މިއަދުނޫސް
سورة المؤمنون ގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. " މުއްމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެ ތިބޭ މީހުންނެވެ."
އެހެންކަމުން، ނަމާދު އެޅުމަކީ ކުޑަކަމެއްގެ ގޮތުގައި ދެކި ބޮޑާކަންމަތީ ވަގުތުތަށް ބޭކާރު ނުކޮށްލާށެވެ. އެނގިހުރެ އަމިށްލަ ނަފްސު ތި އެއްލާލެވެނީ ގެއްލުމެއްގެ ތެރެއަށެވެ. ކީރިތި ޤުރުޢާންގައިވާ މި އާޔަތުން ޢިބުރަތް ލިބިގަންނާށެވެ. އަދި ނަމާދުން ތިޔަބައިމީހުންގެ ޙެޔޮކަމުގެ ފަތްކޮޅު ޒީނަތްތެރިކުރާށެވެ.
" ތިޔަބައިމީހުން ނަރަކައަށް ވެއްދީ ކޮންކަމެއްހެއްޔެވެ؟ އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެއަކު ތިމަންމެން ނުވަމުއެވެ. " ( سورة المدّثّر 42-43 )
ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް އަދި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައީ އެންމެ ފަހުން ފޮނުއްވެވުނު ނަބިއްޔާކަމަށާއި ރަސޫލާ ކަމަށް ޤަބޫލުކުރުމަށްފަހު ކޮންމެ މުސްލިމަކުވެސް އަދާކުރަންޖެހޭ އެންމެ މަތިވެރި ވާޖިބަކީ ފަރުޟު 5 ނަމާދަށް ރައްކައުތެރިވުމެވެ. އެކަމެއްގެ މާތްކަމާއި މަތިވެރިކަން އެތައްފަހަރަކު އަޅުގަނޑުމެންނަށް ހަނދާންކޮށްދީ އެކަމަކަށް ރައްކާތެރިވުމަށް ގޮވާލައްވާފައިވާ އެއްކަމަކީ ނަމާދެވެ. ދީނުގައި ނަމާދަށް ފަރުވާތެރިވުމަށް ބާރުއަޅާ މިންވަރުންވެސް ނަމާދަކީ އަޅުގަނޑުމެން މުސްލިމުންނަށް ކިހާ މުހިއްމު އެއްޗެއްކަން އެނގިގެންދެއެވެ
ނަމާދަކީ، މާތްﷲ ޞުބްޙާނަހޫ ވަޠަޢާލާއާޢި އަހަރެމެންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް، ފާފަ ފުއްސެވުމަށާއި ތެދުމަގު ދެއްކެވުމަށް އެދި ދެޢާ ކުރުމަށް ލިބޭ ހިތްވަރެކެވެ. ކީރިތި ޤުރުޢާނުގައާއި ކީރިތިސޫލާ މުޙައްމަދު (ﷺ)ގެ ސުންނަތުގައި ނަމާދުގެ ވާހަކަ އެތައްފަހަރަކު އައިސްފައިވާއިރު، ނަމާދަށް ފަރުވާތެރިވެ، ވަގުތުގައި އަދާކުރުމަކީ އަހަރެމެންގެ މައްޗަށްއޮތް އެންމެ ބޮޑު މަސްއޫލިއްޔަތުވެސްމެއެވެ.
سورة البقرة ގެ 45 އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އަދި ކެތްތެރިކަމާއިއެކު ނަމާދުންތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން އެއީ ވަރަށް ބޮޑުކަމެކެވެ."
ތިބާ ދުނިޔެވީ ކަންކަމުގައި މަސްޢޫލުވެ އުޅޭއިރު ނަމާދަށް ފަރުވާކުޑަކޮށްލެވޭ ފަހަރު ވަރަށް ގިނައިން އާދެއެވެ. ތިބާވީ ކޮންމެ ތަނެއްގައިވެސް މަރު ހަނދުމަކޮށް ﷲއަށް ބިރުވެތިވުން މުހިއްމުވަނީ އެހެންވެއެވެ. ޝައިޠާނާގެ ވަސްވާހަށް ހެއްލި ތިބާއަށް ކުރުން ވާޖިބު ކަންތައްތަކަށް ފުރަގަސް ދެވޭތީއެވެ.
ނަމާދަކީ އެކަމެއްގެ ސަބަބުން ތިބާއަށް ސަލާމަތާއި ރައްކާތެރިކަން ލިބޭކަމެކެވެ. ދުނިޔެއާއި އާޚިރަތުގައި ފަލާހާއި ކާމިޔާބަށް މަގު ކޮށައިދޭ އެންމެ މުހިއްމު އަޅުކަމެވެ. ޤިޔާމަތްދުވަހު ތިބާއާއި އެންމެ ފުރަތަމަ ސުވާލުކުރެވޭނެ އަޅުކަންވެސްމެއެވެ. ".. ހަމަކަށަވަރުން، ނަމާދަކީ، ހުތުރުކަން ބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާކަމެކެވެ.." سورة العنكبوت 45
ހަމައެއާއެކު ނަމާދުގެ ސަބަބުން، ތިބާއަށް ހިތްހަމަޖެހުންލިބި، ހިތްހެޔޮ އަދި ޙެޔޮލަފާ މީހެއްގެގޮތުގައި ސާބިތުވެވޭނެއެވެ. އަދި ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި ކެތްތެރިވެ މިންވަރަށް އީމާންވުމަށް ފަސޭހަވެގެންދާނެއެވެ.
އަހަރެމެންކުރާ ޢަމަލުތަކުގެ ފަތް ނަމާދުން ޒީނަތްތެރިކުރަންޖެހެނީ މިފަދަ އެތައް ސަބަބުތަކަކަށްޓަކައެވެ. އެކަމުގައި ކަންނެތްވުމެއް ނެތެވެ. ކަންނެތްވެ ފަރުވާ ކުޑަކުރެވި ނަމާދުނުކުރާ މީހަކުކަމުގައި ވެވިއްޖެނަމަ އާޚިރަތް ދުވަހު އެއްވެސް ކަމަކުން ސަލާމަތްކަމެއް ނުލިބޭނެއެވެ. ކުރަންޖެހޭނީ ހިތާމަތަކެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން