ފުރަތަމަވެސް ވިސްނައިލާށެވެ! ކައިވެނި މިކުރެވެނީ ދެމީހުންގެ މެދުގައި ވާހަކަތަކެއް ދެކެވިގެން ނޫން ހެއްޔެވެ؟ އެކުގައި ވަޤުތުތަކެއް ހޭދަކުރުމަށްފަހުގައި ނޫން ހެއްޔެވެ؟ އެއިރުވެސް ހުރިހާ ކަމެއްގައި ދެމީހުންގެ ވިސްނުން އެއްގޮތެއް ނުވާނެއެވެ. ކައިވެނިކުރަނީ ގިނަ ކަންތައްތަކުގައި އެއްގޮތްނަމަ މަސައްކަތް ކުރުމުން ދިރިއުޅެވޭނެ ކަމަށް ބަލައެވެ.
ވީމާ އެއީ އަނބިމީހާކަމުގަވީނަމަވެސް އަދި ފިރިމީހާ ކަމުގައިވީނަމަވެސް އެއްވެސް މީހަކީ ހުރިހާ ކަންކަމުގައި ތިމާއާއި ވިސްނުން އެއްގޮތް މީހަކު ކަމުގައި ވެދާނެކަމަށް ހީވެސްކޮށްގެންނުވާނެއެވެ. ތިމާއަށް ރަނގަޅުހައި ކަންކަން ރަނގަޅުވެފައި ތިމާ ނުރުހޭ ހުރިހާ ކަމަކަށް ނުރުހިފައި އަދި ތިމާއަށް ރީތިހައި އެއްޗެއް ރީތިވެފައި ހުތުރުހައި އެއްޗެއް ހުތުރުކަމަށް ބައިވެރިޔާ ޤަބޫލުކުރާނެ ކަމަށް އުންމީދުކޮށްގެންވެސް ނުވާނެއެވެ.
ކޮންމެ ދެމީހަކީވެސް ވިސްނުން ތަފާތުވާނެ ދެމީހުންނެވެ. ވީމާ ޚިޔާލުވެސް ތަފާތުވާނެއެވެ. އެދޭ ކަންކަންވެސް އަދި ބޭނުންވާ ކަންކަންވެސް ތަފާތުވާނެއެވެ. ރަނގަޅު ނުރަނގަޅު، އަދި ރީތި ހުތުރުވެސް ތަފާތުވާނެއެވެ. އެކަންކަން ޤަބޫލުނުކޮށް ޚިޔާލުތަފާތުވާއިރަށް ވަރިއާއި ދިމާއަށްދާން ވިސްނާނަމަ އެއްވެސް ދެމަފިރިއަކަށް އެކުގައެއް ނުއުޅެވޭނެއެވެ. އެއްވެސް މީހަކު ދެކެ ލޯތްބެއްވެސް ނުވެވޭނެއެވެ. އަބަދުވެސް އުޅެންޖެހޭނީ ރުޅިވެރިކަމުގެ ތެރޭގައެވެ. ކޮންމެވެސް ކަމަކާއިމެދު ހިތްހަމަނުޖެހިގެންނެވެ.
ބައެއް މީހުން ކޮންމެ ރެއަކު ޑައިރީ ލިޔެއެވެ. އެދުވަހު ދިމާވިކަންތައްތައްލިޔެއެވެ. ލިޔަމުންގޮސް ބައިވެރިޔާގެ ކިބައިން އެދުވަހު ފެނުނު ކުށްތައް ކޮންމެހެންވެސް ލިޔެއެވެ. ބައިވެރިޔާ ކޮށްދިން ރަނގަޅު ކަންތައްތަކުގެ ވާހަކަ އޮންނަނީ ނުލިޔެވިފައެވެ.
ބައިވެރިޔާއަށް ކުރެވޭ ކުށްތަކުގެ ވާހަކަ ލިޔާނަމަ އެކަމުން އަނގައިދެނީ ތިބާގެ ނިޔަތް ނުބައިކަމެވެ. މައްސަލަތަކެއް އުފެއްދުމުގެ ވިސްނުމުން އެމީހެއްގެ ކިބައިގައި އެބަހުރިކަމެވެ. އެހެންކަމަށްވާނަމަ އެމީހަކަށް ކުރިއަށް އެދެވެނީ ﷲ ތަޢާލާ އަންގަވާފައިވާ މަގަކުން ނޫނެވެ! އިބިލީސް ބުނެދޭ މަގުންނެވެ!
އަހުރެންގެ ސުވާލަކީ ބައިވެރިޔާއަށް ކުރެވުނު ކުށްތައް ލިޔުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެރޭ ނިދަންވާނީ އެކަންކަމަށް މާފުކޮށްގެން ނޫންހެއްޔެވެ؟ އެހެނަސް ކޮށްދިން ރަނގަޅުކަންކަން ލިޔާށެވެ! އެއީ ފަހުން ބަލައިލިނަމަވެސް ބައިވެރިޔާގެ މައްޗަށް ލޯބި އިތުރުވެގެންދާނެތީއެވެ. ދެމީހަކު އެކުގައި އުޅުމުގެ ބޭނުމަކަށްވާންޖެހޭނީ އެއްދުވަހުން އަނެއް ދުވަހަށް ލޯބިއިތުރުކުރުން ނޫންހެއްޔެވެ؟
- މުފްތީ މެންކުގެ ދަރުސަކުން