ހުވަފެނުން ފެންނަ ކަންކަން ކުރުމަކީ އަޅުކަމަކަށްވާނެތޯ؟ ބައެއް މީހުން ސުވާލުކުރެއެވެ. އެސުވާލު އެކުރަނީ ޤުރްއާނާއި ސުންނަތުން އެކަންކަން ނުފެންނާތީއެވެ.
ބައެއް މީހުން އެހެން މީހުންނަށް ދީނުގެ ކަންކަން ކިޔައިދޭއިރު ޤުރްއާނާއި ޙަދީޘްފުޅުގެ ވާހަކަދައްކާނީ ވަރަށް މަދުންނެވެ. ދައްކާނީ ކޮންމެވެސް ބޭކަލަކަށް ފެނުނު ހުވަފެނެއްގެ ވާހަކައެވެ. މިއީ ޢާންމުގޮތެއްގައި ސޫފީ ޢިލްމްވެރިންގެ ކިބައިން ފެންނަ ކަމެކެވެ. ސުންނީ ޢީލްމްވެރިން އެފަދަ ވާހަކަފުޅެއް ނުދައްކަވާނެއެވެ.
ދީނުގައި އޮތް ކަމަކަށް، ދީނުގައި އޮތް ގޮތަށް ކުރަން ބާރުލިބޭ ހުވަފެނަކީ ނަޞޭޙަތެކެވެ. ނަމަވެސް ދީނުގައި ނެތް އައު އަޅުކަމެއްގެ ވާހަކަ ވާނީ ބާޠިލް ވާހަކައަކަށެވެ. އެކަމުގައި އެއްވެސް ބުރަދަނެއް ނެތްތަނުގައި ވާނީވެސް ވަސްވާހަކަށެވެ!
މިޘާލަކަށް އަވަހަށް ހުކުރަށް ދަނިކޮށް ފެނިއްޖެނަމަ އެއީ އަވަހަށް ހުކުރަށް ދިއުމަށް ލިބުނު ބާރެކެވެ. އެކަން ޤަބޫލުކޮށް ހުކުރަށްދިއުން އަވަސްކުރާށެވެ! ނަމަވެސް ހުކުރަށް ގޮސް އިނދެ ކުރާނެ އިތުރު އަޅުކަމެއް ފެނިއްޖެނަމަ އެކަންވާނީ ވަސްވާހަކަށެވެ.
ބައެއް މީހުން އެބަ ބުނެއެވެ! "ތިމާއަށް ހުވަފެނުގައި ރަސޫލް (ﷺ) ފެނިއްޖެއެވެ. މިވެނި ކަމެއް މިވެނި ގޮތަކަށް ކުރަން ޙަދީޘްފުޅުކުރެއްވެވިއެވެ." ބުނުމަށްފަހު އިސްލާމް ދީނުގައި ނެތް އައުކަންކަން އެބަ ތަޢާރަފްކުރެއެވެ.
މީސްތަކުންނޭވެ! ފުރަތަމަކަމަކީ މީހަކަށް ހުވަފެނުގައި ރަސޫލް (ﷺ) ފެނުނުކަމުގައިވީނަމަވެސް އިސްލާމް ދީނުގައި ބަޔާންވެގެން ނުވާ އެއްވެސް އައުކަމެއް (އަޅުކަމެއް) ޙަދީޘްފުޅެއް ނުކުރައްވަވާނެއެވެ. އެހެނީ މީގެ 1400 އަހަރުކުރިން ﷲ ތަޢާލާ ވަނީ އިސްލާމް ދީން ފުރިހަމަކުރައްވަވައި ނިންމަވައިފައެވެ. އެކަން މީސްތަކުންނަށް ބަޔާކުރައްވަވައި ދެއްވެވީ ރަސޫލް (ﷺ) އެވެ. އެކަން ޤަބޫލުކޮށް އަހަރެމެން މިތިބީ ހެކިވެގެންނެވެ.
ދެވަނަ ކަމަކީ ރަސޫލް (ﷺ)ގެ ސިފަފުޅު ޝައިޠޯނާއަށް ކޮޕީއެއް ނުކުރެވޭނެއެވެ. ވީމާ މިފަދަ ވާހަކަތައް ދައްކާ މީހުންނަށް ހުވަފެނުގައި ފެނިގެން އެއުޅެނީ މުޅިން ބާޠިލު މީހެކެވެ. ނުވަތަ އެމީހަކަށް އެވަނީ ވަރަށް ބޮޑަށް އޮޅުންއަރައިފައެވެ.
އިސްލާމްދީނުގެ އަޞްލުތައް ބިނާވެގެންވަނީ ﷲ ތަޢާލާގެ ވަޙީބަސްފުޅާއި ރަސޫލް (ﷺ)ގެ ސުންނަތުގެ މައްޗަށެވެ. ވީމާ އެއްވެސް މީހަކަށް ހުވަފެނުގައި ކަމެއް ފެނުނު ނަމަވެސް އިސްލާމް ދީނުގައި ކުރަން އަންގަވާފައިވާ އެއްވެސް އަޅުކަމެއް ކުރާގޮތަށް ނުވަތަ ކިޔާ ތަކެއްޗަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ.
ވީމާ މީހުން ދައްކާ މިފަދަ ވާހަކަތައް ޤަބޫލުކޮށް އެއްވެސް އަޅުކަމެއް ކުރަން ފެންނަން އޮތް ޘާބިތުގޮތް ބަދަލުނުކުރާށެވެ! އަދި އައުކަންކަން ވެސް އަޅުކަމުގެ ގޮތުގައި ދީނުގެ ތެރެއަށް ނުވައްދާށެވެ! އެފަދަ ކޮންމެ ކަމަކީ ބިދުޢައެކެވެ. ކުރުމުން ވާނީ ފާފަވެރިއެވެ. އަދި ނުބައިކަން ބޮޑު ޝިރުކުރުކުރުމުގެ ތެރެއަށްވެސް ވެއްޓިގެން ހިނގައިދާނެއެވެ.
ބައެއް ފަހަރު ބައެއް މީހުން އަޅުކަމާއި ދުރުހެލިވާން ފެށުމުން އަޅުކަންކުރުމަށް އިތުރު ހިތްވަރުލިބިގެންދާ ހުވަފެން ފެނެއެވެ. އެއީ ﷲ ތަޢާލާގެ ރަޙްމަތްފުޅެވެ. އެފަދަ ހުވަފެނެއް ފެނިއްޖެ ނަމަ ތަޤްވާވެރިކަން އިތުރުކުރާށެވެ! އަޅުކަންކުރުން ގިނަކުރާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން