އަހުރެންނަކީ އާވާރާ ދިރިއުޅުމެއް އުޅެވުނު އަންހެނަކީމެވެ. ޜޭގަނޑުވުމުން އަބަދުހެން އުޅެވުނީ އެކުވެރިންނާއިއެކު ޕާޓި ތަކަށްގޮސް މަޖާކުރުމުގައެވެ. އެދުވަސްވަރު އަހުރެންގެ ރީތިކަމަށް ގިނަ ބައަކު ތަޢްރީފް ކުރިއެވެ. އަހުރެންގެ ކަންކަމަށް ޚަރަދުވެސް ކުރިއެވެ. އިރުއޮއްސުމާއިއެކު އެކުވެރިން ގުޅަން ފަށައެވެ. ދިއުން ލަސްވެލައިފިނަމަ ފޯނު ރިންގވުން ނުކެނޑޭނެއެވެ.
ޢުމުރުން 27 އަހަރުގައި ސައިކަލުގައި ޕާޓީއަކަށް ދަނިކޮށް އެކްސިޑެންޓްވިއެވެ. ލިބުނު އަނިޔާގެ ސަބަބުން ހިނގައި ނޫޅެވުމުން އިންނަން ޖެހުނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. އެޙާލަތު ކުރިމަތިވުމާއިއެކު ކުއްލިއަކަށް ހުރިހާ އެކުވެރިން ގެއްލުނެވެ. ގުޅައިލާނެ މީހަކުވެސް ނުވެއެވެ.
ހިތަށް އެރިއެވެ. "ވީކަމެއްވީ ފައަށެވެ. އަހުރެން މިއިނީ ހަމަ ސަލާމަތުންނެވެ. އަހުރެން އެހައި ރީތިނަމަ ހުރިހާ އެކުވެރިން އަހުރެން ދޫކޮށްލީ ކީއްވެގެން ހެއްޔެވެ؟" ކޮންމެއަކަސް އަހުރެން ވަޒިފާއަށް ދަމެވެ. މަސައްކަތްކުރަމެވެ. ވީމާ މީހަކަށް އުނދަގޫނުކޮށް ދިރިއުޅެވެއެވެ.
އެދުވަސްވަރު އޮފީހަށްދާން އެރުނު ކާރެއްގެ ޑްރައިވަރު އަހުރެންނާއި ސުވާލުތަކެއް ކުރިއެވެ. އޭނާގެ ހިތް ހެޔޮކަން އެނގުމުން އަހުރެންގެ ޙަޔާތުގައި ކަންކަން މެދުވެރިވި ގޮތް ކިޔައިދިނީމެވެ. އަދި މިޙާލަތު މެދުވެރިވީތީ ދެރަނުވާކަމަށްވެސް ބުނީމެވެ.
ބުނީމެވެ! "މިއީ އަހުރެންނަށް އުލެވެމުން އައި ގޮތް ރަނގަޅު ނޫންވީމައި އަހުރެންގެ އުޅުން އިޞްލާޙްކުރަން ﷲ އަހުރެންނަށް މިންވަރުކުރެއްވެވި ޙާލަތެކެވެ! ކުރިން އަހުރެންގެ ހުރިހާ ވަޤުތުތަކެއް ދިނީ އެކުވެރިންނަށެވެ. މިހާރު ރޭގަނޑު ކައިގެން އަވަހަށް ނިދަނީއެވެ. ދަންވަރުވުމުން ހޭލައި ރޭއަޅުކަންކޮށް ދުޢާކުރަނީއެވެ. މިހާރު އަހުރެންގެ އެކުވެރިއަކީ ﷲ އެވެ. މިހާރު ލިބޭ ހިތްހަމަޖެހުން މާބޮޑެވެ."
އެހިސާބުން އޭނާ ބުނީ އޭނާއަކީވެސް ދިރިއުޅެން މަސައްކަތްކުރާ މީހަކު ކަމަށެވެ. ކާރަކީ ޓެކްސީއެއް ނޫން ކަމަށާއި އަމިއްލަ ކާރެއް ކަމަށެވެ. އަދި އޮފީސް ނިމުމުން ގުޅާލުމުން ގެއަށް ގެންގޮސްދޭނެ ކަމަށާއި އޮފީހަށް އަންނަން ބޭނުންވުމުންވެސް ގުޅުމަށެވެ. ކޮންމެ ދުވަހަކު އޮފީހަށް އަންނަނީ އެއްގަޑިއެއްގައި ނަމަ ނުގުޅިޔަސް ބަލައި ގޮސްދޭނެކަމަށެވެ. އަދި އެކަމަށް އަގެއްވެސް ބޭނުން ނޫން ކަމަށެވެ.
އަހުރެން އޭނާގެ ހުށަހެޅުން ޤަބޫލުކުރީމެވެ. މަހެއްހައި ދުވަސްފަހުން އޭނާ އެދުނީ އަހުރެންގެ ކައިވެންޏަށެވެ. އަހުރެންގެ ޙާލު އެނގިހުރެ ހުށަހެޅީތީ އަހުރެން އެކަން ޤަބޫލުކުރުމުން ކައިވެނިކުރީއެވެ.
ކައިވެނިކުރިފަހުން އެނގުނީ އޭނާއަކީ ތަނަވަސް މީހަކު ކަމެވެ. އޭނާ ހަނީމޫނަށްދާން ބޭނުންވީ ޖަރުމަނަށެވެ. ޖަރުމަނުގައި ހަފްތާއެއްހައި ދުވަހު އުޅެފައި އޭނާ ބޭނުންވީ އަހުރެން ޑޮކަޓަރަކަށް ދައްކާށެވެ. ޑޮކްޓަރަށް ދެއްކުމުން ކުރީ ނާރުގެ ވަރަށް ކުޑަކުޑަ އޮޕަރޭޝަނެކެވެ. ދެން ދިނީ ފިޒިއޮތެރަޕީއެވެ. މަހެއްހައި ދުވަހުގެ ތެރޭގައި އެކަނި ހިނގައި އުޅެވިއްޖެއެވެ.
މިހާރު ޢުމުރުން 50 އަހަރާއި ކައިރިވަނީއެވެ. ކައިވެންޏަށް 22 އަހަރެވެ. ދިރިއުޅެމުން މިއަންނަނީ ވަރަށް އުފަލުގައެވެ.
ވާހަކައެއްގެ ގޮތަށް މިއަދުނޫހުގެ ކިޔުންތެރިންނަށް މިގެނެސްދިނީ އަޅުގަނޑު ބަލާފައިވާ ފިލްމެއްގެ ވަރަށް ކުރުކުރު ޚުލާޞާއެކެވެ. ބުނެލަން ބޭނުންވަނީ ވިސްނައި ޢިބްރަތް ޙާޞިލުކުރަން ބޭނުން ކޮންމެ މީހަކަށްވެސް މިވާހަކައިގައި ވަރަށް ގިނަ ޢިބްރަތްތަކެއް ވެއެވެ. ޙާޞިލުކުރުމަކީ އެމީހެއްގެ ކަމެކެވެ.
- އަލްލީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ-