ޚާރިޖީ ވަޒީރު ޑރ.ޚަލީލް ސަޢުދީ ޢަރަބިއްޔާއަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޚާރިޖީ ވަޒީރު ޑރ.ޚަލީލް ސަޢުދީ ޢަރަބިއްޔާއަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުالله ޚަލީލް ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްޙާން އަލް ސަޢޫދުގެ ދަޢުވަތަކަށް އެ ޤައުމަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމާއި، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރެއްވުމަށް މަޝްވަރާކުރައްވާނެ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެއެވެ.

މީގެއިތުރުން، ދަތުރުފުޅުގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ކޮމަރސްއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން ވަރުގަދަކުރެއްވުމާއި، ރާއްޖޭގައި ސަޢުދީ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި އެ މިނިސްޓްރީގެ ބައިލެޓަރަލް ސެކްރެޓަރީ، ޑރ. ހާލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހު ބައިވެރިވެ ވަޑައިގަންނަވައެވެ.

ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާ ދެމެދު އޮންނަނީ ވަރަށް ވަރުގަދަ ދިގު މުއްދަތެއްގެ ގުޅުމެކެވެ. މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ދަތުރުފުޅަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން