އެބައެއްގެ ކިބައިން ތިބާއަށް ފައިދާކުރާނެ އެކުވެރިންގެ ކިބައިގަ ހުންނަންޖެހޭ ސިފަތަކުގެތެރެއިންވެސް ކޮންމެހެން ހުންނަންޖެހޭ 4 ސިފަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އެބައެއްގެ ކިބައިން ތިބާއަށް ފައިދާކުރާނެ އެކުވެރިންގެ ކިބައިގަ ހުންނަންޖެހޭ ސިފަތަކުގެތެރެއިންވެސް ކޮންމެހެން ހުންނަންޖެހޭ 4 ސިފަ!

ރަނގަޅު އެކުވެރިންނަކީ ވަރަށް މުހިންމު ބައެކެވެ. އެއްވެސް މީހަކީ އެކަނި އުޅެވޭނެ މީހެއް ނޫނެވެ. ކޮންމެ މީހަކުވެސް އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވާނެއެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަ ހިޖުރައަށް ވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރެއްވެވި ކަންކަމުގެ ތެރޭގައި ޞަޙާބީންނާއި އަންޞާރީން އަޚްކުރެއްވެވުން ހިމެނެއެވެ.  

އެކަމުންވެސް އެނގިގެންދަނީ އެކަމުގެ މުހިންމު ކަން ބޮޑުކަމެވެ. ރަނގަޅު ހެޔޮލަފާ އެކުވެރިން ބޭނުންވާނެއެކަމެވެ. އަދި ލޭގެ ގޮތުން ގުޅުން ނެތްނަމަވެސް އަޚުންގެ ގޮތުގައި އުޅެވިދާނެ ކަމެވެ.  

އަޚުންގެ ނުވަތަ އެކުވެރިންގެ ގޮތުގައި ޚިޔާރުކުރަންޖެހޭނީ ރަނގަޅު ސިފަތައް ހުންނަ މީހުންނެވެ. އެއިގެ ތެރޭގައި އަޚްލާޤް ރަނގަޅުވުމާއި ދީންވެރިވުމާއި ދީނަށް ލޯބިކުރުން ހިމެނެއެވެ. ވީމާ އެކުވެރިން ޚިޔާރުކުރުމުގަ އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންކަމުގެ ތެރެއިން 4 ކަމެއް ޚާއްޞަގޮތެއްގައި ފާހަގަކޮށްލާނަމެވެ.  

ފުރަތަމަ ކަމަކީ އެއްވެސް ޝައްކެއް ނެތްގޮތުގައި އަޅުކަންކުރަން ހިތްވަރުދީ ވީހައި ގިނައިން އަޅުކަންކުރަން ހިތްވަރުދިނުމެވެ. ތަޤްވާގެ މަގުގައި އަބަދުވެސް ސާބިތުވެ ހުރުމަށް ބާރުއެޅުމެވެ. 

ދެވަނަ ކަމަކީ ތިމާއަށް ކަންކަން ކުރިމަތިވެ ސިކުނޑިއަށް ބުރަބޮޑުވުމުން އެކަން ލުއިކޮށްދޭން މަސައްކަތްކުރުމެވެ. ކެތްތރިކަން އިސްކޮށް ﷲ ތަޢާލާއަށް ވަކީލުކުރަން ހިތްވަރުދިނުމެވެ.  

3 ވަނަ ކަމަކީ ކިތަންމެ ގާތްކޮށް އުޅުނު ނަމަވެސް ސަލާމްގޮވައި ހުއްދަ ލިބުމުން ނޫނީ ގެއަށް ނުވަނުމެވެ. ތިބާގެ ޢާއިލާއަށް އިޙްތިރާމްކުރުމަކީ އެއީއެވެ. 

4 ވަނަ ކަމަކީ އެކުވެރިޔާއަށް ކަމެއް ދަތިވެގެން އުޅޭކަން އެނގިއްޖެނަމަ އެކުވެރިޔާ ނުއެދުނު ނަމަވެސް އެމީހަކަށް ވެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. ހަމައެކަނި ފައިސާއަކުންނޫނެވެ. ފައިސާ ނެތްނަމަ އެހެން ގޮތްގޮތުންވެސް އެހީތެރިވެދެވިދާނެއެވެ.   

އަހަރެން ޤަބޫލުކުރާގޮތުގައި މި 4 ސިފަ އެމީހެއްގެ ކިބައިގައި ހުރެއްޖެ ނަމަ އެއީ ރަނގަޅު އެކުވެރިއެކެވެ. ތިބާއަށް ކުރިމަތިލާންޖެހޭ ދަތި ޙާލތްތަކުގައިވެސް ތިބާ އާއިއެކުގައި އެމީހަކު ހުންނާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން