ ބުރަކަމެއް ކަމަށް ކަމަށް މުސްލިމުންގެ ތެރެއިން ބައަކު ދެކޭއިރު ކާފިރުންނަށް އެކަން ފެންނަނީ އެގޮތަކަށް ނޫނެވެ. މުޅިން ތަފާތު ގޮތަކަށެވެ.
އިސްލާމް ދީނުގައި ހުރި ބުރަތައް އެމީހުންނަށް ފެންނަނީ ތަކުލީފްތަކެއްގެ ގޮތަކު ނޫނެވެ. އެމީހުންނަށް ހުރި ފައިދާ ކަމެއްގެ ގޮތުގައެވެ. އިސްލާމް ދީނަށް އުޅުމަކީ މީހަކަށް އެހައި ފަސޭހަކަމެއް ނޫން ކަމަށް ބައަކު ބުނާއިރު އެއީ އެމީހުންނަށް ވިސްނޭ ގޮތް ކަމަށްވެސް ވެދާނެއެވެ.
ހަމައެކަނި ކޮންމެ ދުވަހަކު ކުރަން ޖެހޭ 5 ނަމާދަށް ބެލި ނަމަވެސް ފުރިހަމަ އަޤީދާއެއްގެ މަތީގައި ހުރި މީހަކަށް ނޫނީ އެކަން ކުރަން އެހައި ފަސޭހަ ނުވާނެތީއެވެ. ނަމަވެސް އެމީހާ ދުނިޔެއަށް ފޮނުއްވެވުނު މަޤްޞަދާއި އެނބުރިދާން އޮތީ ﷲ ތަޢާލާގެ ޙަޟްރަތަށް ކަމާއި ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވެއްޖެ ނަމަ އެމީހަކަށް ދެއްވަވާނީ ސުވަރުގެކަން ޤަބޫލުކުރެވޭ މީހާއަށް ފަރުޟު 5 ނަމާދަކުން ނުފުދެއެވެ. އެތައް ބައިވަރު ސުންނަތް ނަމާދުތައް އިތުރަށް ކުރެއެވެ.
އެހެން ދީންތަކަށް ބަލައިފި ނަމަ މިފަދަ އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެވެ. ކްރިސްޓިއަނުންނަށް ބަލައިފިނަމަ ހަމައެކަނި ޢަދީއްތަ ދުވަހު ގަޑިއެއްހައި އިރަށް ފައްޅިއަށް ގޮސްލުމުން ނިމުނީއެވެ. ނަމަވެސް އެހުރިހާ ލުއި ފަސޭހަ ގޮތްތަކެއް ދޫކޮށްލައި ކޮންމެ ދުވަހަކު ދުނިޔޭގެ ގިނަ ބައަކު އިސްލާމްވަމުން އައުމުން އެކަނިވެސް އިސްލާމް ދީނުގެ މަތިވެރިކަމާއި ލުއިފަސޭހަކަން ނުއެނގެނީ ހަމަ ސިކުނޑީގައި އެއްވެސް ބާރެއް ނެތުމުން ނޫން ހެއްޔެވެ؟
--އިސްލާމީ ތިލަފަތުގެ ދަރުސަކުން