ކައިވެންޏަށްފަހު ބައިވެރިޔާގެ ރުހުން ލިބޭނެ ގޮތަށް ކަންކަން ނުކުރާނަމަ ކުދިކުދި ކަންކަން ބޮޑުވެ، ގިނަވެ ކައިވެނި ރޫޅާލަންޖެހޭ ހިސާބަށްވެސް ކަންކަން އެބަދެއެވެ. އެއިގެ ތެރެއިން އެންމެ ގިނަ ބައަކަށް ޖެހޭ އެއް މައްސަލައަކީ ބައިވެރިޔާ ނުރުހޭ މީހުންނާއި ގުޅުން ބޭއްވޭކަމެވެ. ވާހަކަ ދެއްކޭ ކަމެވެ.
ޢާއިލީ ގޮތުން ގުޅުން ބާއްވަންޖެހޭ މީހުން ފިޔަވައި އެހެން މީހުންނާއި ގުޅުން ބާއްވައި ވާހަކަދައްކައި ހަދަންވާނީ ދެމަފިރިންގެ މެދުގައި މައްސަލަ ނުޖެހޭނެ ގޮތަށެވެ. އެކަމުގައި ދެމީހުންވެސް އެކަކު އަނެކަކަށް އިޙްތިރާމްކުރަންވާނެއެވެ.
ތިރީގައިވާ ލިޔުމުގައިވާ ކަންކަމަކީ ކޮންމެ ދެމަފިރިއަކުވެސް ސަމާލުކަންދިނުން ވަރަށް މުހިންމު ކަންތަކެވެ. ސަމާލުކަން ދީފިނަމަ ދިރިއުޅުމަށް ބޮޑެތި ފައިދާތަކެއް ކުރާނެއެވެ. އިން ޝާ ﷲ
ދެމަފިރިންގެ ގުޅުން ރަނގަޅުގޮތުގައި ކުރިއަށް ގެންދަން އެދޭނަމަ އެކަކު އަނެކެކަށް އިޙްތިރާމްކުރަންވާނެއެވެ. އެކަކު ބޭނުންވެގެން އެދޭ ކަންކަން އަނެކަކު ކުރަންވާނެއެވެ. ނުކުރަން ބުނާ ކަންކަން ކޮށްގެންވެސް ނުވާނެއެވެ.
އަނބިމީހާ ނުވަތަ ފިރިމީހާ އެދުމުން އެމީހެއްގެ ފޯނުގައި އިން އެހެން މީހެއްގެ (ދުރުހިލޭ މީހުންގެ) ކޮންޓެކްޓް ޑިލީޓްކޮށް އެމީހަކާއި އިތުރަށް ވާހަކަ ނުދައްކައި ހުރުމަކީ ދެމީހުންނަށް ވެސް ކުރުން ވާޖިބުކަމެކެވެ. އަދި އެކަންވާނީ ﷲ ތަޢާލާ ޘަވާބު ދެއްވަވާ އަޅުކަމަކަށެވެ.
ކައިވެންޏަށްފަހު ދެމީހުން ވެސް ވާންޖެހޭނީ އެކަކު އަނެކަކަށް އެންމެ މުހިންމު މީހާ ކަމަށެވެ. އެކަން ޤަބޫލުކޮށް އަމަލުނުކުރާނެ ނަމަ ކައިވެނިކޮށްގެން އުޅުމަކީ އެއްވެސް މުހިންމުކަމެއް ނޫނެވެ. އެކަމުގެ އެއްވެސް ބޭނުމެއްވެސް ނެތެވެ. ވީމާ އެންމެ މުހިންމުވާންޖެހޭ މީހާއަށްވުރެ މުހިންމު ހަމައެކަކުވެސް ހުރެގެން ނުވާނެއެވެ.
ޙަދީޘްފުޅުގައި އޮތީ އަހަރެމެންގެ ތެރެއިން އެންމެ ހެޔޮކަންބޮޑު މީހަކީ އެމީހާގެ ބައިވެރިޔާއަށް އެންމެ ހެޔޮ މީހާކަމަށެވެ. މި ހަދީޘްފުޅަކީ ހަމައެކަނި ފިރިމީހާގެ މައްޗަށް އޮތް ޙަދީޘްފުޅެއް ކަމަށް ބަލައިގެންނުވާނެއެވެ. މިއީ ހަމަ ދެމަފިރިންގެ މައްޗަށްވެސް އޮތް ހަދީޘްފުޅެކެވެ. ފިރިމީހާ އަނބިމީހާއަށް އެންމެ ހެޔޮކަންބޮޑުމީހާކަމުގައިވާން އޮތްއިރު ހަމައެކަން އެގޮތަށް އަނބިމީހާއަށް ވެސް އޮންނާނެއެވެ.
ބައިވެރިޔާ، ވަކިމީހެއްގެ ކޮންޓެކްޓް ޑިލީޓްކުރަން ބޭނުންވެގެން ބުނާނީ އެމީހަކާއި ވާހަކަދައްކަން އޭނާ ނުއެދޭތީއެވެ. އެކަމާއިމެދު ހިތްހަމަނުޖެހޭތީއެވެ. އެކަމުން ހިތަށް ނުތަނަވަސްކަން ލިބޭތީއެވެ. އެފަދަ ނުތަނަވަސްކަން ފިލުވައި ނުދީ އެންމެ ހެޔޮކަންބޮޑު މީހާއަށް ވެވޭނީ ކިހިނަކުން ހެއްޔެވެ؟ އަނެކާ ކަންބޮޑުވުމެއްގައި ބަހައްޓާނަމަ އެވެވެނީ އަނިޔާވެރިއަކަށް ނޫންހެއްޔެވެ؟
މިބުނަނީ ހަމަ ތެދަށެވެ! އަހަރެންގެ އަނބިމީހާ އަހަރެންގެ ފޯނުން އެއްވެސް މީހެއްގެ ކޮންޓެކްޓް ޑިލީޓްކުރަން ބުނެފިނަމަ އަހަރެން ވަގުތުން ޑިލީޓްކުރާނަމެވެ. ސަބަބަކީ އެކަމުގެ ސަބަބުން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ﷲ ތަޢާލާ އާއި އަހަރެން އިތުރަށް ކުއްތަންވާނެތީއެވެ.
މީސްތަކުންނޭވެ! އެކޮންޓެކްޓެއް ޑިލީޓްކުރުމުން ލިބިދާނެ ބޮޑު ގެއްލުމެއް އޮތްނަމަ އެކަން ވިސްނައިދޭށެވެ! އެކަން އޭނާއަށް ޤަބޫލުކުރެވޭވަރަށް ކިޔައިދޭށެވެ! އެއްވެސް ކަމެއް ނުފޮރުވައި ތެދަށް ކިޔައިދޭށެވެ! އެވަރުންވެސް ހިތްހަމަ ނުޖެހިއްޖެނަމަ އެންމެ ރަނގަޅު ގޮތަކީ ހަމަ ޑިލީޓްކޮށް ދެމަފިރިންގެ ގުޅުމަށް ލޮޅުމެއް ނުއެރުވުމެވެ.
ވިސްނައިލާށެވެ! ފޯނުގައި ހުންނަ އެތައް ހާސް ކޮންޓެކްޓެއްގެ ތެރެއިން އެންމެ މީހަކު ޑިލީޓްކުރަން އެބުނަނީ ސބަބެއް އޮވެގެންނެވެ. އެގޮތަށް ބުނާނީ އެމީހަކާއި ވާހަކަ ދެއްކުމުން ދިރިއުޅުމަށް ގެއްލުމެއް ލިބިދާނެތީ އެކަމުން ސަލާމަތްކުރުމުގެ ބޭނުމުގައެވެ. ވީމާ އެކަމަށް އިޙްތިރާމްކުރާށެވެ!
- މުފްތީ މެންކުގެ ދަރުސަކުން