ދެން ޤައުމު ދާނީ ހަމަޖެހުމުގެ ނޭވާއެއް ލައިގެން ކުރިއަށް: ވަޒީރު ސައީދު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދެން ޤައުމު ދާނީ ހަމަޖެހުމުގެ ނޭވާއެއް ލައިގެން ކުރިއަށް: ވަޒީރު ސައީދު

މިހާރު ޤައުމު ދަނީ ހަމަޖެހުމުގެ ނޭވާއެއް ލައިގެން ކުރިއަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅާ ގުޅިގެން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މި ސަރުކާރަށް ވާރުތަވެފައިވަނީ ވަރަށް ދަތި އުނދަގުލުގައި އޮތް އިޤްތިޞާދެއް ކަމަށެވެ.

"މިސާލަކަށް މި ދަތިހާލަތުގައިވެސް، އެއާ އެމްބިއުލާންސްގެ މަސައްކަތް ފެށިއްޖެ. ވައިޑް ބޮޑީ އޮޕަރޭޝަން ފެށިގެން ޗައިނާއިން މިހާރު ސީދާ ފަތުރުވެރިން އެއޮތް ގެންނަނީ. މިހުރިހާ ކަމަކާއެކު ޤައުމު ހުއްޓުމަކަށް ނައިސް އޭރު ވެއްޓިފައި އޮތް ނުރައްކާތެރި އަނދަވަޅުން ސަލާމަތްވެ ވަޒީފާގެ ބާޒާރަށް ތަނަވަސްކަން ގެނައުން. އަދި އުމްރާނީ މަސައްކަތްތައް ފެށުނު،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މިއާއެކު އައު ކަންކަންވެސް ފެށިގެން ކުރިއަށްދާ ކަމަށާއި ދެން ޤައުމު ދާނީ ހަމަޖެހުމުގެ ނޭވާއެއް ލައިގެން ކުރިއަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައީސް މުޢިއްޒަކީ ވަރަށް ވިސްނުންތެރިކަމާއެކު ފިޔަވަޅު އަޅުއްވާ ކެތްތެރި ބޭފުޅެކެވެ. އަދި އެމަނިކުފާނު ކަންކަން ތަންފީޒުކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ އަޑު އައްސަވައިގެން ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި އެމަނިކުފާނަށް އިތުބާރާއި ޔަޤީންކަން އުފެދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ދަނީ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވައި، ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އަދި ރަށްރަށުގެ އެކި ދާއިރާތަކުގެ ކުރިއެރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވަމުންނެވެ.

 

މިއަދު އޮންލައިން