ދަރަންޏެއް އޮއްވައި ޞަދަޤާތްކުރުމާއިމެދު އެނގެންޖެހޭ ކަންކަން-: ޝައިޚް މުޙައްމަދު ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 6ސ
ދަރަންޏެއް އޮއްވައި ޞަދަޤާތްކުރުމާއިމެދު އެނގެންޖެހޭ ކަންކަން-: ޝައިޚް މުޙައްމަދު ޝާފިޢު

ދަރަންޏެއް އޮތް މީހަކު ޞަދަޤާތްކުރެވިނެތޯ؟: 

ދަރަނި އޮތްމީހާ ވަނީ ދެ ޙާލަތެއްގައެވެ. 

1-   އެދަރަންޏަކީ ފަހުން ދައްކަންޖެހޭ ދަރަންޏެކެވެ. ނުވަތަ ދަރަނި ދެއްކުމުގެ މުހުލަތު ދިގުދެމިގެން ވެއެވެ. މިސާލަކަށް އިންސްޓޯލްމެންޓަށް މުދާ ނަގާފައިހުންނަ މީހުންވެސް ޙަޤީޤަތުގައި އެއީ ދަރަންޏެކެވެ. އެކަމަކު އެ ދެއްކެމުގެ މުހުލަތު ވަކި މުއްދަތަކަށް ބަހާލާފައިވެއެވެ. އެހެންކަމުން އެފަދަ މީހާ، ދަރަނި އޮތްކަމުގައިވިޔަސް އޭނާ ޞަދަޤާތްކުރުމަކީ އެއީ އެކަމުގައި އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. 

އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ. “ދަރަންޏަކީ ފަސްވެފައިވާ ދަރަންޏެއް ނަމަ ނުވަތަ ދަރަނި ދައްކަންޖެހޭ ވަގުތު އަންނަން ވާއިރަށް ދަރަނި ދެއްކޭނެ މިންވަރަށް ފައިސާ ހުރިނަމަ ނުވަތަ ލިބޭނެނަމަ، ޞަދަޤާތް ކުރެވިދާނެއެވެ. އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެއީ ތިބާއަށް އެކަންކުރުމުގެ ކުޅަދާނަކަން ލިބިގެންވެއެވެ.” الشرح الكافي 

2-   ދެވަނަ ޙާލަތަކީ އެއީ ދަރަނި ވީހާ އަވަހަށް އަދާކުރަން ޖެހިފައިއޮތުމެވެ. މިސާލަކަށް ދަރަނި ދައްކަންޖެހޭ މުއްދަތު ކައިރިވެފައި އޮތުމެވެ. މި ޙާލަތުގައި ދަރަނިވެރިޔާ ދަރަނި އަދާކުރުމުގެ ކުރީން (ދަރަނި އަދާނުކޮށް) ޞަދަޤާތްކުރުން ހުއްދަވެގެން ނުވެއެވެ. އެހެނީ ދަރަނި އަދާކުރުމަކީ ވާޖިބެކެވެ. ޞަދަޤާތް ކުރުމަކީ ސުންނަތެކެވެ. ވާޖިބުކަންތަކުގެ މައްޗަށް ސުންނަތްކަން އިސްނުކުރެވޭ ހުއްޓެވެ. 

އެއީ އަލްމަޠްލު (ނަހީކުރައްވާފައިވާ ފަސްކުރުމު)ގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.  مَطْلُ الْغَنِيِّ ظُلْمٌ – رواه البخاري (2287)، ومسلم (1564) 

މާނައީ: “މުއްސަންޖަކަށް އަދާކުރަންޖެހޭ ފައިސާއެއްވިޔަސް، އެއަދާނުކޮށް (ޤަޞްދުގައި) ފަސްކުރުމަކީ އަނިޔާއެކެވެ.”

عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: “لَا صَدَقَةَ إِلَّا عَنْ ظَهْرِ غِنًى” – رواه الإمام أحمد(6858). 

އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. "މީހަކަށް  އޭނާ ފުދިގެންވުމުން (ކުޅަދާނަކަން ލިބުމުން) މެނުވީ ޞަދަޤާތް ދިނުމެއް ނުވެއެވެ." 

އިމާމު ބުޚާރީ ރަޙިމަހުﷲ ވިދާޅުވިއެވެ. “މީހާ ޙާޖަތަށް ޖެހިގެންވާ ޙާލު، ނުވަތަ އޭނާގެ އަނބިދަރީން ޙާޖަތަށް ޖެހިގެންވާ ޙާލު، ނުވަތަ ދަރަންޏެއް އޭނާގެ މައްޗަށް ވާ ޙާލު، ޞަދަޤާތްކޮށްފި މީހާ (ދަންނަހުށިކަމެވެ.) ޞަދަޤާތްކުރުމާއި، އަޅުންމިނިވަންކުރުމާއި ހަދިޔާ ދިނުމަށްވުރެ، ދަރަނިއަދާކުރުން މާ ޙައްޤުކަން ބޮޑުވެގެންވެއެވެ. ފަހެ އޭނާ އެކުރި ޞަދަޤާތް އޭނާގެ މައްޗަށް ރައްދުވެގެންވެއެވެ. (ބާޠިލުވެގެންވެއެވެ.) މީސްތަކުންގެ މުދާ ބޭކާރު ކުރުމަކީ އޭނާއަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “مَنْ أَخَذَ أَمْوَالَ النَّاسِ يُرِيدُ إِتْلَافَهَا أَتْلَفَهُ اللَّهُ..” -“صحيح البخاري” (2/112) . "ބޭކާރު ކުރުމަށްޓަކައި (އެކަމުގެ ނިޔަތުގައި) މީސްތަކުންގެ މުދާ ދަރަންޏަށް ނަގައިފި މީހާ، ﷲ ތަޢާލާ އޭނާ ހަލާކުކުރައްވާނެއެވެ." 

ޙާޖަތަށް ޖެހިގެންވާމީހާ، ޞަދަޤާތް ކުރުމަށްވުރެ ޙާޖަތް ފުއްދުން އިސްވަނީ އެހެންމީހުންނަށް ހޭދަކުރުމަށްވުރެ އަމިއްލަނަފްސަށާއި އަމިއްލަ އަހުލުންނަށް ހޭދަކުރުން އައުލާވެގެންވާތީއެވެ. 

ޞަޙީޙުލް ބުޚާރީގައި އިމާމު ބުޚާރީ ގެންނަވާފައިވާ މި ބަސްފުޅާ ބެހޭގޮތުން އިބްނު ބައްޠާލު ރަޙިމަހުﷲ ވިދާޅުވިއެވެ.

އިމާމު ބުޚާރީ ރަޙިމަހުﷲ ގެ ބަސްފުޅު “މީހާ ޙާޖަތަށް ޖެހިގެންވާ ޙާލު، ނުވަތަ އޭނާގެ އަނބިދަރީން ޙާޖަތަށް ޖެހިގެންވާ ޙާލު، ނުވަތަ ދަރަންޏެއް އޭނާގެ މައްޗަށް ވާ ޙާލު، ޞަދަޤާތްކޮށްފި މީހާ (ދަންނަހުށިކަމެވެ.) ޞަދަޤާތްކުރުމާއި، އަޅުންމިނިވަންކުރުމާއި ހަދިޔާ ދިނުމަށްވުރެ، ދަރަނިއަދާކުރުން މާ ޙައްޤުކަން ބޮޑުވެގެންވެއެވެ. ފަހެ އޭނާ އެކުރި ޞަދަޤާތް އޭނާގެ މައްޗަށް ރައްދުވެގެންވެއެވެ. (ބާޠިލުވެގެންވެއެވެ.)”  މިއީ ޢިލްމުވެރިން މިކަމުގެ މައްޗަށް އިޖްމާޢުވެފައިވާ ކަމެކެވެ.” “شرح صحيح البخاري”(3/430) 

“المنهاج مع شرحه مغني المحتاج” (4/197) : ގައި އައިސްފައިވެއެވެ. “ދަރަނިވެރިޔާ، އޭނާގެ މައްޗަށްވާ ދަރަނި އަދާކޮށްފުމަށް ދަންދެން އޭނާ ޞަދަޤާތްނުކުރުން މުސްތަޙައްބުވެގެންވެއެވެ. އޭނާ އެބައެއްގެ މައްޗަށް ޚަރަދުކުރުން ލާޒިމުވާ މީހުންނަށް ޚަރަދު ނުކޮށް އަދި އަވަހަށް އަދާކުރަންޖެހިފައިވާ ދަރަނި އަދާނުކޮށް ޞަދަޤާތްކުރުން އޭނާގެ މައްޗަށް ޙަރާމްވެގެންވެއެވެ.”  روضة الطالبين” (2/342) . 

އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވިއެވެ. “ދަރަންޏެއް އޮތް މީހަކު، އެ ދަރަނި އަދާކުރުމަށް ހުރަސްއެޅިދާނެ ޞަދަޤާތެއް ކުރުން ހުއްދަވެގެނުވެއެވެ. އެއީ ވާޖިބެކެވެ. އެ ވާޖިބު ދޫކޮށްލުން ހުއްދަވެގެން ނުވެއެވެ.”  الكافي”(1/431). 

އެކަމަކު ދަރަނި އަދާކުރުމަށް ހުރަސް ނޭޅޭ ޞަދަޤާތް މިސާލަކަށް ކުދި ކުދި ތަކެތި، އަގުބޮޑު ނޫންތަކެތި ޞަދަޤާތްކުރުން ޢިލްމުގެ އަހުލުވެރިން މިކަމުން އިސްތިޘްނާ ކުރައްވައެވެ. މިސާލަކަށް ދަރަންޏެއް އޮތް މީހަކަށްވެސް ކާބޯތަކެތި، ކާން ކައްކާ ކާނާ ފަދަ ތަކެތިން ޞަދަޤާތް ކުރެވޭނެއެވެ. 

ޚުލާޞާ:

ދަރަނި އޮތް ނަމަ

1- ފަހުން ދައްކަން ޖެހޭ ދަރަންޏެއް ނަމަ، ދަރަނި އޮތަސް ޞަދަޤާތް ކުރެވޭނެއެވެ.

2- އަވަހަށް ދައްކަން ޖެހޭ ދަރަންޏެއް ނަމަ، އިސްކަންދޭނީ ދަރަނި އަދާ ކުރުމަށެވެ. އެ ޙާލަތުގައި ދަރަނި އަދާނުކޮށް ޞަދަޤާތްކުރުން ހުއްދަވެގެން ނުވެއެވެ. ދަރަނި އަދާކުރުމަށް ހުރަސް ނޭޅޭ ކުދި ކުދި ޞަދަޤާތް މެނުވީއެވެ. 

މަރްޖިޢު

“نهاية المحتاج”(7/181)،

“حاشية “قليوبي وعميرة” (3/206).

 

މިއަދު އޮންލައިން