ހއ. ތަކަންދޫގައި ސަރުކާރުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އައު ކައުންސިލް އިމާރާތުގެ ބިންގާ އަޅައި، އަދި އެރަށު ފުލުހުންގެ މަރުކަޒު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ތަކަންދޫ ފުލުހުންގެ މަރުކަޒު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. އަދި ކައުންސިލް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އެވެ. މިއީ ރައީސް މިހާރު ހއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދެވުނު ރަސްމިއްޔާތެކެވެ.
މި ރަސްމިއްޔާތުގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުގެ އިތުރުން އެ ރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޖާގައިގެ ދަތިކަން އޮތް ކައުންސިލްތަކަށް އައު އޮފީސް އިމާރާތްކޮށްދެއްވުމަކީ ރައީސް މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިގޮތުން ހާލަތު ދަށް 55 ރަށެއްގެ ކައުންސިލް އައު އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ ވަނީ ހަވާލުކޮށްފައެވެ. މީގެތެރޭގައި ތަކަންދޫ ކައުންސިލްވެސް ހިމެނެއެވެ.
ހެކްސްޓަރ ގްލޯބަލްއާ ކައުންސިލްތައް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ. މި މަޝްރޫޢު ނިންމުމަށް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 2 އަހަރާއި 6 މަސް ދުވަހުގެ މުއްދަތެކެވެ.