ބައިވެރިޔާއަށް މަކަރުހެދެނީވެސް ފާފަކުރެވެނީވެސް ހަމަ އެންމެ ސަބަބަކާހުރެ! ކުރިއެރުން ލިބޭނީ އެސަބަބު ނައްތާލައިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ބައިވެރިޔާއަށް މަކަރުހެދެނީވެސް ފާފަކުރެވެނީވެސް ހަމަ އެންމެ ސަބަބަކާހުރެ! ކުރިއެރުން ލިބޭނީ އެސަބަބު ނައްތާލައިގެން!

ﷲ ތަޢާލާ އަންގަވާފައިވަނީ ކުރާ ކޮންމެ ކަމެއްގައިވެސް ތެދުވެރިވުމަށެވެ. ތެދުވެރިވާންވީ ހަމަ އެންމެ ސަބަބަކަށްޓަކައެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިވެ ކިޔަމަންތެރިވުމަށެވެ. ޙަޔާތުގެ ބައިވެރިޔާއަށް މަކަރުހެދެނީވެސް އަދި ފާފަކުރެވެނީވެސް ހަމަ އެންމެ ސަބަބަކާހުރެއެވެ. އެއީ ތެދުވެރިކަން ނެތުމެވެ. ތެދުވެރިކަމުގައި ޘާބިތުނުވެވެނީ ﷲ ތަޢާލާއަށް ބިރުވެތިނުވެވޭތީއެވެ. ވީމާ ކުރިއެރުން ލިބޭނީ އެސަބަބު ނައްތާލައިގެންނެވެ. ﷲ ތަޢާލާއަށް ބިރުވެތިވާ މީހަކަށް ވެވިގެންނެވެ. 

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ވަނީ މިފަދައިންނެވެ. 

"މަޝްރިޤް އާއި މަޣްރިބް މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ. ފަހެ، ތިއަބައިމީހުން ކޮންމެ ފަރާތަކަށް އެނބުރުނަސް، އެތަނެއްގައި ﷲ ވޮޑިގެންވެއެވެ. ހަމަކަށަވަރުން، ﷲ އީ، ތަނަވަސްވެގެންވާ، މޮޅަށް ދެނވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލްބަޤަރާ: 115) 

ކިތަންމެ ވަރަކަށް ސިއްރުކޮށްގެން ތިބިނަމަވެސް ކިތަންމެ ވަރަކަށް އެކަހެރިވިޔަސް އެމީހަކުވީ ކޮންމެ ތަނެއްގައި ކޮންމެ ޙާލަތެއްގައިވެސް އެމީހަކާއިއެކުގައި އެމީހާގެ ފަތް ލިޔުއްވަވާ ދެމަލާއިކަތުން ދެކޮނޑުގައިވެއެވެ. އެބޭކަލުންނާއި ވަކިވެ އެބޭކަލުންނަށް ސިއްރުން އެއްވެސް ކަމެއް ނުކުރެވޭނެއެވެ!

އަދި ކީއްހެއްޔެވެ؟ ކޮންމެ ޤައުމެއްގައި ފާފަކުރިނަމަވެސް، ކަނޑުގެ އަޑީގައިކުރިނަމަވެސް ކިތަންމެ އުސްޢިމާރާތެއްގެ ކިތަންމެ މަތީގައި ކުރިނަމަވެސް ފާފަތައް ތިއަކުރެވެނީ ހަމަ ﷲ ތަޢާލާގެ ބިމުގައެވެ. އެކަން ﷲ ތަޢާލާ ވަނީ ޤުރްއާނުގައި ވަޙީކުރައްވަވައިފައެވެ. ބިރުވެތިވާށެވެ! 

ފާފަކުރަން ބޭނުންވުމުން ބައެއް މީހުން ކޮޓަރއާއި ގެތައް ތަޅުލައެވެ. އަވަށްޓެރިއަކަށް ނަމަވެސް އެނގިދާނެކަމަށް ބިރުން ދުރު ސަރަހައްދުތަކަށްވެސް ދެއެވެ. ޤާނޫނަށް ބިރުން ފާފަކުރުން ހުއްދަ ޤައުމުތަކަށްވެސް ދެއެވެ. ނަމަވެސް މިއިން އެއްވެސް ކަމަކުން ތިމާއަށް ލިބެން އޮތް ފާފައިން ސަލާމަތެއް ނުވެވެއެވެ! 

ﷲ ދުނިޔެއަށް ފޮނުއްވަވައި ﷲ ހުރިހާ ނިޢުމްތްތަކެއް ދެއްވެވީމައި ﷲ އަށް އީމާންވެ ﷲ އަށް ތެދވެރިނުވާ މީހާ ހަމަ އެކަކަށްވެސް ތެދުވެރި ނުވާނެއެވެ. އަހަރެމެންނަށް މީހެއްގެ އެހީތެރިކަން ނުލިބުނަސް ދުނިޔޭގައި އުޅެވިދާނެއެވެ. ނަމަވެސް ﷲ ތަޢާލާ ނިޢްމަތްތައް ނުދެއްވަވާނަމަ އެންމެ ކުޑަމިނުން ނޭވާވެސް ނުލެވޭނެއެވެ. ރިޒުޤްވެސް ނުލިބޭނެއެވެ. ސަލާމަތް ޞިއްހަތެއްވެސް ނުލިބޭނެއެވެ. އެހެންކަމަށްވާއިރު އެކަލާނގެއަށް އިޚްލާޞްތެރިނުވާ މީހާ އެއްވެސް އިޚްލާޞްތެރިއެއް ނުވާނެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން