މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ގޭބިސީތަކުގައި ސޯލަރ ސިސްޓަމް ހަރުކުރުމުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހު ކޮށްދެއްވައިފިއެވެ.
މިއީ ގޭބިސީތަކުން ކަރަންޓު ބިލަށް ކުރާ ހޭދަ ކުޑަކުރުމަށާއި، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ މިންވަރު އިތުރުކުމަށް އަމާޒުކޮށްގެން ސަރުކާރުން ހިންގާ ޕްރޮގްރާމެކެވެ.
މީގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުޢާހަދާގެ 28 ވަނަ ބައްދަލުވުމުގައި ރައީސް ކަނޑައެޅުއްވި، 2028 ވަނަ އަހަރުގެ ކުރިން ދިވެހިރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން އުފެއްދުގެ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެން ދާނެއެވެ. މި ޕްރޮގްރާމަކީ ސަރުކާރާއި ބޭރުގެ އެހީދޭ ފަރާތްތަކާއި ގުޅިގެން ޔުޓިލީ ކުންފުނިތައް މެދުވެރިކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ ފުރަތަމަ ފިޔަވަހީގެ ދަށުން ހޯދިފައިވާ ސިސްޓަމުތައް އިންސްޓޯލުކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވުމެވެ.
މި ފިޔަވަހީގައި ސޯލާ ޕީވީން ކަރަންޓު އުފައްދާ ނިޒާމު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ގޭބިސީތަކަށެވެ. މި ފިޔަވަހީގެ ދަށުން ޖުމްލަ 750 ގޭބިސީއަކަށް ސޯލާ ޕީވީ ނިޒާމު ފޯރުކޮށްދެވޭނެއެވެ.
ސޯލާޕީވީ ނިޒާމު ހަރުކުރަން ބޭނުންވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން، ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް، ސޯލާ ޕީވީ ނިޒާމުތައް އިންސްޓޯލްމަންޓް އުސޫލުން ގަތުމުގެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.