ގިނަ ބައަކަށް އެންމެ ބޮޑަށް ކަންބޮޑުވެވެނީ ކުއްލިއަކަށް ނުވަތަ ދުރާލައި އެނގިގެން ނަމަވެސް ކައިވެނި ރޫޅި އެކަނިވެރިވާންޖެހުމުންނެވެ. އެއީ އެކަމުން ހިތަށް ކުރާ އަސަރުބޮޑުކަމުންނެވެ. ދާނީވެސް އެކަން އެގޮތަށް މެދުވެރިވަމުންނެވެ. ނަމަވެސް އެގޮތަށް މެދުވެރިވަނީ ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި މިގޮތަށް އޮތްކަން ނުއެނގޭތީއެވެ. އެނގޭނަމަ އެއްވެސް ވަރަކަށް ކަންބޮޑެއް ނުވާނެއެވެ. ހުންނާނީ އުފަލުން ފުރިގެންނެވެ.
އަޑުއަހާށެވެ! ﷲ ތަޢާލާގެ ވަޙީބަސްފުޅުގެ މާނައިގައިވަނީ މިފަދަ މޭރުމަކުންނެވެ. "ތިމަން ﷲ އަށް އަޅުކަންކުރާ އަޅުތަކުންނޭވެ! ތިއަ ބައިމީހުންނަށް ކަންކަން ތިމަން ﷲ މިންވަރުކުރައްވަވަވާ ގޮތާއި އަދި ތިމަން ﷲ ތިއަބައިމީހުންނަށް ދެއްވަވަންހުރި ނިޢުމަތްތައް ތިއަބައިމީހުންނަށް އެނގޭނެނަމަ ތިއަބައިމީހުންގެ މަންމައާއި ބައްޕައަށްވުރެވެސް ބޮޑަށް ތިމަން ﷲ ތިއަބައިމީހުންނަށް ލޯބިވެވޮޑިގަންނަވާކަން އެނގުނީހެވެ. އަދި ތިއަބައިމީހުންގެ ހިތްތައް ތިމަން ﷲ އަށް މަޑުމޮޅިވެ ތިމަން ﷲ ގެ ޙަޟްރަތަށް ލެނބިގެންދާނެކަމަށެވެ. އަދި ތިއަބައިމީހުންގެ ހިތްތައް ތިމަން ﷲ އަށް ލޯބިން ފުރިގެންދާނެ" ކަމަށެވެ.
އާނއެކެވެ! އަހުރެމެންނަށް މިއެނގެނީ ކުރިމަތިވާ ކަންކަމެވެ. އިޙްޞާޞްކުރެވެނީ ހިތްދަތިކަމާއި ތަކްލީފްތަކެވެ. އެއިގެ ފަހަތުން ދެއްވަވަންހުރި ނިޢުމަތްތަކާއޮި ލައްވަވާނެ ރަޙްމަތުގެ ބޮޑުކަން އަހުރެމެންގެ ޚިޔާލަށްވެސް ނުގެވޭނެއެވެ. އެކަންކަން އަތާއި ހަމައަށް ފޯރަންދެން އެކަންކަން ސިއްރުކުރެވިގެންވާތީއެވެ. އަހުރެމެންނަށް ވަންހަނާކުރައްވަވާފައިވާތީއެވެ.
ވީމާ އެކަނިވެރިވިޔަސް ހިތްދަތިޙާލެއް ކުރިމަތިވިޔަސް ކުރަން އޮތް ކަމަކީ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިއިތުރުކުރުންކަން އެނގިގެން އެބަދެއެވެ. އަހުރެމެން ދެކެ އެންމެ ބޮޑަށް ލޯބިވާކަމަށް އަހުރެމެންނަށް ޤަބޫލުކުރެވެނީ އަހުރެމެންގެ މައިންބަފައިންނެވެ. ނަމަވެސް އެނގިގެން މިދިއައީ އިންބަފައިންނަށްވުރެވެސް މާބޮޑަށް އަހުރެމެން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމެވެ.
ވީމާ ބައިވެރިޔާއެއް ލޯބިވެރިޔާއެއް ޢާއިލާއެއް އެހެން ބައެއް ކިޔާނެ ކަމެއް ނެތެވެ. އެއެންމެންނަށްވުރެ ބޮޑަށް ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާށެވެ! އެކަން ޢަމަލުތަކުން ދައްކާށެވެ! ހިތްފުރި އިތުރުވާވަރަށް އެމީހަކަށް އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ
- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން