ހއ. އިހަވަންދޫގައި އަލަށް އިމާރާތްކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ މިއަދު އަޅައިފިއެވެ. މި ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.
އިހަވަންދޫގައި މި ކޮމްޕްލެކްސްގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ކޮމްޕްލެކްސް އެޅުމަކީ އެ ސަރަހައްދުގެ މަސްވެރިންގެ ބޮޑު އުންމީދެއް ހާސިލުވުމުގެ ފެށުން ކަމަށް ވަޒީރު ޝިޔާމް ވިދާޅުވެފައިވެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ މި ކޮމްޕްލެކްސްއާއެކު އެކި ގޮތްގޮތުން މަސްވެރިންނަށް ލުއިތައް ލިބޭނެ ކަމަށެވެ. އަދި އިހަވަންދޫގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"ދިގު ދަތުރެއް މަސްވެރިން ކުރަންޖެހެނީ ފެލިވަރަށް މަސް ކިރުމަށްޓަކައި. އެތައް ތެލެއް އަންދާ. އެހެންކަމުން އިހަވަންދޫ ފިޝަރީޒް ކޮމްޕްލެކްސްއާއެކު އެ ސަރަހައްދުގައި މަސްވެރިން ތެލަށްކުރާ ޚަރަދު ބޮޑު ތަނުން ކުޑަ ކުރެވޭނެ. އަދި އިހަވަންދޫގައި ގިނަ ވަޒީފާތަކެއްވެސް އުފެދޭނެ،" ވަޒީރު ވިދާޅުވިއެވެ.
މި ކޮމްޕްލެކްސް އެޅުމުން އިހަވަންދޫއާއި އެ ސަރަހައްދުގެ މަސްވެރިންނަށް މަސް ކިރުމަށް ކުރަންޖެހޭ ދަތުރުތައް ކުރުވެ، ތެލަށް ކުރާ ޚަރަދު ކުޑަވެގެންދާނެއެވެ. އަދި މީގެ ސަބަބުން އެ ސަރަހައްދުގެ މަސްވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ.