އަނބިންނާމެދު ހަރުކަށިވެގެން އިޞްލާޙެއް ނުކުރެވޭނެ! އެކަނި އުޅުމުގެ ހިތްވަރު ގިނަ އަންހެނުންގެ ކިބައިގަ ހުންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
އަނބިންނާމެދު ހަރުކަށިވެގެން އިޞްލާޙެއް ނުކުރެވޭނެ! އެކަނި އުޅުމުގެ ހިތްވަރު ގިނަ އަންހެނުންގެ ކިބައިގަ ހުންނާނެ!

މިއީ މީގެ 1000 އަހަރު ކުރިއެއް ނޫނެވެ. އަދި 100 އަހަރު ކުރިއެއްވެސް ނޫނެވެ. މިހާރު އަންހެނުންވެސް އެތިބީ ހަމަ ފިރިހެނުންނާއި އެއްފެންވަރަށް ކިޔަވައިގެންނެވެ. މަސައްކަތްކޮށް އާމްދަނީވެސް ހޯދައެވެ. އެހެންކަމުން ކައިވެނި ރޫޅިއްޖެނަމަ ހަތަރު އުދަރެސް ފެނުޖެހޭނެ ކަމަށް ބަލައި ބިރެއް ނުގަންނާނެއެވެ.

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި މިކަން އޮތީ ވަރަށް ތަފާތު ޙާލަތެއްގައެވެ. އެހެންކަމާއިއެކުވެސް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ބޮޑަށް ބާރު އަޅުއްވަވާފައިވާ އެއް ކަމަކީ އަނބިންނަށް ހެޔޮކޮށް ހިތުމެވެ. އޯގާތެރިކަމާއިއެކު ކަންކަން ކުރުމެވެ.  

ލޮބުވެތި އެކުވެރިންނޭވެ! އިޞްލާޙްކުރަން ފިޔަވަޅު އަޅަންޖެހޭނަމަ އެކަންކުރާށެވެ! އެކަމަކު އެކަންވެސް ކުރަންވާނީ އޯގާތެރިކަމާއިއެކުގައެވެ. ނަޞޭޙަތްދީ އިޞްލާޙްކުރަން މަސައްކަތްކުރުމަށްފަހުގައެވެ. އެކަމަށް އެކަށީގެންވާ ވަރަށް ފުރުޞަތު ދީފައެވެ.  

ކުރިން މިބުނި ފަދައިން އަންހެނުންވެސް މިހާރު ތައްލީމް ޙާޞިލުކުރެއެވެ. ގިނަ ޤައުމުތަކުގައި މަތީ ތައްލީމް ޙާޞިލުކުރާ ދަރިންވަރުންނަށް ބެލިނަމަވެސް ގިންވާނީވެސް އަންހެނުންނެވެ. އެހެންވެ މިހާރު އަންހެނުން ކުރަނީ ނަރުސްކަން އެކަންޏެއް ނޫނެވެ. ޑޮކްޓަރުކަންވެސް ކުރެއެވެ. ޢިމާރާތްތައް ޑިޒައިންކޮށް ފަރުމާކުރުމުގެ މަސައްކަތްވެސް ކުރެއެވެ. ކާމިޔާބުކަމާއިއެކު ވިޔަފާރިވެސް ކުރެއެވެ. ނުކުރާ މަސައްކަތެއް ނެތެވެ.  

ވީމާ އާމްދަނީ ހޯދަން ކުރިމަތިލައިފިނަމަ ފިރިހެނުން ފަދައިން އާމްދަނީ ހޯދައެވެ. އަދި ގިނަ ޢާއިލާތަކުގެ ދިރިއުޅުން ހަމަޖައްސަނީވެސް ދެމަފިރިން މަސައްކަތްކޮށްގެންނެވެ. ވީމާ ހަރުކަށި ކަމަށް ބޯލަނބައި އަޅުވެތިވެގެން މިހާރުގެ އަންހެނުންނެއް ނުތިބޭނެއެވެ. ވީމާ ކައިވެނި ރޫޅިއްޖެނަމަ ސަލާންޖަހަމުން ހިނގަންޖެހޭނެ ކަމަށް ބަލައި އަޅުވެތިވެގެން ތިބި ދުވަސްތައް ނިމި ހިނގައްޖެއެވެ.  

އަބަދުވެސް އަނބިމިހާ އާއިމެދު ވިސްނަންވީ އޭނާއަކީ ޒަވާޖީ ޙަޔާތުގެ ޙިއްޞާދާރެއް ކަމަށެވެ. ދިރިއުޅުން ކުރިއަސް ގެންދެވޭނީ ދެޙިއްޞާދާރުންވެސް ގުޅި އެކުވެރިކަންމަތީގައި މަސައްކަތްކުރުމުންކަން ޤަބޫލުކުރާނަމަ އުފަލުގައި ދިރިއުޅެން ބޮޑުތަނުން ފަސޭހަވާނެއެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން