ސުވަރުގެ ވަދެވުމުން އެމީހަކަށް ލިބޭނެ ނިޢުމަތްތައް އޮޅުންފިލުވަން ގިނަ ބައަކު ޝައުޤުވެރިވެއެވެ. އެއީ ހަމަ ވަރަށް ރަނގަޅު ކަމެކެވެ. ކޮންމެ ކަމެއް ނަމަވެސް ޙާޞިލްކުރަން މަސައްކަތްކުރަން ޝައުޤުވެރިކަން އިތުރުކުރެވޭނީ އެކަމަކުން ތިމާއަށް ކުރާނެ މަންފާ އެނގުނުވަރަކުން ކަމަށްވާތީއެވެ.
ސުވަރުގެއިން މީހަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތް:
ﷲ ތަޢާލާގެ ދީދާރުފުޅު ފެނުމަކީ އެމީހަކަށް ލިބޭނެ އެންމެ ބޮޑު ރަޙްމަތެވެ! އެމަތިވެރި ރަޙްމަތް ޙާޞިލުކުރެވޭނީ ސުވަރުގެ ވެދެވުނު އަޅަކަށެވެ. ސުވަރުގެއިން އެމީހަކަށް ލިބިފައިވާ ދަރަޖައަކުންނެވެ. އެންމެންނަށް އެއްވަރަކަށް ނޫން ކަމަށް ޢިލްމުވެރިން ބަޔާންކުރައްވަވައެވެ.
ޢިލްމުވެރިން ބަޔާންކުރައްވަވާ ގޮތުގައި ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ އަލްޙުސްނާ އަކީ ސުވަރުގޭގެ ނަންފުޅެކެވެ. އަލްޒިޔާދާއަކީ ﷲ ތައާލާގެ ދީދާރުފުޅު ދެއްކެވުމެވެ. ސުވަރުގެއާއި ސުވަރުގޭގެ ނިޢްމަތްތަކަށްވުރެ މަތިވެރިވެގެންވާ ނިޢްމަތަކީ އެއީއެވެ.
ހުރިހާ މުސްލިމުންވެސް އެދެމުން މިދަނީ ސުވަރުގެއަށެވެ. ސުވަރުގޭގެ މަތިވެރިކަމާއި ސުވަރުގޭގައިވާ ނިޢްމަތްތަކުގެ މަތިވެރިކަން އެންމެންނަށްވެސް އެބަ އެނގެއެވެ. ސުވަރުގެ ވަންނަން މަސައްކަތް މިކުރަނީ އެކަންކަން ޤަބޫލުކުރާ މީހުންނެވެ. ވީމާ ސުވަރުގެއަށްވުރެ އިތުރަށް ދެއްވަވާނެ ކަމަށް ވަޙީ ކުރައްވަވާފައި އޮތް އޮތުމުގެ ތަފްޞީލް ބަޔާން ކޮށްދެއްވަވަމުން ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައި ވަނީ އެއީ ﷲ ތަޢާލާގެ ދީދާރުފުޅު ދެއްކެވުން ކަމަށެވެ.
"މީސްތަކުން ސުވަރުގެއަށް ވައްދަވައި ނިމުމުން މީސްތަކުންނާއި މުޚާޠަބް ކުރައްވަވައި ﷲ ތަޢާލާ ބަސްފުޅު ވަހީ ކުރައްވަވާނެތެވެ. ސުވަރުގޭގައި ތިބީ އުފަލުންތޯ ހިތްހަމަޖެހިގެންތޯ ސުވާލު ކުރައްވަވާނެތެވެ. އެހިނދު މީސްތަކުން އެމީހުން ތިބީ އުފަލުން ކަމުގައި ދަންނަވާނެތެވެ. އެހިނދު އިތުރަށް އެއްވެސް ކަމެއް ބޭނުންވޭތޯ؟ ވެސް ﷲ ތަޢާލާ ސުވާލު ކުރައްވަވާނެތެވެ. ޖަވާބުގައި އިތުރަށް އަޅަމެން ބޭނުންވާނީ ކޮންކަމެއްތޯއޭ ދަންނަވާނެތެވެ. އަދި ދަންނަވާނެތެވެ. އަޅަމެންގެ ފާފަތައް ފުއްސަވައި ނުދެއްވަވަމުތޯއެވެ؟ މީޒާނުގައި އަޅަމެންގެ ހެޔޮކަމުގެ އަމަލުތައް ބަރުކޮށް ނުދެއްވަވަމުތޯއެވެ؟ ނިޢްމަތްތަކުން ފުރިގެންވާ މި ސުވަރުގެއަށް އަޅަމެން ނުވައްސަވަމުތޯއެވެ؟ ވީއިރު ދެން އިތުރަށް އަޅަމެން ބޭނުންވާނީ ކޮންކަމެއްތޯއެވެ؟"
ރަސޫލް ﷺ ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެހިސާބުން ﷲ ތައާލާ، އެކަލާނގެ ދީދާރުފުޅު މީސްތަކުންނަށް ދައްކަވާނެ ކަމަށެވެ. (ބައެއް އިލްމުވެރިން މިކަން ބަޔާން ކުރައްވަވާފައިވަނީ ފަރުދާ ކަޝްފުކުރައްވަވައި މޫނުފުޅު ދެއްކެވުން ކަމުގައެވެ.(
މީސްތަކުންނޭވެ! ﷲ ތައާލާގެ ދީދާރުފުޅު ދެކެން ބޭނުންވާ މީހާ ކޮށްގެން ނުވާނެ ދެ ކަމެއް ރަސޫލް (ﷺ) ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. އެއީ ޢަޞްރް ވަގުތާއި ފަތިސް ވަގުތުގައި ނިދުމެވެ. ވީމާ ކޮންމެ ގޮތަކުން ނަމަވެސް މި ދެ ނަމާދު ޖަމާއަތުގައި ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.
ﷲ ތަޢާލާގެ ދީދާރުފުޅު ދެކެން ބޭނުންނަމަ ކުރަންޖެހޭ ކަންކަމުގެ ތެރޭގައި ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމާއި ގާތް ތިމާގެ މީހުންނަށް ހެޔޮކޮށް ހިތުމާއި (އަނބިދަރިންވެސް ހިމެނޭ ގޮތުން) ކެތްތެރިވުން ހިމެނޭ ކަމަށް ﷲ ތަޢާލާ ވަނީ ބަޔާންކޮށް ދެއްވަވައިފައެވެ. ﷲ ތައާލާގެ ދީދާރުފުޅު ފެނުމުގެ ނަޞީބު ލިބުމަކީ އާދައިގެ ކަމެއް ނޫނެވެ. އެކަމުގެ ނަޞީލިބިއްޖެ މީހެއްގެ މޫނުވެސް ވިދައި ބަބުޅާނެއެވެ.
މިފަދަ މަތިވެރި ނަޞީބު ހޯދުމާއި ނުހޯދުން ވަނީ އިންސާނާގެ އަމިއްލަ އިޚްތިޔާރުގައެވެ. މިބުނަނީ ﷲ ތައާލާ އެންގެވި ގޮތަށް އަމަލުކޮށް ސުވަރުގެ ވަނުމުގެ ބަދަލުގައި އަމިއްލައަށް ގޮސް ނަރަކައަށް ވެއްޓި ގަތުމުގެ އިޚްތިޔާރު ވެސް ދެއްވަވާފައިވާ ވާހަކައެވެ. ހަމަ ޔަޤީނުންވެސް ބުއްދިވެރިންނަކީ ނަރަކައިގެ އަލިފާނުން ސަލާމަތްވެ ސުވަރުގެ ވަދެވި ﷲ ތަޢާލާގެ ދީދާރުފުޅު ދެކެން މަސައްކަތްކުރާ މީހުންނެވެ.
އެހެންކަމުން މުސްލިމުންގެ އެންމެ ބޮޑު ބޭނުމަކީ ސުވަރުގެ ޙާޞިލުކުރުމެވެ. ސުވަރުގެ ޙާޞިލުކުރަން ގަދައަޅައި އަހަރެމެން މަސައްކަތް ކުރަމުއެވެ. އެއީ ސުވަރުގޭގެ މަތިވެރި ނިޢްމަތްތައް ބޭނުންވާތީއެވެ. އެނިޢްމަތްތަކުގައި ދާއިމަށް ދެމިތިބެން ބޭނުންވާތީއެވެ. ސުވަރުގެ ޙާޞިލު ކުރެވޭ މީހުންނަށް ލިބެނީ ހަމަ އެކަނި ސުވަރުގެއާއި ސުވަރުގޭގައިވާ ނިޢްމަތްތަކެއް ނޫނެވެ. އެއިގެ އިތުރުން މާ ބޮޑު ނިޢްމަތެއް ލިބިގެންދާނެއެވެ. އެކަން ﷲ ތަޢާލާ ވަޙީ ކުރައްވަވާފައި އޮތުމުން އެކަމުގެ ތަފްޞީލުތައް ރަސޫލް (ﷺ) ވަނީ ދެއްވަވައިފައެވެ.
"އެ ސުވަރުގޭގައި އެއުރެންނަށް އެއުރެން އެދޭހައި ކަމެއް ވެއެވެ. ތިމަން ރަސްކަލާނގެ ޙަޟްރަތުގައި އިތުރު ނިޢްމަތްތައްވެސް ވެއެވެ." ޤ ސޫރަތުގެ 35)
"އެދުވަހުން މޫނުތަކެއް ރީތިވެ އަލިވެގެންވެއެވެ. އެ މޫނުތަކުގެ ވެރި ރަސްކަލާނގެއަށް ބަލަބަލައި ތިބެއެވެ." (އަލްޤިޔާމާ- 22، 23)
ހެޔޮ އަމަލުތައް ކުޅަ މީހުންނަށް، އެންމެ ހެޔޮ ޖަޒާ ހުށްޓެވެ. (އެއީ ސުވަރުގެ އެވެ.) އަދި އެއިގެ އިތުރަށްވެސް ހުށްޓެވެ. (އެއީ ﷲގެ ދީދާރުފުޅު ދެއްކެވުމެވެ) އަދި އެއުރެންގެ މޫނުތަކަކަށް ހިރަފުހެއް ނުވަތަ ދެރަކަމެއް ނުއަރާނެތެވެ. އެއުރެންނީ، އެއުރެންނީ ސުވަރުގޭގެ އަހުލުވެރިންނެވެ. އެއުރެން އެތަނުގައި އަބަދަށް ދެމިތިބޭ ހުއްޓެވެ. (ޔޫނުސް- 26)
- އިސްލާމީ ތިލަފަތުގެ ދަރުސަކުން