ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް، ޗައިނާގެ ނައިބު ރައީސް ހަން ޒެންގއަށް އެޤައުމުގެ އައު އަހަރުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖުގައި ނައިބު ރައީސް ވަނީ ޗައިނާ ސަރުކާރާއި އެޤައުމުގެ ރައްޔިތުންނަށް އައު އަހަރުގެ ހެޔޮ އެދުންތައް ރައްދުކުރައްވާފައެވެ. އަދި މި އަހަރަކީ ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ އަހަރެއްކަމުގެ އުއްމީދު ފާޅުކުރައްވާފައިވެއެވެ.
"މިފެށުނު އައު އަހަރަކީ ރާއްޖެއާއި ޗައިނާގެ ގުޅުން އެކިދާއިރާތަކުން ހަރުދަނާކުރުމަށް މަގުފަހިވެގެންދާ އަހަރެއްކަމުގައި ވާނެކަމަށް އުއްމީދުކުރަން،" ނައިބު ރައީސް މެސެޖުގައި ވިދާޅުވިއެވެ.
އަދި މިއީ ދެޤައުމުން ގުޅިގެން ކުރާ މަސައްކަތުން ތަރައްޤީއާއި ކުރިއެރުމާއި، އުފާ ފާގަތިކަން ރައްޔިތުންނަށް ލިބިގެންދާނެ އަހަރެއް ކަމަށްވެސް ނައިބު ރައީސް އުއްމީދު ފާޅުކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ދިވެހިރާއްޖެއާއި ޗައިނާއަކީ އެކި ދާއިރާތަކުން ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ޤައުމެވެ. ވޭތުވެދިޔަ އަހަރުތަކުގައިވެސް ދެ ޤައުމުގެ މެދުގައި އިޤްތިޞާދީ އަދި އިޖްތިމާޢީ ގުޅުންތައް ވަނީ އިތުރަށް ހަރުދަނާވެފައެވެ.