ރާއްޖޭގެ 57 ރަށެއްގައި ޕަބްލިކް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ބޯހިޔާވެހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދާނެ ފަރާތްތައް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން ވަނީ އިޢުލާން ކޮށްފައެވެ. މި މަޝްރޫޢުތަކަކީ މިނިސްޓްރީ އޮފް ހައުސިންގ، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ އެދިވަޑައިގަތުމުގެ މަތިން ކުރިއަށް ގެންދާ މަޝްރޫޢުތަކެކެވެ.
މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އަދި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ އުސޫލުތަކާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ހަމަތަކުގެ މަތިންނެވެ. މި މަޝްރޫޢުތައް ބަހާލެވިފައިވަނީ 4 ކެޓަގަރީއަކަށެވެ.
50 ޔުނިޓަށްވުރެ މަދުން އަޅާ މަޝްރޫޢުތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ދިވެހި ކޮންޓްރެކްޓަރުންނަށެވެ. ނަމަވެސް 51 ޔުނިޓުން ފެށިގެން މަތީގެ މަޝްރޫޢުތަކުގައި ރާއްޖެއާއި ބޭރުގެ ކޮންޓްރެކްޓަރުންނަށް ބައިވެރިވެވޭނެއެވެ. މީގެ ތެރޭގައި 51-150 ޔުނިޓް، 200-250 ޔުނިޓް، އަދި 300 އަށްވުރެ ގިނަ ޔުނިޓް ހިމެނޭ މަޝްރޫޢުތައް ހިމެނެއެވެ.
މި މަޝްރޫޢުތަކުގެ ދަށުން 50 އަށްވުރެ މަދު ޔުނިޓް އަޅަނީ 18 ރަށެއްގައެވެ. 51-150 ޔުނިޓް އަޅަނީ 17 ރަށެއްގައެވެ. 200-250 ޔުނިޓް އަޅަނީ 10 ރަށެއްގައެވެ. އަދި 300 އަށްވުރެ ގިނަ ޔުނިޓް އަޅަނީ 12 ރަށެއްގައެވެ.
މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމުގައިވާ ރާއްޖޭގެ އުތުރުގައި 20،000 ހައުސިންގ ޔުނިޓް އަދި ދެކުނުގައި 20،000 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢުގެ ބައެކެވެ.