ދަރިންނަސް ކުރެވޭ ކަމަކާއި ގުޅިގެން ހިތްހަމަނުޖެހޭ ޙާލަތުގައި ދަރިންނަށް ނުބައި ބަސްތައް ބުނެ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް އެކުދިން ވައްޓައިލާ ބެލެނިވެރިންވެސް އުޅެއެވެ. "ތިއަ ދަރިއަށް އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭނެ. ރަގަޅު ނަތީޖާއެއްވެސް ނުހޯދޭނެ! ތިއަ ދަރި ލިބުނީތީ ހިތާމަވެސްކުރަން!" ފަދަ ބަސްތައް ބުނެލަނީ ޖެހިލުމެއް ނެތިއެވެ.
އަޑުއަހާށެވެ! ރަނގަޅަށް އަޑުއަހާށެވެ! ދަރިއަކާއި ދިމާއަށް ބުނާ މިފަދަ ކޮންމެ ބަހަކަށް ޤިޔާމަތް ދުވަހު ޖަވާބުދާރީވާންޖެހޭނެއެވެ. އެބަސްތަކުގެ ސަބަބުން ކުދިންނަށް ލިބުނު ނަފްސާނީ ގެއްލުމަށާއި އެކުދިންގެ ދިރިއުޅުމަށް ކުރި ނުބައި އަސަރަށްވެސް ޒިންމާ އުފުލަންޖެހޭނެއެވެ.
ލޮބުވެތި ބެލެނިވެރިންނޭވެ! ކެތްތެރިވާން ދަސްކުރާށެވެ! ދަރިންނަށް ހިތްވަރުދޭ ބައަކަށްވާށެވެ! ކުރިއަށް އޮތްތަން ރަނގަޅުކުރަން ނަޞޭޙަތްދޭށެވެ! އޯގާތެރިކަން އިސްކުރާށެވެ!
ދަރިންގެ ކަންކަމަށް ކެތްތެރިނުވެވޭނެ އަދި އެކުދިން ރަނގަޅު ގޮތުގައި ބަލަހައްޓައި ތަރުބިއްޔަތުނުކުރެވޭނެނަމަ ކައިވެނިކޮށް ދަރިން ނުހޯދާށެވެ! ކައިވެނިކުރެވުމާއިއެކު އުޅެނީ ދަރިން ލިބުން ލަސްވެގެންނެވެ. ދަރިން ލިބުމުން އަނިޔާވެރިވީމާ އެކުރެވެނީ ކިހައިބޮޑު ފާފައެއް ކަމާއިމެދު ވިސްނައިލާށެވެ!
ދެން އޮތީ ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރަން މަސައްކަތްކުރިނަމަވެސް ނުވަތަ ތަރުބިއްޔަތުކުރުމުން ކުދިން ބޮޑެތިވެ ނުބައި މަގު އިޚްތިޔާރުކުރުމެވެ. އެކަންވެސް މެދުވެރިވެއެވެ. އެއިރުން ﷲ ތަޢާލާގެ ޙަޟްރަތުގައި އޮންނާނީ އެކުއްޖެއްގެ މައްސަލައެވެ. ބެލެނިވެރިންގެ މައްސަލައެއް ނުއޮންނާނެއެވެ. އަދާކުރި މަސްއޫލިއްޔަތަށް ޘަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ
އެކަމަކު ބުނަން ހެއްޔެވެ؟ ކޮންމެ ޙާލަތެއްގައިވެސް ދަރިންނަށް ހެޔޮދުޢާކުރަންވާނެއެވެ! އެއީ އަބަދުވެސް ކުރަންޖެހޭނެ ކަމެކެވެ!
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން