ލޯބިވެގެންއުޅޭއިރުވެސް އަދި ކައިވެންޏަށް ފަހުގައިވެސް ތިމާ އެމީހަކު ދެކެ ޙަޤީޤީ ލޯބިވާ މީހެއްގެ ހިތުގަ ޖެއްސުމަކީ އެކަކުވެސް ކުރާނެ ކަމެއް ނޫން! ދެކަމަކަށް ސަމާލުކަންދޭން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ލޯބިވެގެންއުޅޭއިރުވެސް އަދި ކައިވެންޏަށް ފަހުގައިވެސް ތިމާ އެމީހަކު ދެކެ ޙަޤީޤީ ލޯބިވާ މީހެއްގެ ހިތުގަ ޖެއްސުމަކީ އެކަކުވެސް ކުރާނެ ކަމެއް ނޫން! ދެކަމަކަށް ސަމާލުކަންދޭން ޖެހޭނެ!

ތިމާ އެމީހަކު ދެކެ ޙަޤީޤީ ލޯބިވާ މީހެއްގެ ހިތުގަ ޖެއްސުމަކީ ހަމައެކަކުވެސް ކުރާނެ ކަމެއް ނޫނެވެ. ލޯބިވެގެންއުޅޭއިރުވެސް އަދި ކައިވެންޏަށް ފަހުގައިވެސް އެކަން އޮންނާނީ ހަމަ އެގޮތަށެވެ. އެއްވެސް ބަދަލެއް ނުއަންނާނެއެވެ. 

މިހެންބުނީމާ ކުރާނެ ސުވާލަކީ ލޯބިވެގެން ކައިވެނިކޮށްފައި ހިތުގައި ޖައްސުވަނީ ކީއްވެގެން ހެއްޔެވެ؟ އެސުވާލުގެ ޖަވާބުވެސް މިދެނީއެވެ. "އެއީ ހަމަ ބައިވެރިޔާ ދެކެ ލޯބިނުވާތީއެވެ. ބޭނުންކޮށްލަން ގެންގުޅުނު މީހަކަށްވާތީއެވެ. ނޫންނަމަ ބައިވެރިޔާގެ ހިތުގަ ޖައްސުވައި ކަރުނައަލަން ދޫކޮށެއް ނުލާނެއެވެ! ބައިވެރިޔާގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓޭނެ ކަމެއްވެސް ނުކުރާނެއެވެ." 

ކައިވެންޏަށްފަހު ހިތްދަތިވާންޖެހޭ ކިތަންމެ ކަމެއްވެސް ކުރިމަތިވެދާނެއެވެ. އެހެންކަމާއިއެކުވެސް  ކުރިމަތިވާ އެހެން ހުރިހާ މައްސަލަތަކަށްވުރެ ބޮޑުވަނީ ބޭވަފާތެރިވުމާއި ރަޙުމްނުކުރުމެވެ. އެންމެ ގިނަ ބައަކަށް އަނިޔާލިބެނީ އެކަމުންނެވެ. މިދެކަމަކީވެސް ބައިވެރިޔާ ދެކެ ލޯބިވާމީހަކު ކުރާނެ ކަންކަމެއް ނޫނެވެ. 

ދެމަފިރިންކުރެ އެކަކު ކުއްލިއަކަށް ވަރަށް ބޮޑަށް ބަލިވެދާނެއެވެ. ދިމާވާ ގޮތަކުން އަތްމަތިދަތިވުން ފަދަ ކަމެއްވެސް މެދުވެރިވެދާނެއެވެ. އެފަދަ ކަމެއްގެ ސަބަބުންވެސް ހިތްދަތިކަން ލިބިދާނެއެވެ. ނަމަވެސް މިބާވަތުގެ ކޮންމެ ކަމަކަށްވެސް ކެތްތެރިވާން މަސައްކަތްކުރެވޭނެއެވެ. ނަމަވެސް ބޭވަފާތެރިވުމާ ރަޙުމްނުކުރުމަށް ކެތްތެރިވުމަކީ ކުރެވިދާނެ ކަމެއް ކަމަށް ބުނާކަށް ނެތީމެވެ. އަދި އެކަމަށް ހިތްވަރެއްވެސް ނުދޭނަމެވެ! އެއިރުން އެމީހަކަށް ލިބޭ ގެއްލުން މާބޮޑުވެދާނެ ކަމަށްޓަކައެވެ. ފޫނުބެއްދިދާނެތީއެވެ. 

ވީމާ ބައިވެރިޔާދެކެ ލޯބިވާނަމަ ހިތުގައި ނުޖައްސުވާށެވެ! ބޭވަފާތެރިނުވާށެވެ! އަދި ރަޙުމްކުރުމުގައި އެކަކު އަނެކަކަށް ވާދަކުރާށެވެ! ބަދަލުގައި އުފާވެރިކަން ލިބޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން