ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ފިއްލަދޫއަށް ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފިއްލަދޫއަށް ވަޑައިގެންނެވުމުން އެރަށުގެ އިދާރާތަކުގެ އިސް ވެރިންނާއި އެކި އުމުރުފުރާތަކުގެ ރައްޔިތުންވަނީ ބަނދަރު ސަރަހައްދަށް އެއްވެ ރައީސަށް މަރުހަބާ ދަންނަވާފައެވެ.
މިދަތުރުފުޅުގައި ރައީސް ވަނީ ފިއްލަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ފިއްލަދޫ ޞިއްޙީ މަރުކަޒުގައެވެ.
މި ބައްދަލުކުރެއްވުމުގައި ފިއްލަދޫ ކައުންސިލުން ވަނީ އެ ރަށު ސްކޫލަށް ބޭނުންވާ 8 ކްލާސްރޫމާއި އިތުރަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށް ބޭނުންވާ ކަމަށާއި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި ލެބޯޓްރީއަށް ބޭނުންވާ ރިއޭޖެންޓްސް ލިބުމަށް ދިމާވެފައިވާ ދަތިކަން ހިއްސާކުރައްވާފައެވެ. މީގެއިތުރުން އަލަށް އާބާދުވާ ސަރަޙައްދުގައި ކަރަންޓާއި ޔޫޓިލިޓީ ޚިދުމަތްތައް ޤާއިމުވެފައިނެތުމާއި ރަށުގައި ކުނިކޮށްޓެއް އެޅުމުގެ މުހިންމުކަންވެސް ކައުންސިލުން މި ބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރަށުގައި ފެންބޮޑުވުމުގެ މައްސަލައިގެ އިތުރުން މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ހުރި ދަތިކަން ހިއްސާކުރައްވަމުން އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ބޭނުންވާކަން ކައުންސިލް މެންބަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ މަގުތައް ހެދުމަށް ސްކޯޕް ކަނޑައެޅިގެންދިއުމުން މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢު ގެންދެވޭނެ ގޮތެއް ނިންމަވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެ މަނިކުފާނު ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ޞިއްޙީ މަރުކަޒުގައި ސޯޅަ ގަޑިއިރު ޚިދުމަތް ދެމުންދާއިރު އެތަނަށް ބޭނުންވާ މިންވަރަށް މުވައްޒަފުން ނުލިބޭ މައްސަލަ ހައްލު ކުރުމަށް ފިނޭންސް މިނިސްޓްރީއަށް ރިކުއެސްޓް ކޮށްގެން މަސައްކަތް ކުރައްވަމުންދާ ކަމަށާއި ހަމަ އެފަދައިން ރިއޭޖެންޓްސް ލިބުމަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް އެސް.ޓީ.އޯ އާއި ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރައްވަމުންދާކަން ވަޒީރުން ފާހަގަކުރެއްވިއެވެ..
ތިން ދުވަހުގެ މުއްދަތަށް ހއ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި އެއަތޮޅުގެ 10 ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. އެއީ މުރައިދޫ، ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، ތަކަންދޫ، އުލިގަން އަދި އުތީމެވެ.