ފުރަތަމަވެސް ވިސްނައިލާށެވެ! ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމަށް ކެތްތެރި ނުވެވޭނެކަމަށް ޤަބޫލުކުރުމަކީ މުނާފިޤުންގެ ސިފައެކެވެ. އެސިފަ އަށަގަންނަނީ ޝައިޠޯނާގެ ފުރިހަމަ ބާރުގެދަށަށް މީހާ ދިއުމުންނެވެ! ތިމާ މިހުރީ އެކަނިވެ ގޮތްހުސްވެފައި ކަމަށް ޤަބޫލުކުރެވޭނަމަ އެމީހަކަށް އެހުރެވެނީ ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދުކަނޑާލެވިގެންނެވެ. އެއީ ހަމަ ސީދާ ޝައިޠޯނާގެ ކިބައިން އަންނަ ނުބައިކަންބޮޑު ވިސްނުމެކެވެ.
ހިތްދަތިވާ ކަންކަން ކޮންމެ މީހަކަށްވެސް ކުރިމަތިވާނެއެވެ. ކިތަންމެ ބޮޑު ތަޤްވާވެރިއެއް ނަމަވެސް ހިތްދަތިވާ ޙާލަތު އަންނާނެއެވެ. އެއީ އެމީހާއަކީ އިންސާނަކަށްވީތީއެވެ. މައްސަލައަކަށް މިވަނީ ހިތްދަތިވުމާއި ނުވުމެއް ނޫނެވެ. ހިތާމަތަކަށް ނުވަތަ އުފުލަންޖެހޭ ތަކްލީފްތަކަށް ކެތް ނުކުރެވުމެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ހަދީޘްފުޅު ކުރައްވަވާފައިވަނީ ކެތްތެރިވާން މަސައްކަތްކުރާމީހާއަށް މާތްﷲ ކެތްތެރިކަން ދެއްވަވާނެ ކަމަށެވެ. އެކަން ޔަޤީންކޮށްގެންނަށް ހުންނަ މީހާއަށް ކެތްތެރިވެވޭނެ ކަމަށެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ތިމަން ﷲ ވޮޑިގެންވަނީ ކެތްތެރިކަމާއިއެކު ނަމާދުކުރުމުން ވާގިއެދޭ މީހުންނާއިއެކުގައި ކަމަށެވެ.
އެކަމަކު ބުނަން ހެއްޔެވެ! މައްސަލައަކީ ބޭރުފުށުން ކެތްތެރިކަން ދައްކަން އުޅެވޭކަމެވެ. އެތެރެއިން ކެތްތެރި ނުވެވޭކަމެވެ. ނަތީޖާއަކަށް ވެގެންދަނީ އެތެރޭގެ ކެތްތެރިކަން ކުޑަވަމުން ކުޑަވަމުން ގޮސް ކެތްތެރިކަން އެކުގައި ނެތިގެން ދިއުމެވެ. ހަތަރެސްފައިން ގޯސް ހެދެނީ އެހިސާބުންނެވެ. އެހިސާބުން ސިކުނޑި ބޮމެއް ފަދައިން ގޮވަނީއެވެ.
ކަމެއް ކުރަން މަސައްކަތް ކުރުމުން ވެސް އެކަން ކާމިޔާބު ނުވެ ލަސްވާނަމަ މާޔޫސްކަން އިތުރުވެ ބައެއް މީހުންނަށް ވިސްނެނީ އެމީހަކަށް ގޮތް ހުސްވީ ކަމަށެވެ. މިއީ ވަރަށް ނުރައްކައުތޔެރި ކަމެކެވެ. އިންސާނުންނަށް ކުރިމަތިވާ މައްސަލަތަކާއި ގުޅިގެން ގޮތް ހުސްވެއްޖެ ކަމަށް ބުނެދެނީ ޝައިޠާނާއެވެ. ދެން ތިމާއަށް ސަލާމަތްކަމެއް، ރަނގަޅު އެއްވެސް ގޮތެއް ނެތްކަމަށް ވިސްނައިދެނީ ޝައިޠާނާއެވެ. އެފަދަ ވިސްނުންތައް ވިސްނެނީ އެމީހެއްގެ ސިކުނޑި ޝައިޠާނާ ހިސޯރުކުރުމުންނެވެ. މުސްލިމުންނަށް އޮތީ ޝައިޠާނާގެ ކިބައިން ސަލާމަތްވާން ގަދައަޅައި މަސައްކަތްކުރުމެވެ.
އިންސާނާއަށް ދުނިޔޭގައި އޮތީ ދެ ހާލަތެކެވެ. އުފާވެރިކަމާއި ހިތްހަމަނުޖެހުމެވެ. "މިންވަރަށް" އީމާންވުމަކީ މި ދެ ހާލަތަށް އީމާންވެ ކެތްތެރިވުމެވެ. ދެ ހާލަތަށް އަަބަދުވެސް ތައްޔާރަށް ހުރުމެވެ.
ޑިޕްރެޝަންގެ ވާހަކައަކީ މިހާރު ވަރަށް ޢާންމު ވާހަކައެކެވެ. ޑިޕްރެޝަނަށް ފަރުވާކުރަންޖެހޭ މީހުންގެ އަދަދުވެސް އެހައިމެ ގިނައެވެ. ނަމަވެސް މިންވަރަށް އީމާންވެގެން ހުންނަ މީހާއަށް ޑޕްރެޝަނަކީ މައްސަލައަކަށް ނުވާނެއެވެ. އޭނާއަށް އެބަލި ނުޖެހޭނެތީއެވެ. މާތްﷲ މިންވަރު ކުރެއްވެވި ކޮންމެ ހާލަތަކަށްވެސް އޭނާ ހުންނާނީ ތައްޔާރަށެވެ.
"ޝައިޠާނާ އަހަރެމެންގެ ލޯތައް ކަނުކޮށްލަނީ. އަމިއްލައަށް މީހުން މަރުވަނީ އެހާލަތަށް ދިއުމުން. އެހާލަތުން ސަލާމަތް ކުރެއްވެވުން އެދިވަޑައިގެން ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އަބަދުވެސް ދުޢާ ކުރެއްވެވި. އެ ދުޢާ ކުރުންމަތީގައި ދެމިތިބޭނަމަ ޑިޕްރެޝަންގެ މައްސަލަ ކުރިމައްޗެއް ނުވާނެ".
"ޤްރްއާނަކީ ޝިފާއެއް. އެކަން ޔަޤީންކުރަންވީ. އެކަން ޔަޤީންކޮށްގެން ހުންނަ މީހާ ޑިޕްރެޝަނަކަށް ނުދާނެ. ޝައިޠާނާގެ ވަސްވާސްތަކުން ސަލާމަތް ކުރައްވަވާނެ. އޮތީ ކެތްތެރިވާން ދަސްކުރުން. ކެތްތެރިކަން ހޯދޭނީ އީމާންކަން ހަރުދަނާކޮށްގެން."
އިންނާ ލިﷲ ވައިންނާއިލައިހި ރާޖިޢޫން އަކީ ހަމައެކަނި މީހަކު މަރުވުމުން ކިޔަން އޮތް ދުޢާއެއް ނޫނެވެ. މުޞީބާތުގެ ވަގުތުތަކުގައި ކިޔަން އޮތް ދުޢާ އެކެވެ. ކޮންމެ ފަދަ މުޞީބާތެއްގެ ވަގުތުގައި ނަމަވެސް މެއެވެ.
ކޮންމެ ކަމެއްގައިވެސް އަދި ކޮންމެ ހާލަތެއްގައިވެސް މާތްﷲއަށް އިތުބާރުކުރާށެވެ. އިޚްލާޞްތެރިކަމާއިއެކު އަމަލުތައް ކުރަމުން މާތްﷲއަށް ވަކީލުކުރާ މީހާއަށް އެއްވެސް ކަންބޮޑުވުމެއް ނުވެއެވެ. "ކަމެއް ދިމާވުމުން ކެތްތެރި ނުވެވޭނެ ކަމަށް ޤަބުލުކުރާނަމަ އެ ޤަބޫލުކުރެވެނީ މާތްﷲ އެންގެވި ގޮތާއި ޚިލާފަށް. މާތްﷲ އަންގަވާފައިވަނީ ސުވަރުގެ ވަނީ ކެތްތެރިންނަށް ކަމަށް. މީސްތަކުން އުފެއްދެވީ ކެތްތެރިވުމަށް. އެކަން ޤަބޫލުނުކުރެވޭނަމަ އެމީހާއަށް އެ ޤަބޫލުކުރެވެނީ މާތްﷲ އެންގެވި ގޮތާ ޚިލާފަށް".
ކަމެއް ކުރިމަތިވުމުން އަބަދުވެސް ވިސްނަންވީ ތިމާއަށް ކުރެވިފައިވާ ކުށްތަކަށެވެ. މަސައްކަތް ކުރަންވީ ކުށްތަކަށް ތައުބާވެ އަމަލުތައް އިޞްލާޙްކުރުމަށެވެ. ކުށް ޤަބޫލު ނުކުރެވޭ މީހާއަސް ދުވަހަކުވެސް އިޞްލާހެއް ނުވެވޭނެއެވެ.
މާދަމާ ނޫނީ ފަހުން ތައުބާވާން ލަސް ނުކުރާށެވެ. ހަމަ ވަގުތުން ތައުބާވާށެވެ. ތައުބާވާން މަސައްކަތްކުރަން ފެށުމުން ޝައިޠާނާ އައިސް ބުނާނެ އެވެ. ކަލެއަކަށް ތައުބާއެއް ނުވެއެވެ. ކޫށް މާބޮޑެވެ. އެއީ ވެސް ކަލޭގެ މާޔޫސްކަން އިތުރުކޮށް ހަލާކުގެ ތެރެއަށް ވައްޓައިލުމަށެވެ.
- ޑރ. ބިލާލް ފިލިޕްސްގެ ދަރުސަކުން