އުތީމު ކައުންސިލު އައު އޮފީސް އިމާރާތާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ހއ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. އުތީމުގެ އައު ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު ޢާދަމް ޝަރީފް ޢުމަރުއެވެ. މިވަގުތު އުތީމުގައި ފުލުހުންގެ ޚިދުމަތްވެސް ދެމުން އަންނަނީ ކައުންސިލް އިދާރާގައި ޕޮލިސް ޑެސްކް ބަހައްޓައިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއެއްގޮތަށް 55 ރަށެއްގެ ކައުންސިލް އައު އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ ސަރުކާރުން ހަވާލުކުރެއްވީ މިނިމުނު ހަފްތާގެ ތެރޭގައެވެ.
މީގެއިތުރުން އުތީމުގައި ފުލުހުންގެ ޚިދުމަތްދޭ މަރުކަޒު އިމާރާތްކުރުމުގެ ބިންގާވެސް ވަނީ އަޅުއްވާފައެވެ. ފުލުހުންގެ އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙުސާނާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢެވެ. މިހާތަނަށް އެރަށުގައި ފުލުހުންގެ ޑެސްކް ހިންގަމުން އަންނަނީ އުތީމު ކައުންސިލްގެ އިދާރާގައެވެ.