ތަނަވަސްކަން ހުރިނަމަ ކިތަންމެ ރީތި އަންހެނަކުވެސް ލިބިދާނެއެވެ. ނަމަވެސް ސުވާލަކީ އޭނާއަކީ އަގުހުރި އަންހެނެއްޔެވެ؟
އަގުހުރި އަންހެނުންނަކީ ފައިސާއަށް ވިކޭނެ ބައެއް ނޫނެވެ. އެޅިހާބަތަކަށް ރިހަވެގެނެއް ނުތިބޭނެއެވެ. އެމީހުންގެ ޙައްޤުތައް ހޯދަން މަސައްކަތްކުރާނެއެވެ.
އަގުހުރި އަންހެނުންގެ ކުރިމަތީގައި އެކަނބަލުންގެ އަގަކީ އަގުބޮޑު ދިރިއުޅުމެއް ނޫނެވެ. ޚަރަދުކުރަންދޭ ފައިސާތަކާއި ހޯދައިދޭ އަގުބޮޑު ގަހަނާތަކެއްވެސް ނޫނެވެ. ދުއްވަންދޭ އަގުބޮޑު ކާރެއްވެސް ނޫނެވެ.
އަގުހުރި އަންހެނުންގެ ކުރިމަތީގައި އެކަނބަލުންގެ އަގަކީ އެކަނަބަލުންނަށް އިހްތިރާމްކުރާ މިންވަރެވެ. އެކަނބަލުންގެ ޤަދަރު ހިފަހައްޓާ މިންވަރެވެ. އެކަނބަލުންގެ އަގު ވަޒަންކުރާ މިންވަރެވެ. މިއިން އެއްވެސް ކަމަކީ ފައިސާ އާއި ގުޅިފައިވާ ކަންކަމެއް ނޫނެވެ. މިކަންކަން ގުޅިފައިވަނީ ބައިވެރިޔާގެ ޢަމަލުތަކާއިއެވެ. އަނބިމީހާ އާއިމެދު ކަންކަންކުރާ ގޮތާއިމެދުގައެވެ.
ތަނަވަސްމީހުންގެ އަނބިން ލައިގެންތިބޭ ފޭރާމާއި އަޅައިގެން ތިބޭ އަގުބޮޑު ގަހަނާތަކާއި ޚަރަދުކުރަން އަތުގައި ހުންނަ ފައިސާތައް ފެނުމުން އެއީ އަގުބޮޑު އަންހެނެއްކަމަށް ބައަކަށް ވަޒަންކުރެވުނަސް ޙަޤީޤަތުގައި އޭނާއަކީ އަގުބޮޑު އަންހެނަކަށްވާނީ ކުރިން މިބުނި ކަންކަން އޭނާއަށް ލިބޭނަމައެވެ.
ރަނގަޅަށް ކަންކަން ހޯދައިބަލާށެވެ. ތަނަވަސްކަން ހުރި ގިނަ މީހުންގެ އަނބިން ތިބޭނީ މިބުނި ކަންކަމުން މަޙްރޫމްވެގެންނެވެ. އެއީ ތަނަވަސްކަން ލިބުމުން ވަރަށް މަދު މީހަކު ނޫނީ ކުރިން މިބުނި ކަންކަން އަނބިމީހާއަށް ފުރިހަމަކޮށްނުދޭތީއެވެ.
ތަނަވަސްކަން ހުންނަ މީހުން ބޮޑެތި ޚަރަދުތައްކޮށްގެން ކުރާ ކައިވެނިވެސް ދާދި އަވަހަށް ރޫޅިގެން އެދަނީ އަގުބޮޑު އަންހެނުންނަށް ފުރިހަމަކޮށްދޭންޖެހޭ ކަންކަން ފުރިހަމަކޮށްނުދެވޭތީއެވެ. ނޫންނަމަ ތަނަވަސް ފިރިމީހާ އާއި ވަކިވެ މާދެރަވަރުގެ މީހުންނާއި އެގުޅެނީ ކީއްވެގެން ހެއްޔެވެ؟
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން