ﷲ ތަޢާލާ އިންސާނާ އުފައްދަވައި ހަށިގަނޑުގައި ލައްވަވާފައިވާ ގުނަވަންތަކުގެ ތެރެއިން އެންމެ ބޮޑަށް ރައްކައުތެރިކަން ދެއްވަވާފައިވަނީ ސިކުނޑިއަށެވެ. އެހެންކަމުން ސިކުނޑި ލައްވަވާފައިވަނީ ވަރުގަދަ ބޯ ނާށިގަނޑެއްގެވެސް އެތެރޭގައެވެ. މިހައި ބޮޑަށް ރައްކުތެރިކުރައްވަވާފައިވާ އިންސާނާގެ ސިކުނޑީގައި ޝައިޠޯނާ މަކުނުވާ ފުރާކަން އެނގޭހެއްޔެވެ؟ އެކަން ޝައިޠޯނާ ކުރެއެވެ. އަދި ގިނަބައަކަށް އުޅެނީ އެމަކުނުވާތަކުން ސަލާމަތްވެސް ނުވެވިގެންނެވެ.
މީހަކުގެ ގައިގައި މަކުނުވައުތަކެއް އޮޅިއްޖެނަމަ އެވައުތައް ފޮޅައި ސާފުކުރެވެންދެން އުޅެން ޖެހޭނީ އެކަމުން ސަލާމަތްނުވެވިގެންނެވެ. ލޮލަށާއި ނޭފަތަށް، ކަންފަތާއި އަނގައަށްވެސް ވަދެގަންނާތީއެވެ. ކަހައި ގައި ހިރުވުން ފަދަ ކަންކަންވެސް ކުރިމަތިވާތީއެވެ.
މިދައްކާވާހަކަތައް ރަނގަޅަށް އަޑުއަހާށެވެ! މިއަދު ގިނަ ބައަކު އުޅެނީ އެމީހުންގެ މާޒީއާއިމެދު ކަންބޮޑުވެގެންނެވެ. ގެއްލިފައިވީ ކޮންމެވެސް ނިޢްމަތަކާއިމެދު ކަންބޮޑުވެގެންނެވެ. އަނެއް ބައަކު އުޅެނީ ކުރެވިފައިވާ ފާފަތައް ނުފުއްސަވައިފާނެ ކަމަށް ކަންބޮޑުވެގެންނެވެ. އަނެއް ބައަކަށް އުޅެންޖެހެނީ ކޮންމެވެސް މީހަކު ދީފާނެ ދެރައަކަށް ބިރުން ގައިން ހީބިހި ނަގާތީއެވެ. ނޫނީ މުސްތަޤްބަލުގައި ކުރިމަތިވެދާނެ ކޮންމެވެސް ކަމަކަށް ގަންނަބިރެއްގެ ސަބަބުން ހަމަނިދިވެސް ނުލިބިގެންނެވެ.
މިކިޔައިދިން ކޮންމެ ޙާލަތެއްވެސް ކުރިމތިވަނީ ޝައިޠޯނާ ސިކުނޑީގައި މަކުނުވާފުރުމުންނެވެ. އެއިރުންވާގޮތަކީ ކަމުގެ ޙައްލާއި ދިމާއަށް ވިސްނަން ފުރުޞަތު ނުލިބެނީއެވެ. ﷲ ތަޢާލާގެ ވަހީބަސްފުޅުތަކާއި ރަސޫލް ﷺ ގެ ޙަދީޘްފުޅުތަކަށް ވިސްނަން ފުރުޞަތު ނުލިބެނީއެވެ.
ޙަޤީޤަތަކީ ﷲ ތަޢާލާގެ ވަހީބަސްފުޅުތަކާއި ރަސޫލް ﷺ ގެ ޙަދީޘްފުޅުތަކަށް ވިސްނައި އިތުބާރުކުރާނަމަ މިބަޔާންކުރި އެއްވެސް ކަމަކަށް ކަންބޮޑުވާން ނުޖެހޭނެ ކަމެވެ. އެހެނީ ތައުބާވުމުން މާޒީ ފިލައިދިއައީއެވެ. މުސްލިމުންނަކީ ގެއްލިގެން އެއްވެސް ނިޢްމަތަކާއިމެދު ކަންބޮޑުވާންޖެހޭ ބައެއް ނޫނެވެ. ހަމައެއާއިއެކު އެއްވެސް މީހަކަށް ތިމާއަށް ނުދެވޭނެ ކަމާއި ކުރިމަތިވާނީ ﷲ ތަޢާލާ ކުރިމަތިކުރެއްވެވިކަމެއްކަން ހިތުގެއަޑިން ޔަޤީންކުރަން ޖެހޭ ބައެކެވެ.
ހަމަ އެއާއިއެކު މުސްތަޤްބަލުގައި ދުނިޔޭގައި ކުރިމަތިވެދާނެ ކަންކަމަށް ބިރުގަންނަން ޖެހޭ ބައެއް ނޫނެވެ. ބިރުވެތިވާންޖެހޭނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. އާޚިރަތް ދުވަހަށެވެ.
ވީމާ މިކޔައިން ކަންކަމަށް ކަންބޮޑުވެވޭނަމަ އަވަހަށް ސިކުނޑިން މަކުނުވައުތައް ފޮޅައި ސާފުކޮށްލާށެވެ! ﷲ ތަޢާލާގެ ވަހީބަސްފުޅުތަކާއި ރަސޫލް ﷺ ގެ ޙަދީޘްފުޅުތަކަށް ވިސްނައި އިތުބާރުކުރަން މަސައްކަތްކުރާށެވެ! އެއިރުން ހުރިހާ ކަންބޮޑުވުންތަކުންވެސް ސަލާމަތްވެވުނީއެވެ. އިން ޝާ ﷲ
އިސްލާމީ ތިލަފަތުގެ ދަރުސަކުން