އިންޓަނެޓް ބޭންކިން މެދުވެރިކޮށް ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުން ބޭރުފައިސާ މާރުކުރުމަށް އެކުލަވާލައިފައިވާ ގާނޫނާއި ގަވައިދާ އެއްގޮތަށް ބޭރު ފައިސާ މާރުކުރެވޭ ޕްލެޓްފޯމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ބީއެމްއެލްއިން ބުނެފައިވަނީ ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުން ބޭރު ފައިސާ މާރުކުރުމަށް އެކުލަވާލައިފައިވާ ގާނޫނާއި ގަވައިދާ އެއްގޮތަށް ފަސޭހައިން ބޭރު ފައިސާ މާރުކުރެވޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އެ ވިޔަފާރިތަކަށް މިހާރު ބީއެމްއެލް އިންޓަނެޓް ބޭންކިން ޕްލެޓްފޯމް މެދުވެރިކޮށް މިކަން ކުރެވޭ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.
މި ޕްލެޓްފޯމްގެ ޒަރީއާއިން ވިޔަފާރިތަކަށް، ގާނޫނާއި ގަވައިދުގެ ދަށުން މާރުކުރަން ޖެހޭ (މެންޑޭޓަރީ އެކްސްޗޭންޖް) ހުރިހާ މުއާމަލާތެއް ފަސޭހަކަމާއެކު ޓްރެކްކޮށް ރިވިއު ކުރުމަށް އެކްޓިވިޓީ ރިޕޯޓުން ފެންނާނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
މި ޕްލެޓްފޯމު މެދުވެރިކޮށް ބޭންކަށް ޑޮލަރު މާރުކުރާނީ 15.42 ރުފިޔާ އަށެވެ.