ޙާޞިލުކުރަން ބޭނުންވާ ކަންތަކަށް އެދި ކުރާނެ ދުޢާ ޤުރްއާނާ ޙަދީޘުން ނުފެނުމަކީ މައްސަލައެއް ނޫނެވެ! ﷲ ތަޢާލާގެ ރަޙްމަތްފުޅު މާބޮޑެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ޙާޞިލުކުރަން ބޭނުންވާ ކަންތަކަށް އެދި ކުރާނެ ދުޢާ ޤުރްއާނާ ޙަދީޘުން ނުފެނުމަކީ މައްސަލައެއް ނޫނެވެ! ﷲ ތަޢާލާގެ ރަޙްމަތްފުޅު މާބޮޑެވެ!

ޙާޞިލުކުރަން ބޭނުންވާ ކަންތަކަށް އެދިގެން ކުރާނެ ދުޢާއެއް ޤުރްއާނުން އަދި ސުންނަތުންވެސް ފެންނަން ނެތުމުން ގިނަ ބައަކު ކަންބޮޑުވެއެވެ. ނަމަވެސް އެއީ އެއްވެސް ވަރަކަށް ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ﷲ ތަޢާލާގެ ދީލަތިވަންތަކަން މާބޮޑެވެ.  

ކަމަކަށް އެދި ދުޢާކުރަން ބޭނުންވުމުން ޤުރްއާނާއި ޙަދީޘުން އެކަމަކާއި ގުޅުންހުރި ނުވަތަ އެކަމަކަށް އެދިގެން ކުރަން އޮތް ދުޢާ ހޯދަން އުނދަގޫވެއްޖެނަމަ އެނގޭ މީހުންގެ ގާތުގައި އަހައިލުމަކީ މައްސަލައެއް ނޫނެވެ. ލިބޭތޯ މަސައްކަތްކުރުމުން ނުލިބުނު ނަމަވެސް ދެރަނުވާށެވެ.  

އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ! ކޮންމެ ކަމަކަށް އެދިގެން، ނުވަތަ ކޮންމެ ފަދަ ބޭނުމެއް ޖެހިގެން ދުޢާކުރި ނަމަވެސް ދުޢާކުރާއިރު ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ދުޢާތައް އަދި ކައު އިތުރު ރަސޫލާ () ކުރެއްވެވި ދުޢާތައް ކުރުމުގެ ބޭނުމަކީ އެ ދުޢާތަކަށްވުރެ ފުރިހަމައަށް އަހަރެމެންނަށް އުފައްދައިގެން ދުޢާ ނުކުރެވޭނެތީ އެވެ. އެވަރުގެ ޤާބިލުކަން އަހަރެމެންގެ ކިބައިގައި ނުހުންނާނެތީއެވެ.  

އެހެންކަމުން އެންމެ މަތިވެރި ގޮތަކީ ޤުރްއާނާއި ސުންނަތުގައި ވާރިދުވެގެންވާ ދުޢާތައް ކުރުމެވެ. ނަމަވެސް ތިމާ ދުޢާކުރަން ބޭނުންވާ ކަންތަކާއި ގުޅިގެން ކުރާނެ އެފަދަ ދުޢާއެއް ނުއެނގޭނަމަ އެމީހަކު ވާހަކަ ދައްކާ ބަހަކުން ދުޢާކުރަންވީއެވެ. އެމީހަކު ބޭނުން ޢިބާރާތަކުން ދުޢާކުރާށެވެ! ޤާބިލުކަން ހުރި ވަރަކުން ރީތި ފަށުވި ޢިބާރާތް ބޭނުންކުރަން މަސައްކަތްކުރާށެވެ!  

ކަމަކަށް އެދި ﷲ ތަޢާލާއަށް ދުޢާ ކުރުމަށް ވަކި ބަހެއް ނެތީ ހުރިހާ ބަސްތަކެއްވެސް ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެންވާތީއެވެ. ނަމަވެސް ކަންކަމަށް އެދި ދުޢާ ކުރުމުގައި ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ އަދި ރަސޫލް () ގެ ޙަދީޘްފުޅުތަކުން ފެންނަންހުރި ދުޢާ ކުރުން މޮޅު އިތުރުވެގެންވެއެވެ. އެފަދަ ދުޢާއެއް ނުއެނގޭނަމަ، ހަމަ ކޮންމެ ބަހަކުން ނަމަވެސް ދުޢާކުރަންވީއެވެ. ދިވެހި، އިނގިރޭސި، ޢަރަބި ސިންގަޅަ ތަމަޅަ ފަދަ އެމީހަކަށް ފަސޭހަ ބަހަކުން ހަމަ ދުޢާކުރަންވީއެވެ.  

ދިވެހި ބަހުން ދުޢާކުރި ނަމަވެސް ދުޢާކުރަން ފަށަންވާނީ ﷲ ތަޢާލާއަށް ހަމްދުކޮށް ރަސޫލާ ()އަށް ޞަލަވާތާއި ސަލާމް ލެއްވެވުން އެދި ދުޢާކުރަމުންނެވެ!   

" އަށް ޙަމްދު ކުރަމެވެ. ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވެވުން އެދި ދުޢާކުރަމެވެ.---- ދެން ބޭނުންވާ ދުޢާއެއް ކުރިއަށް ގެންދަންވީ (ކުރަންވީ) އެވެ."  

އަދި ދުޢާކޮށް ނިންމުންވެސް ރަނގަޅީ ﷲ ތަޢާލާއަށް ޙަމްދުކުރުމާއި ރަސޫލް () އަށް ޞަލަވާތްލެއްވެވުން އެދި ދުޢާކުރަމުންނެވެ!  

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ކޮންމެ ކަމަކަށް އެދި ދުޢާކުރަން ބޭނުންވުމުން ޢަރަބި ބަހުން އޮންނަ ދުޢާއެއް ހޯދައިގެން ނޫނީ ނުކުރެވޭނެ ކަމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން