ކަންބޮޑުވުމާ ހިތްދަތިކަމުގެ ވަގުތުގަ އަމަލުކުރަން އެ ޙާލަތު މިންވަރުކުރައްވަވާ ﷲ ތަޢާލާ އަންގަވާފައިވާ ގޮތް- މިއަށްވުރެ ވަކިން ފުރިހަމަގޮތެއް ނުހޯދޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ކަންބޮޑުވުމާ ހިތްދަތިކަމުގެ ވަގުތުގަ އަމަލުކުރަން އެ ޙާލަތު މިންވަރުކުރައްވަވާ ﷲ ތަޢާލާ އަންގަވާފައިވާ ގޮތް- މިއަށްވުރެ ވަކިން ފުރިހަމަގޮތެއް ނުހޯދޭނެ!: މުފްތީ މެންކް

ކަންކަން ކުރިމަތިވުމުން އެކިމީހުން ކަންބޮޑުވާނީ އެކިމިންވަރަށެވެ. ވީމާ ޢަމަލުކުރެވޭ ގޮޔްވެސް ތަފާތުވާނެއެވެ. ގިނަ ފަހަރު އެކަންކަން ހުންނާނީ އެމީހެއްގެ ކިބައިގައި ކެތްތެރިކަން ހުންނަ މިންވަރެއްގެ މައްޗަށެވެ. އަދި ކެތްތެރިކަން ހުންނާނީ ތަޤްވާވެރިކަން ހުންނަ މިންވަރެއްގެ މައްޗަށެވެ.  

މިކިޔައިދެނީ ކަންބޮޑުވުމާއި ހިތްދަތިކަމުގެ ވަގުތުގައި އަމަލުކުރަން އެ ޙާލަތު މިންވަރުކުރައްވަވާ ﷲ ތަޢާލާ އަންގަވާފައިވާ ގޮތެވެ! މިއަށްވުރެ ވަކިން ފުރިހަމަގޮތެއް ނުހޯދޭނެއެވެ! އެހެނީ ކުރިމަތިވާ ކަންކަމުން ސަލާމަތްކޮށްދެއްވެވޭނީވެސް ހަމަ އެކަނި ﷲ ތަޢާލާއަށް ކަމުގައިވާތީއެވެ!  

ސަޖިދައިގައި ހޭދަކުރާ ވަގުތަކީ ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަގުތެވެ. އެހެންކަމުން ސަޖިދައިގައި އޮވެ ވީހައި ރިވެތި މަގުން ﷲ ތަޢާލާއަށް ދުޢާ ދަންނަވާށެވެ. އެންމެ ފުރިހަމަ ޢިބާރާތުން ދުޢާ ވާރިދުވެގެންވަނީ ކީރިތި ޤުރްއާނާއި ރަސޫލް ()ގެ ޙަދީޘްފުޅުތަކުގައެވެ. ވީމާ އެދުޢާތައް ކުރަމުން ގެންދާށެވެ! އަދި ބޭނުންވާ ކަންތަކާއި ގުޅޭ އެފަދަ ދުޢާއެއް ނުއެނގޭނަމަ ކޮންމެ ބަހަކުންވެސް ވީހައި ރިވެތި ޢިބާރާތުން ދުޢާކުރާށެވެ!  

މިއަދު މިދައްކަނީ އަދި އެހެންކަމެއްގެ ވާހަކައެވެ. އެއީ ތިމާއަށް ކޮންމެ ކަމަކަށް ދަތިވި ނަމަވެސް އަދި ކޮންމެ ކަމަކާއި ގުޅިގެން ހިތްދަތިކަމެއް ލިބުނު ނަމަވެސް 2 ރަކްޢަތް ނަމާދެއް ކުރުމަށް އަވަސްވެގަތުމުގެ ވާހަކައެވެ. އެ ނަމާދުގައި ކުރާ ސަޖިދައިގެ ވަގުތު ދިގުކޮށް ދުޢާކުރުމަށް ވީހައިގިނަ ވަގތު ހޭދަކުރުމުގެ މުހިންމުކަމުގެ ވާހަކައެވެ.  

މި 2 އާޔަތަށް ސަމާލުކަންދޭށެވެ! 

"ހަމަކަށަވަރުން އެއުރެން ބުނާބުނުމުން ކަލޭގެފާފުގެ ހިތްޕުޅުދަތިވާކަން ތިމަން ﷲ ދެނެވޮޑިގެންވަމުއެވެ." (97) "ފަހެ، ކަލޭގެފާނުގެވެރި ރަސްކަލާނގެއަށް ޙަމްދާއިއެކު ތަސްބީޙްވިދާޅުވާށެވެ! އަދި ސަޖިދަކުރާމީހުންގެތެރެއިން ކަލޭގެފާނުވެވަޑައިގަންނަވާށެވެ!" (98)

(އަލްޙޖްރި: 97،98)  

ފުރަތަމަ އާޔަތުގައި ވަޙީކުރައްވަވާފައި އެވަނީ މީސްތަކުންނަށް ދީނަށް ގޮވައިލެއްވެވުމުން އިޖާބަނުދީ، ފުރަގަސްދީ އަދި ރަސޫލް () އަސް ކުރަމުން ގެންދިއަ ފުރައްސާރަތަކާއި ޖެއްސުންތަކުގެ ސަބަބުން ރަސޫލް () ލިބިވަޑައިގަންވަމުންދިއަ ބޮޑު ހިތްދަތިކަމުގެ ވާހަކައެވެ.  

އެކަންކަން މެދުވެރިވެގެންއައީ ﷲ ތަޢާލާގެ އަމުރުފުޅަށް ﷲ ތަޢާލާގެ ދީނަށް ގޮވައިލެއްވެވުމުންނެވެ. އެހެންކަމާއިއެކުވެސް ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ (2 ވަނަ އާޔަތުގައި) ﷲ ތަޢާލާ މަތިވެރިކޮށް، ޙަމްދްޘަނާ ކިޔައި ޛިކުރުކޮށް އަދި ގިނަގިނައިން ސަޖިދަކުރެއްވެވުމަށެވެ. ގިނަގިނައިން ސަޖިދަކުރައްވަވާ ބޭކަލަކު ކަމުގައިވެވަޑައިގަތުމަށެވެ!  

މީސްތަކުންނޭވެ! މިއީ އަހަރެމެން އެންމެންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ ވަރަށް އަގުބޮޑު ހަދިޔާއެކެވެ. ވަރަށް ބޮޑު ފުރުޞަތެކެވެ. ކޮންމެފަދަ ދަތިކަމެއް ކުރިމަތިވިނަމަވެސް، އަދި ކޮންމެ ކަމަކުން ނަމަވެސް އެއްވެސް މިންވަރެއްގެ ހިތްދަތިކަމެއް ލިބިއްޖެ ނަމަ ﷲ ތަޢާލާއަށް ޙަމަދުޝަނާކިޔައި ޛިކުރުކުރުން ގިނަކުރުމަށް އަވަސްވެގަންނާށެވެ!  

ހަމައެއާއިއެކު 2 ރަކްޢަތް ނަމާދެއް ކުރާށެވެ! އެ ނަމާދުގައި ސަޖިދައިގައި ހޭދަކުރާ ވަގުތު ގިނަކޮށް ދުޢާކުރުން ގިނަކުރާށެވެ! އަދި އެފަދައިން ސުންނަތް ނަމާދުތައްކުރުން ގިނަކޮށް ސަޖިދަކުރުން ގިނަކުރާށެވެ! ސަޖިދައިގައި ﷲ ތަޢާލާއަށް ދުޢާކޮށް އާދޭސްދަންނަވައި ލޮލުން ކަރުނައަޅަން މަސައްކަތްކުރާށެވެ!  

ދުޢާއަކީ އަހަރެމެން އެންމެން ކުރާ ދުޢާ ﷲ ތަޢާލާ ޢިޖާބަކުރައްވަވައި ދެއްވެވުމެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން