ގަވައިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކޮށް، ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިކަމާގުޅިގެން އިމިގްރޭޝަނުން ވިދާޅުވީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށްޓަކައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަންތަކެއްގެ ދަށުން، ވިއެޓްނާމްގެ 5 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 4 އަންހެނުންނާއި އެޖެންޓެއްގެގޮތުގައި މަސައްކަތްކުރި ފިރިހެނަކުކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން އެކަކު މިހާރު ވަނީ ޑީޕޯޓުކޮށްލާފައެވެ. އަދި ބާކީ ތިބި މީހުން ވެސް ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.
މީގެ ކުރިން ވެސް އިމިގްރޭޝަނުން ވަނީ، ފުޅާ ދާއިރާއެއްގައި ރާއްޖޭގައި މިފަދަ އެކި ވިޔަފާރި ކުރަމުން ދިޔަ މީހުންތައް ހިފަހައްޓައި ޑީޕޯޓުކޮށްލާފަ އެވެ.