ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރައްޔިތުންނަށް ކަށަވަރުކޮށްދެވުނު އެންމެ މުހިންމު އެއް ކަމަކީ ސިއްޙީ ދާއިރާއަށް ގެނެވުނު ހެޔޮ ބަދަލުތައް ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ކުދި އާބާދީތަކުގެ ރަށްތަކުގެ ރައްޔިތުން އެދެމުން އައި އެންމެ މުހިންމު އެއް ކަމަކީ އާންމުކޮށް ހަދަންޖެހޭ މެޑިކަލް ޓެސްޓުތައް އެ ރަށްތަކުން ހެދޭނެ އިންތިޒާމު ހަމަޖެހުން ކަމަށެވެ.
"ރައީސްގެ އެ ވައުދުފުޅުގެ ތެރެއިން މިހާރު ކޮންމެ ރަށެއްގައިވެސް އާދައިގެ ޓެސްޓުތައް އެންމެ ކުދި ރަށްތަކުގައިވެސް ހެދޭނެ ގޮތް ވަނީ ހައްދަވައިދެއްވާފައި،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މިހާރު ކުދި ރަށްތަކުގައި އަސާސީ ޓެސްޓުތައް ހެދުމުގެ ޚިދުމަތް ދެމުން ގެންދަނީ ޕޮއިންޓް އޮފް ކެއަރ މެޝިންގެ އުސޫލުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި މި ރަށްތަކުގައި ފުރިހަމަ ލެބޯޓްރީތައް ޤާއިމުކުރެވިގެންދާނެ ކަމަށެވެ.
ސިއްޙީ ދާއިރާއަށް ގެނެވުނު މި ބަދަލާއެކު، ރާއްޖޭގެ އެންމެ ކުދި ރަށްތަކުގައިވެސް އަސާސީ މެޑިކަލް ޓެސްޓުތައް ހެދުމުގެ ޚިދުމަތް ލިބެމުންދާކަން ފާހަގަކުރެވެއެވެ.