ރައީސް ތަކަންދޫއަށް: ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރައްވާފައި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 46ސ
ރައީސް ތަކަންދޫއަށް: ރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރައްވާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ހއ. ތަކަންދޫއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަކަންދޫއަށް ވަޑައިގަތުމުން، އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެގޮތުން ރަށުގެ ގިނަބަޔަކުވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ތަކަންދޫ ބަނދަރު ސަރަހައްދަށް އެއްވެފައެވެ.

ރައީސް ވަނީ އެރަށުގެ ކައުންސިލާއި، އަންހެނުންގެ ތަތައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ، އަދި މުވައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު މަދަރުސަތުލް ޝަހީދު ޢަލީ ތަކުރުފާނުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުންވަނީ ރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ. މިގޮތުން ރަށުގައި ހުރި އާސާރީ ތަންތަން ރައްކާތެރިކުރުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަމަށާއި، އަސާސީ ޚިދުމަތްތައް ކަމުގައިވާ، ފެނާ ނަރުދަމާގެ ޚިދުމަތް އަވަހަށް ލިބުމަށާއި، ރަށްގިރުމުގެ މައްސަލައަށް އަވަސް ޙައްލެއް ބޭނުންވާކަމަށާއި، ރަށަށް ދިމާވެފައިވާ ލަފާ ފުރުމުގެ ދަތިކަން ހައްލުކުރުމަށް ބަނދަރުގެ މަޝްރޫޢު ފުރިހަމަކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ރަށަށް އާމްދަނީ ހޯދުމަށް ރަށުގެ އިޚުތިޞާޞްގައި ރަށެއް ހިމަނައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު ގެދޮރުވެރިކަމުގެ ކަންބޮޑުވުންތައްވެސް ކައުންސިލުން ހިއްސާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުފުޅުގައި ހިމެނޭ ކަންކަން ކޮށްދެއްވުމަށާއި ކައުންސިލުން ފާހަގަކުރެއްވި، ރައްޔިތުން އެދޭކަންކަން ކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމަށެވެ.

‎މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިންވަނީ ތަކަންދޫގައި ހިންގާ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މިއަދު އޮންލައިން