އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އިން ޚިދުމަތް ދިނުމަށް އިތުރު 3 ފަރާތަކުން ބައިވެރިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އިން ޚިދުމަތް ދިނުމަށް އިތުރު 3 ފަރާތަކުން ބައިވެރިވެއްޖެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޤާއިމްކޮށްފައިވާ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް – ފަވަރަ އިން ޚިދުމަތް ދިނުމަށް އިތުރު 3 ފަރާތަކުން މިއަދު ބައިވެރިވެއްޖެއެވެ.

މިކަމާގުޅިގެން އެމްއެމްއޭއިން ބުނެފައިވަނީ ސިސްޓަމްގައި އަލަށް ބައިވެރިވެ ފަވަރަގެ ޚިދުމަތް ދޭންފަށާފައިވާ ފަރާތްތަކަކީ ހަބީބް ބޭންކް ލިމިޓެޑް (އެޗްބީއެލް)، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ސީބީއެމް) ގެ އިތުރުން ދިރާގު ފިންޓެކް ޕްރައިވެޓް ލިމިޓެޑް (ދިރާގު ފިންޓެކް) ކަމަށެވެ.

މީގެ ތެރެއިން ދިރާގު ފިންޓެކް އަކީ ބޭންކު ނޫން ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ ތެރެއިން ފަވަރަ އާއި ގުޅޭ ފުރަތަމަ ފަރާތެވެ. މި 3 ފަރާތުން ވެސް ވަނީ ފަވަރަ އާއި ގުޅުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ފުރިހަމަކޮށް ޕައިލަޓް ޓެސްޓިންގގެ މަރުހަލާވެސް ފުރިހަމަ ކޮށްފައެވެ.

ސިސްޓަމާއި ގުޅުމާއިއެކު މި ތިން ފަރާތުގެ ޚިދުމަތްތައް ބޭނުންކުރައްވާ ހުރިހާ ކަސްޓަމަރުންނަށްވެސް ފަވަރަ ޓްރާންސްފަރ، ފަވަރަ ރިކުއެސްޓް، ފަވަރަ އައިޑީ އަދި ފަވަރަ ރީކޯލް ހިމެނޭހެން، ފަވަރަގެ އެންމެހާ ޚިދުމަތްތައް މިއަދުން ފެށިގެން ލިބިގެންދާނެއެވެ.

ފަވަރަ އާއި އަލަށް ގުޅުނު އެޗްބީއެލް އަދި ސީބީއެމް އާއި އެކު ރާއްޖޭގައި ބޭންކިންގގެ ޚިދުމަތް ދެމުންގެންދާ ހުރިހާ ބޭންކުތަކެއް މިހާރު މިވަނީ ސިސްޓަމްގައި ބައިވެރިވެފައެވެ. މިޔާއިއެކު އެއް ބޭންކުން އަނެއް ބޭންކަށް ކުރާ މުއާމަލާތްތައް ފަސޭހަކަމާއެކު ވަގުތުން މިހާރު ކުރެވޭނެއެވެ.

ކުރިޔަށް އޮތްތަނުގައި ޕޭމަންޓް ޚިދުމަތްދޭ އެހެނިހެން ފަރާތްތަކުން ވެސް ސިސްޓަމާއި ގުޅުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރެވެމުން ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން