ދެމަފިރިން އުފާވެރިކަން ހޯދަން މިމަގުން މަސައްކަތްކުރީމާ ލިބޭ އުފާވެރިކަން މާބޮޑުވާން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދެމަފިރިން އުފާވެރިކަން ހޯދަން މިމަގުން މަސައްކަތްކުރީމާ ލިބޭ އުފާވެރިކަން މާބޮޑުވާން! އިން ޝާ ﷲ

ކޮންމެ ކަމެއްވެސް އެހެން މީހުން ކުރާ ފެންވަރުގައި ކުރަން ބޭނުންވުން ބޮޑުވަމުން އައިސް އެކަން މިއަދު މިވަނީ ވަރަށް ބޮޑު މައްސަލައަކަށްވެފައެވެ. ސަބަބަކީ ފުދުންތެރިކަން ހުންނާނީ އެކީމީހުންގެ ކިބައިގައި އެކިވަރަށެވެ. އަދި ވަޤުތު ލިބޭނީވެސް އެކިމީހުންނަށް އެކިވަރަށް ކަމުގައިވާތީއެވެ.  

ވީމާ ޒަވާޖީ ހަޔާތަށްފަހު މިކަންކަމަށް ވަރަށް ވިސްނަންވާނެއެވެ. ޙަޤީޤީ އުފާވެރިކަން ހޯދޭނީ އެހެން މީހުން ކުރާ ކަންކަމަށް ބަލައިގެނެއް ނޫނެވެ. އުފާވެރިކަން ހޯދަން ދެމަފިރިން މެދުގައި މަޝްވަރާކުރާށެވެ! ދެމަފިރިން ބޭނޫންވާ ކަންކަމަށް އިސަކަންދޭށެވެ. ދެމަފިރިންގެ މެދުގައި ކަންކަން ރާވައިލާށެވެ. 

އެކުވެރިންގެ ތެރޭގައި ވަރަށް ތަނަވަސް މީހުންވެސް ތިބޭނެއެވެ. އަދި އެހައި ތަނަވަސް ނޫން މީހުންވެސް ތިބޭނެއެވެ. ގިނަ ބައަކަށް އިސްކަން ދެވެނީ ތަނަވަސް މީހުންނާއި ގުޅުން ބަދަހިކޮށް އެމީހުން އުޅޭގޮތާއި އެމީހުން ކުރާ ކަންކަމަށް ބެލުމަށެވެ. އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އެއިގެ ބަދަލުގައި ތިމާމެންނަށްވުރެ ދަށްފެންވަރުގެ އެކުވެރިންނާއި ގުޅުން ބަދަހިކުރަން އިސްކަންދޭށެވެ. އުފާވެރިކަން ހޯދަން އެމީހުން ކުރާ ކަންކަން ދަސްކުރާށެވެ!  

ތިމާއަށް ދަތިޙާލަތެއް ކުރިމަތިވެއްޖެނަމަ ތިމާއަށްވުރެ ދަތިޙާލުގައި ދުނިޔޭގައި އުޅޭ މީހުންނަށް ބަލައި ޢިބްރަތް ޙާޞިލުކުރަން އޮންނަނީ އެހެންވެގެންނެވެ. އަދި ކީއްހެއްޔެވެ؟ ތިމާއަށްވުރެ ތަނަވަސް މީހުންގެ ދިރިއުޅުމާއިމެދު ވިސްނާނަމަ ހިތްހަމަޖެހިގެނެއް ނުހުރެވޭނެއެވެ. އަބަދުވެސް ހިތުގައި އޮންނާނީ ކަންބޮޑުވުމާއި ޝަކުވާއެވެ. ތިމާއަށް ލިބޭ މިންވަރުމަދުކަމުންނެވެ.  

ޚުލާޞާކޮށްލާފައި ބުނާނަމަ ބުނަން އޮތީ އުފާވެރިކަން ލިބިގަންނަންވެސް ތިމާގެ ފެންވަރުން ވިސްނާށެވެ. ދަރިން ގޮވައިގެން ނުވަތަ ދެމަފިރިން އެކަނި ކެއުމަކަށް ދިއަނަމަވެސް މާމަތީ ފެންވަރުގެ ތަންތަނަށް ދިއުމަށް ނުވިސްނާށެވެ. ޖީބަށް ކެރިކުޅަދާނަ މިންވަރުގެ ތަންތަނަށްދާށެވެ! މުހިންމީ ފެންވަރު މަތީ ތަންތަނަށް ދިއުމެއް ނޫނެވެ. ދެމަފިރިން އަދި ދަރިންނާއިއެކު ވަޤުތު ހޭދަކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން