ﷲ ތަޢާލާ އިންސާނާ އުފައްދަވާފައިވަނީ ކަންތައްތަކެއް ކުރަން ބޭނުންވުން އިންސާނާގެ ކިބައިގައި ލައްވަވައިފައެވެ. އެކަންކަން ކުރަން ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ނަމަވެސް އެއިން ކޮންމެ ކަމެއްވެސް ކުރަން އަންގަވާފައިވަނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ.
މިޘާލަކަށް ބުނާނަމަ ތަނަވަސްކަމަށް އިންސާނާ ލޯބިކުރާނެއެވެ. ނަމަވެސް ތަނަވަސްކަން ލިބިގަންނަން ޖެހޭނީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ މަގުންނެވެ. ނަހީކުރައްވަވާފައިވާ ގޮތްގޮތަކުންނޫނެވެ.
އެއްދާންކުރަން ބޭނުންވުންވެސް ﷲ ތަޢާލާ ވަނީ އިންސާނުންގެ ކިބައިގައި ލައްވަވައިފައެވެ. ނަމަވެސް އެކަންވެސް ކުރަންވާނީ ހުއްދަ ކުރައްވަވާފައިވާ މަގުންނެވެ. ކައިވެނީގެ ތެރެއިންނެވެ. ކައިވެނީގެ ބޭރުން އެކަންކޮށްފިނަމަ ފާފަވެރިވާނެއެވެ.
ހަމަ އެއާއިއެކު ﷲ ތަޢާލާ ވަނީ ކޮންމެ މީހަކަށްވެސް އިޚްތިޔާރުތަކެއް ދެއްވަވާފައެވެ. އެއީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅުމާއި ނުއުޅުމުގެ އިޚްތިޔާރެވެ. ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅުމުން ޘަވާބު ދެއްވަވާނެތެވެ. ސުވަރުގެ ވައްދަވާނެތެވެ. ހަމައެފަދައިން ނަހީކުރައްވަވާފައިވާ މަގުން ކަންކަން ކުރުމުން ޢަޛާބު ދެއްވަވާނެތެވެ. ނަރަކައަށް ވައްދަވާނެތެވެ.
މިކަންކަމަކީ ކީރިތި ޤުރްއާނުން އެނގެންހުރި ކަންކަމެވެ. ވީމާ ނުބައި ޢަމަލުތައް ކުރުމަށްފަހު، ނަހީކުރައްވަވާފައިވާ މަގުން ޢަމަލުކުރުމަށްފަހު އެކަންކުރެވުނީ ތިމާގެ ކިބައިގައި އެކަމަށް ބޭނުންވުން ލައްވަވާފައިވާތީކަމަށް ބުނުމަކުން ނުފުދޭނެއެވެ. އެވާހަކަ ވާނީ ބާޠިލް ވާހަކައަކަށެވެ.
އިރު އެރުމުން ކޮންމެ މީހަކަށްވެސް އަލިކަން ލިބޭނެއެވެ. ނުލިބޭނީ އެމީހަކު އަމިއްލައަށް އެއަލިަކަމަށް ފޮރުވިއްޖެނަމައެވެ. ހަމަ އެފަދައިން ކޮންމެ މީހަކަށްވެސް ﷲ ތަޢާލާގެ ރަޙްމަތް ލިބޭނެއެވެ. އުނިވެގެންދާނީ އެމީހަކު އަމިއްލައަށް ﷲ ތަޢާލާ އާއި ދުރުހެލިވުމުންނެވެ.
"މީހަކު ތިމަން ﷲ އަށް އެދިއްޖެނަމަ އެންމެގާތުގައި ވޮޑިގެންވާކަމަށް" އޮތް ވަޙީ ބަސްފުޅުން މިދެއްކި ވާހަކައަށް ޔަޤީންކަން ލިބޭނެއެވެ. ވީމާ ފާފަތައް ކުރުމަށްފަހު އެއީ މިވެނި އެވެނި ސަބަބަކާއިހުރެ ކުރެވުނު ކަމެއް ކަމަށް ބުނުމަކުން ނުފުދޭނެއެވެ!
--ބިލާލް އައްސަދުގެ ދަރުސަކުން