އާޚީރަތް ލިބިގަންނަން އެދޭމީހާ ކީރިތި ޤުރްއާނުގައިވާ އިންޒާރުގެ ވާހަކަތައް އުނގެނި ހިތުގައި ބިރުވެތިކަން އުފައްދަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
އާޚީރަތް ލިބިގަންނަން އެދޭމީހާ ކީރިތި ޤުރްއާނުގައިވާ އިންޒާރުގެ ވާހަކަތައް އުނގެނި ހިތުގައި ބިރުވެތިކަން އުފައްދަންޖެހޭނެ!

ބައެއް މީހުންނަށް ވިސްނެނީ މާކުރީގެ ޒަމާންތަކުގައި ހިނގައި ދިއަ ކަންކަން މިއަދު ނުހިނގާނެ ކަމަށެވެ! މިޘާލަކަށް ޢިލްމީ ގޮތުން ކުރިއަރައިދިއައީތީ ވެދަރފޯކާސްޓް ކުރިއާލައި އެބަ އެނގެއެވެ. އެކަމަކު އެންމެ ކޮޅިގަނޑެއްވެސް އެބަ ހުއްޓުވޭހެއްޔެވެ؟ އެންމެ ޠޫފާނެއްވެސް އެރިއަނުދީ އެބަ ހިފެހެއްޓޭ ހެއްޔެވެ؟ އެހެންކަމަށްވާއިރު ﷲ ތަޢާލާ ކޯފާއެއް ފޮނުއްވަވައިފިނަމަ އެކަމުން ސަލާމަތްވެވޭނީ ކާކަށް ހެއްޔެވެ؟

ދުނިޔެ ޤަބޫލުކުރާ ގޮތުގައި އެމެރިކާއަކީ ހުރިހާ ގޮތަކުންވެސް ދުނިޔޭގެ އެންމެ ބޮޑު ބާރެވެ. އެންމެ ގަދަފަދަ ޤައުމެވެ. އެކަމަކު މިހާރުވެސް އަޑުއިވެނީ ފްލޮރިޑާގައި ރޯވެ އަނދަމުންދާ ވާހަކައެވެ. އަތުގައި ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކުރަމުން ގެންދާއިރުވެސް އެއުޅެނީ ހަމަ އެއްވެސް ކަމެއް ޙައްލުނުކުރެވިގެންނެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ އެނގިގެން މިދަނީ ހަމައެއްކަމެއް ނޫން ހެއްޔެވެ؟ ﷲ ތަޢާލާ ކޯފާއެއް ފޮނުއްވަވައިފިނަމަ ޖެހޭނީ ހަމަ ލިބިގަންނަންކަން ނޫންހެއްޔެވެ؟

ދަރުތަކަކަށް ޕެޓްރޯލް އަޅާފައި އަލިފާން ޖައްސައިފިނަމަ ބޮޑު ހުޅުގަނޑެއް ފެންނާނެއެވެ. އަދި އެދަރުތައް އަނދައި ހުލިވެގެންދާތަން ފެންނާނެއެވެ. ވީއިރު ނިކަން ބުނެބަލާށެވެ! މިއަދު މީހަކު އެފަދަ ހުޅުގަނޑެއް ރޯކުރުމުން އަނދައިދިއަފަދައިން މީގެ 300 އަހަރުފަހުން ނުވަތަ އެއަށްވުރެވެސް ގިނަ ދުވަސްފަހުން އެފަދަ ހުޅުގަނޑެއް ރޯކޮށްފިނަމަ އަނދައިގެން ނުދާނެ ހެއްޔެވެ؟

އިސްވެދިއަ ނަބީބޭކަލުންނަށް މެދުވެރިވެވަޑައިގެންނެވި ކަންކަމާއި ޤައުމުތައް ހަލާކުވެ ދިއަ ގޮތުގެ ވާހަކަ ކީރިތި ޤުރްއާނުގައި ބާވައިލެއްވެވީ މިސަބަބަށްޓަކައެވެ. މީސްތަކުން ޖާހިލުވެ ނުބައި އަމަލުކުރާނަމަ ހަމަ ކުރީގެމީހުން ފަދައިން ނެތިކުރައްވަވާނެކަން އަންގަވައިދެއްވެވުމަށެވެ.

ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި އެފަދަ ވާހަކަތައް ވަޙީކުރެއްވެވި ސަބަބުވެސް ހާމަކުރައްވަވައިފައެވެ. އެއީ މީސްތަކުން އެކަންކަމަށް ވިސްނުމަށެވެ.

މީސްތަކުންނޭވެ! ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވާށެވެ! ނަހީކުރެއްވެވި އެންމެހައި ކަންކަމަށް ދުރުހެލިވާށެވެ! ﷲ ތަޢާލާގެ ކޯފާ އާއި ކުރިމަތިލާންޖެހޭނީ ވަކިޒަމާނެއްގައެއް ނޫނެވެ. ވަކި ޤައުމެއްގައެއް ނޫނެވެ. އަދި ވަކި ޤަބީލާއެއްގެ ބައަކަށްވެސް ނޫނެވެ. ހަމަކޮންމެ މީހަކުކަމުގައިވީނަމަވެސްމެއެވެ.

ﷲ ތަޢާލާ ބާވައިލައްވަވާ ކޯފާއަކުން މަރުވި ނަމަވެސް އަދި އެހެން ގޮތަކުން މަރުވިނަމަވެސް ޤިޔާމަތް ދުވަހު ހަމަކޮންމެ މީހަކަށްވެސް އެމީހަކު ކުޅަ އަމަލުތަކާ ބައްދަލުކުރަންޖެހޭނެއެވެ. ޙައްޤު ޖަޒާ ދެއްވަވާނެއެވެ. ބިރުވެތިވާންވީ އެދުވަހަށެވެ. ގަދައަޅައި މަސައްކަތްކުރަންވީ ނަރަކައިން ސަލާމަތްވެ ސުވަރުގެ ލިބިގަތުމަށެވެ!

އާޚިރތް ދުވަހާއިމެދު ހިތަށް ބިރުވެރިކަން ވައްދުވައި ފާފަކުރުމަށް ބިރުވެތިވާން އެދޭމީހާ ކީރިތި ޤުރްއާނުގައިވާ މިފަދަ ވާހަކަތައް އުނގެނި ހިތުގައި ބިރުވެތިކަން އުފައްދާށެވެ! ދުޢާޢަކީ އަހަރެމެން އެންމެންނަކީ ވެސް ކީރިތި ޤުރްއާނުގެ މާނަކިޔައި ޢިބްރަތް ޙާޞިލުކޮށް ޢަމަލުކުރާ ބައަކު ކަމުގައިވުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން