ޢިބްރަތްތެރި ވާހަކަ: ކައިވެނިކުރުމުގެ ނިޔަތްނެތި އޮފީހުގެ ވެރިންނާ "ޚާއްޞަ ގުޅުން" ބޭއްވުމަކީ ގިނަ ފަހަރަށް ކަރުނައަޅަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
ޢިބްރަތްތެރި ވާހަކަ: ކައިވެނިކުރުމުގެ ނިޔަތްނެތި އޮފީހުގެ ވެރިންނާ "ޚާއްޞަ ގުޅުން" ބޭއްވުމަކީ ގިނަ ފަހަރަށް ކަރުނައަޅަންޖެހޭ ކަމެއް!

ދެމަފިރިން ކައިވެނިކުރީ ދިރިއުޅޭނެ ތަނެއް ނެތިއެވެ. އެހެންވެ ދިރިއުޅެމުން އައީ އެއްކޮޓަރީގެ ކުޑަކުޑަ އެޕާޓްމަންޓެއް ކުއްޔަށް ހިފައިގެންނެވެ. ފިރިމީހާގެ އެންމެ ބޮޑު އުންމީދަކީ އަމިއްލަ ގެއެއްގައި ދިރިއުޅުމެވެ. އެހެންވެ ވަރަށް ބުރަކޮށް ރެއާއި ދުވާލު މަސައްކަތްކުރަމުން ދިއައީ އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމަށެވެ. 

އޭނާއަށް ފައިސާ އެއްކުރެވުނީ 10 އަހަރުންނެވެ. ފައިސާ އެއްކުރިކަން އަނބިމީހާއަކަށް ނުއަންގައެވެ. ފައިސާ އެއްކުރެވުމުން ގެއެއްގަނެ އޭނާގެ ފެންވަރުން ގެއަށް ރަނގަޅު ފަރުނީޗަރުވެއްދިއެވެ. ގޭގެ ހުރިހާ ކަންކަން އޭނާގެ ފެންވަރުން ވަރަށް ފުރިހަމަކުރިއެވެ. 

އަނެއް ދުވަހަކީ ގެއަށް ބަދަލުވާން ނިންމާފައި އޮތް ދުވަހެވެ. ކުދިން ސްކޫލުން ނިމުން ގެންދިއައީ ގެއަށެވެ. ކުދިން ގޭގައި ބައިތިއްބާފައި ދިއައީ އަނބިމީހާގެ އޮފީސް ނިމޭ ގަޑިއަށް އޭނާ ބަލައެވެ. ގޮވައިގެން ގެއަށްދާށެވެ. އަނބިމީހާއަށް ބޮޑު ސަރޕްރައިޒެއްދޭށެވެ. 

ނަމަވެސް ސަރޕްރައިޒް ލިބުނީ ފިރިމީހާއަށެވެ. އަނބިމީހާ އޮފީހުން ނުކުތީ ބޮސްގެ ކާރުގައެވެ. ދުއްވާފައި ގޮސް މަޑުކުރީ ހޮޓަލަކަށެވެ. ކޮޓަރިއެއް ނަގައިގެން ދެމީހުން ދިއައީ ކޮޓަރިއަށެވެ. ގަޑިއެއްހާއިރުވީއިރުވެސް ނުފޭބުމުން ގޮސް ކޮޓަރީގައި ޓަކިޖެހިއެވެ. ދޮރުހުޅުވުމުން އެތެރެއަށްވަނުމުން ދެމީހުން ދިއައީ ސިއްސައިގެންނެވެ. 

މިހިނގާކަމަކާއިބެހޭ ގޮތުން ސުވާލުކުރުމުން ޖަވާބެއް ނުދެވުނެވެ. ބުނީ ރުޅިމަޑުކުރުމަށާއި ފަހުން ކިޔައިދޭނެ ކަމަށެވެ. ފިރިމީހާ ބުންޏެވެ. "މިހިސާބުން މިކަން މިނިމުނީއެވެ. ކަލޭ އުޅޭ ގޮތަކަށް އުޅޭށެވެ. 3 ދަރިން އަހަރެން ގެންގޮސްފީމެވެ." އެހެންބުނުމުން ދަރިން ގެންދިއައީ ކޮންތަނަކަށްތޯ ސުވާލުކުރުމުން އަމިއްލަ ގެއަށް ކަމަށް ބުނެ ގެގަތްވާހަކަ ކިޔައިދިނެވެ. 

އަނބިމީހާ ފިރިމީހާގެ ދެފައިމައްޗަށް ތިރިވެ ރޮއި އާދޭސްކޮށް މާފަށް އެދުމުންވެސް އެއްވެސް ޖަވާބެއް ނުދީ ނުކުމެގެންދިއައީއެވެ. 

އޭނާ ރޮމުން ބޮސްއަށް ބުންޏެވެ. "ކަލޭގެ ބަސް ޤަބޫލުކުރަން ހަދައިގެން އަހަރެންގެ ދިރިއުޅުން ހަލާކުވެ ނިމުނީއެވެ. މިހިސާބުން ދެންވެސް ބޭނުމީ ރަނގަޅު ދިރިއުޅުމެކެވެ. އަހަރެންނާއި ކައިވެނިކުރަންވީނޫންހެއްޔެވެ؟ ނޫންނަމަ މިގުޅުން މިނިމުނީއެވެ." ބޮސްގެ ޖަވާބަކަށްވީ "މިހިސާބުން ކަލޭގެ ވަޒީފާވެސް ނިމުނީއެވެ. ދެން އޮފީހަށް ނުކުންނާނެ ކަމެއް ނެތެވެ." 

އޭނާއަށް އެންމެ އުފާވެރި ގޮތުގައި ދިރިއުޅެން ލިބުނު ފުރުޞަތު ގެއްލި ފިރިމީހާ އާއި 3 ދަރިންވެސް ގެއްލުނީއެވެ. ވަޒީފާވެސް ގެއްލުނީއެވެ. ދުނިޔެއަށް އެކަނިވެ ގިނަވީއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ މިއީ އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. އޮފީހަށް ގޮސް ބޮސްގެ ލޯބީގައި ޖެހޭ އަންހެނުންނަށް ވަރަށް ޢިބްރަތްތެރި ފިލާވަޅަކަށްވާނެކަމަށް އުންމީދުކުރަމެވެ. އަޅުގަނޑުގެ ފުރަތަމަ ކައިވެނީގެ ނިމުން އައީ ހަމަ މިފަދަ ގޮތަކަށެވެ. 3 ދަރިން ގެ ބަދަލުގައި އެންމެ ދަރިއަކު ހުއްޓައި ފަޅާއެރިކަން ފިޔަވައި ދެން ހިނގައިދިއަ ކަންކަން ދާދިއެއްގޮތެވެ. ބުރަމަސައްކަތް ކޮށްގެން ފްލެޓެއް ގަނެ ފްލެޓަށް ބަދަލުވެ އެކުގައި ދިރިއުޅެވުނީ އެންމެ 2 ދުވަހުއެވެ. ބޮސްގެ ލޯބި ފަޅާއަރައި ކައިވެނި ރޫޅުނީއެވެ.

 

- އަހްމަދު ވަޙީދު / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން