"މިވެނި އެވެނި ކަމަކަށް އެދި ދުޢާކުރާތާ އެތައް ދުވަހެއް ވެއްޖެ!" މިއީ އެންމެ ގިނައިން އިވޭ އަޑެވެ. ނުވަތަ އެންމެ ގިނަ ބައެއްގެ ޝަކުވާވެސްމެއެވެ.
ޖަވާބުގައި ބުނަންޖެހެނީ އެކަން އެގޮތަށް މެދުވެރިވަނީ ކީއްވެގެންކަން ބުނަން ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ނަމަވެސް ސަބަބުތައް ބައިވަރެވެ. އޮތީ ދަސްކޮށް އެމީހާގެ ނަފްސްގައި އެއިން ސަބަބެއް ހުރިނަމަ އިޞްލާޙްކުރަން މަސައްކަތްކުރުމެވެ.
އާނއެކެވެ! ކޮންމެ މީހަކު ނަމަވެސް ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވާނަމަ ނުވަތަ ޢިޖާބްކުރެއްވެވުން ލަސްވާނަމަ ކަންބޮޑުވާނެއެވެ. ނަމަވެސް ކަންބޮޑުވުމުގެ ކުރިން އަމިއްލަ ނަފްސުގެ މިކަންކަމަށް ވިސްނާލައި ޗެކްކޮށްލަން އެބަޖެހެއެވެ.
އަލް-ޤުރްޠުބީ ރަޙިމަހު ﷲ ވިދާޅުވިއެވެ:
އަދި އިބްރާހީމް ބިން އަދުހަމް ރަޙިމަހު ﷲ އަށް ދެންނެވުނެވެ:
އަހަރުމެން ދުޢާ ކުރަމުއެވެ. އެހެންނަމަވެސް އެދުޢާ އަހަރުމެންނަށް އިޖާބަނުވަނީ ކީއްވެހެއްޔެވެ؟
ވިދާޅުވި އެވެ:
އެއީ ތިޔަބައިމީހުން ﷲ އަކީ ކޮން ފަރާތެއް ކަން ތިޔަބައިމީހުންނަށް އެނގުމަށްފަހު އެކަލާނގެއަށް ތިޔަބައިމީހުން ކިޔަމަން ނުވުމުންނެވެ. އަދި ރަސޫލާއަކީ ކޮން ބޭކަލެއްކަން ތިޔަބައިމީހުންނަށް އެނގުމަށް ފަހު އެކަލޭގެފާނުގެ ސުންނަތަށް ތިޔަބައިމީހުން ތަބަޢަ ނުވުމުންނެވެ. އަދި ތިޔަބައިމީހުންނަށް ޤުރުއާނަކީ ކޮބައިކަން އެނގުމަށް ފަހު އޭގައިވާ ކަންތައްތަކަށް ތިޔަބައިމީހުން ޢަމަލުނުކުރުމުންނެވެ.
އަދި ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތްތަށް ކައިއުޅުމަށްފަހު އޭގެ ޝުކުރު އަދާ ނުކުރުމުންނެވެ. އަދި ތިޔަބައިމީހުންނަށް ސުވަރުގެއަކީ ކޮބައިކަން އެނގުމަށް ފަހު އެހޯދުމަށް މަސައްކަތް ނުކުރުމުންނެވެ.
އަދި ތިޔަބައިމީހުންނަށް ނަރަކައަކީ ކޮބައިކަން އެނގުމަށްފަހު އޭގެން ފިލަން ތިޔަބައިމީހުން ނުދިޔުމުންނެވެ.
އަދި ތިޔަބައިމީހުންނަށް ޝައިޠާނާއަކީ ކާކުކަން އެނގުމަށްފަހު އެޝައިޠާނާއާ ހަނގުރާމައެއް ނުކުރުމުންނެވެ، އަދި ކިޔެއްތަ؟ އޭނާ ދޭ ވަސްވާސް ތަކަށް ތިޔަބައިމީހުން ރުހިގެން ތިބުމުންނެވެ.
އަދި ތިޔަބައިމީހުންނަށް މަރަކީ ކޮބައިކަން އެނގުމަށްފަހު އެއަށް ތިޔަބައިމީހުން ތައްޔާރެއް ނުވުމުންނެވެ. އަދި ތިޔަބައިމީހުން މަރުވެފައިވާ މައްޔިތުން ވަޅުލުމަށް ފަހު އޭގެން ޢިބުރަތް ޙާޞިލު ނުކުރުމުންނެވެ.
އަދި ތިޔަބައިމީހުންގެ ޢައިބުތަށް ދޫކޮށްލުމަށްފަހު އެހެންމީހުންގެ ޢައިބުތަކާ މަޝްޣޫލުވެގެން ތިބުމުންނެވެ.
ތަފްސީރުލް ޤުރްޠުބީ (ވޮލިއުމް 2 / ޞޮފުޙާ 312)
- "ދީނީ ޢިލްމު" ޓެލެގުރާމް ޗެނެލް